ރާއްޖެއަށް އެތެރެ ކުރި ފަސް ކިލޯގެ މަސްތިވާތަކެތީގެ މައްސަލައިގަ ހައްޔަރު ކުރި އިންޑިއާ މީހާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
އުމުރުން53 އަހަރުގެ އިންޑިއާގެ އެ އަންހެން މީހާ ރާއްޖެ އައީ ވައިގެ މަގުން އިތިއޯޕިއާއިންނެވެ. އޭނާ އަތުން މަސްތުވާތަކެތި ފެނިފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން އެ ކޯޓުން އަންގާފައިވަނީ ތިން ދުވަހަށް ބަންދު ކުރުމަށެވެ. އަދި ތަރުޖަމާނެއް އޭނާއަށް ހަމަޖައްސާފައި ނުވާތީ ދެން އޮންނަ މަޖިލީހަކަށް ތަރުޖަމާނަކާ އެކު ހާޒިރުކުރަން ކޯޓު އަމުރުގައި ފުލުހުންނަށް އަންގާފައިވެ އެވެ.
ކަސްޓަމްސްއިން ބުނީ އެ އަންހެން މީހާ އަތުގައި މަސްތުވާތަކެތި ހުރިކަން އެނގުނީ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ. އޭނާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރީ އަތް ދަބަހުގައި އެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ފަސް ކިލޯ ހުރި އިރު އެތަކެތީގެ އަގު ހަ މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސުން ބުނެފައިވެ އެވެ.
އިއްޔެވެސް ކަސްޓަމްސްއިން ވަނީ ރާއްޖެ ގެނައި މަސްތުވާތަކެތިތަކެއް އަތުލައިގެންފަ އެވެ. ޕާކިސްތާނުގެ ކަރާޗީން އައި އެމީހާގެ އަތުން ފެނުނު މަސްތުވާތަކެތީގެ އަގު ހަ މިލިއަނަށް އަރަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް