ދީނީ ކަންކަމަށް ހޭލުންތެރި ކުރުމަށް އާބަންކޯއާ އަލް ހިޖްރަ ޖަމިއްޔާ ގުޅިގެން ހަރަކާތެއް ބާއްވަނީ

ދީނީ ކަންކަމަށް އާންމުން ހޭލުންތެރި ކުރުމަށާއި، މައުލޫމާތު ފޯރުކޮށްދީ މިކަންކަމުގެ ތެރޭގައި މީހުން މަޝްއޫލުކުރުމުގެ މަގްސަދުގައި އަރބަންކޯ އަދި އަލް ހިޖްރަ ޖަމިއްޔާ ގުޅިގެން އައުޓް ރީޗް ހަރަކާތެއް ބޭއ...

14 Apr 2023 | 11:21

ދީނީ ކަންކަމަށް އާންމުން ހޭލުންތެރި ކުރުމަށާއި، މައުލޫމާތު ފޯރުކޮށްދީ މިކަންކަމުގެ ތެރޭގައި މީހުން މަޝްއޫލުކުރުމުގެ މަގްސަދުގައި އަރބަންކޯ އަދި އަލް ހިޖްރަ ޖަމިއްޔާ ގުޅިގެން އައުޓް ރީޗް ހަރަކާތެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް އާބަންކޯއިން ބުނީ މި ހަރަކާތް ހިންގުމުގެ މަޤްސަދަކީ ރަމަޟާން މަސްތެރޭގައި ދީނީ ކަންކަމަށް އާންމުން ހޭލުންތެރި ކުރުމަށާއި މަޢުލޫމާތު ފޯރުކޮށްދީ މިކަންކަމުގެ ތެރޭގައި މީހުން މަޝްއޫލު ކުރުން ކަމަށެވެ.

އަދި މި ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 4 އިން ފެށިގެން 5:30 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.

އާބަންކޯ އިން ބުނީ އަލް ހިޖްރަ ޖަމިއްޔާ އިން ކުރިއަށްގެންދާ މި ހަރަކާތުގައި، ކުޑަކުދިންނަށް ޚާއްސަ ސެޝަންތަކުގެ އިތުރަށް ބޮޑެތި މީހުންނަށް ޚާއްސަ ބައިތައް ވެސް އޮންނާނެ ކަމަށެވެ.

އެގޮތުން ސެންޓްރަލް ޕާކު ސަރަހައްދުގައި އެކި ސްޓޯލްތައް ހަދާފައި ހުންނަ އިރު އެ ސްޓޯލްތަކުގައި ފޭސް ޕެއިންޓިންގ އާއި، ހީނާ އާޓް އަދި މި ނޫން ވެސް ކުޑަކުދިންނާ ގުޅުންހުރި އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ.

ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން އެ ސަރަހައްދުގައި ދީނީ އިލްމު އުނގެނިފައިވާ ޝައިހުން ހަރަކާތްތެރިވާއިރު، ދީނީގޮތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމާ މެދު ސުވާލުކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އާބަންކޯ އިން ހާމަކުރެއެވެ.

މީގެ އިތުރަށް އާބަންކޯ އިން ބުނީ މި ހަރަކާތުގެ ތެރޭގައި ދީނީ އެކި ފޮތް އަދި ލީފްލެޓާއި، މުސްހަފް ވެސް ހިލޭ ބެހުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އަލް ހިޖުރަ އަދި އަރބަންކޯ ގުޅިގެން މިއަދު ބާއްވާ މި ހަރަކާތުގެ އިތުރަށް ހޮނިހިރު ދުވަހު އިސްލާމިކް މިނިސްޓްރީން ބާއްވާ އައުޓްރީޗް ހަރަކާތެއް ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް