ހިޔާ ފްލެޓް ސަރަހައްދުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާވެސް ހިނގަން މެދުވެރިވީ ނިއްވާނުލައި އެއްލާލި ސިނގިރެޓު ބުރިއަކުންކަން ދެނެގަނެވިފައިވާކަމަށާއި ފިޔަވަޅު އަޅަންޖެހިދާނެކަމުގައި އަރބަންކޯއިން ބުނެފިއެވެ.
ހިޔާ ފްލެޓްތަކުގެ ބެލެނިވެރިފަރާތްކަމުގައިވާ އަރބަންކޯއިން މިހެން ބުނެފައިވަނީ މިރޭ ހިނގި އަލިފާނުގެ އެ ހާދިސާއާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުން ބުނެފައިވަނީ މިއީ ހިނގާ ރަމަޟާން މަހު ހިނގި މިފަދަ ދެވަނަ ހާދިސާ ކަމަށާއި އެގޮތުން ހިޔާގެ ފަސްވަނަ ޓަވަރުގައި މިދިޔަ ހަފްތާ މިފަދަ ހާދިސާއެއް ހިނގި އިރު މި ދެ ހާދިސާވެސް ހިނގާފައިވަނީ ނިއްވާނުލާ އެއްލާލި ސިނގިރެޓު ބުރިއަކުންކަން އެ ކުންފުނިން ބެލި އިރު އެނގިފައިވާކަމަށެވެ.
" މިފަދަ އިހުމާލުގެ އަމަލުތަކަކީ މި ކުންފުނިން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫން" އަރބަންކޯއިން ބުނެފައިވެއެވެ.
އެ ކުންފުނިން ބުނެފައިވަނީ ހިޔާ ފްލެޓުތަކާއި އަދި މި ނޫންވެސް ސޯޝަލް ހައުސިން ޔުނިޓުތައް އަރބަންކޯއިން އާންމުންނަށް ފޯރުކޮށްދީފައިވާނީ ވަކި އެއްބަސްވުމެއްގެ ދަށުން ކަމަށާއި ހިޔާ ފްލެޓުތައް ފަދަ ގިނަ މީހުން ދިރިއުޅޭ އެއްމެހާ އިމާރާތްތަކުގައި އާންމުންގެ ސަލާމަތާ ރައްކާތެރިކަން ގެއްލޭނެފަދަ އެއްވެސް އަމަލެއް ކުރުމާއި، އުނދަގޫވާނެ ފަދަ ކަންކަން ކުރުމަކީ ގާނޫނީ އެއްބަސްވުމެއްގެ ދަށުން މަނާކޮށްފައިވާ ކަންކަން ކަމަށެވެ.
އޭގެ ތެރޭގައި ސިނގިރޭތު ބުއިމާއި، އަލިފާން ރޯކުރުމާއި، އިމާރާތުގައި ދިރިއުޅޭ ބަޔަކަށް ނުވަތަ އިމާރާތަށް ގެއްލުމެއް ވާނެ އެއްވެސް ކަމަކީ މަނާ ކަންކަކަން ކަމަށާއި އަދި ވަކިން ހާއްސަކޮށް ފްލެޓުގެ ބެލްކަނިން ބޭރަށް ނުވަތަ ކޮރިޑޯއަށް އާންމުންނަށް އުނދަގޫވާނެ ގޮތަށް ވޭޕް ކުރުމާއި، ސިނގިރޭޓު ބުއިން އަދި އަޅިކެނޑުމަކީ މަނާކަމެއްކަން މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެކަމުގައި އަރބަންކޯއިން ބުނެފައިވެއެވެ.
" މިފަދަ ކަންކަމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި މި ކުންފުނިން ހަދާފައިވާ އުސޫލުތަކަކަށް ވާއިރު، ގާނޫނީ އެއްބަސްވުމުގެ ދަށުން މިކަންކަމުގައި ފިޔަވަޅު އެޅިގެންދާނެ" އަރބަންކޯއިން ބުނެފައިވެއެވެ.
އެގޮތުން އެގޮތުން މިފަދަ އަމަލުތަކަކީ އެ އަމަލެއް ތަކުރާރުވާ މިންވަރާއި، އެއްބަސްވުމާއި ހިލާފުވެފައިވާ މިންވަރަށް ބަލައި 1،000 ރުފިޔާ އާއި 100،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަންކަމެވެ. މިފަދަ ހާދިސާތައް ތަހުގީގު ކުރުމަށްފަހު ރައްޔިތުންގެ ސަލާމަތަށް އިހުމާލުވެފައިވާ ފަރާތްތަކުގެ ޔުނިޓް އަތުލުމުގެ ފުރުސަތުވެސް އޮންނާނެކަމުގައި ބުނެފައިވެއެވެ. އަދި މިފަދަ އަމަލުތައް ހިންގާ އެންމެ ފަރުދެއްގެ މަސްލަހަތަށްވުރެ އަރބަންކޯ އަށް އަބަދުވެސް މުހިންމުވާނީ އަދި އިސްކަން ދޭނީ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްކަން ހަނދުމަކޮށް އަރުވާފައިވެއެވެ.
އަރބަންކޯއިން އިތުރަށް ބުނެފައިވަނީ ހިޔާ ސަރަހައްދަކީ މުޅި ހުޅުމާލެއަށް ބަލާއިރުވެސް އެ ސަރަހައްދެއްގައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ސަރަހައްދެއް ކަމަށާއި އެގޮތުން 25 ހާސް އަށްވުރެ ގިނަ މީހުންގެ އާބާދީއަކަށް ޖާގަ އޮތް އެ ސަރަހައްދުގައި ދިރިއުޅޭ އިރު، ކޮންމެ ފަރުދަކީވެސް އަމިއްލަ ސަލާމަތެކޭ އެއްފަދައިން އަނެކުންގެ ސަލާމަތާ ރައްކާތެރިކަމަށްވެސް ސަމާލުކަންދޭ އަދި އެއްބަޔަކު އަނެއް ބަޔަކަށް އެ އިހްތިރާމާއި ގަދަރުކުރާ ބަޔަކަށް ވުމަށް އެ ކުންފުނިން އިލްތިމާސް ކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް