ރަސޫލާ މުޢާމަލާތު ކުރެއްވި ގޮތް އުނގެނި ޢަމަލު ކުރާނަމަ މުޖުތަމަޢުގައި ހުރި މައްސަލަތައް ނެތި ހިނގައިދާނެ: އަނީލް

ރަސޫލާ ﷺ މުޢާމަލާތުކުރެއްވި ގޮތް އުނގެނި ޢަމަލު ކުރާނަމަ މި މުޖުތަމަޢުގައި ހުރި ހުރިހާ މައްސަލަތަކެއް ނެތި ހިނގައިދާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމ...

14 Apr 2023 | 09:44

ރަސޫލާ ﷺ މުޢާމަލާތުކުރެއްވި ގޮތް އުނގެނި ޢަމަލު ކުރާނަމަ މި މުޖުތަމަޢުގައި ހުރި ހުރިހާ މައްސަލަތަކެއް ނެތި ހިނގައިދާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ "އެންމެ ހެޔޮ އިންސާނާގެ އިޖުތިމާޢީ މުޢާމަލާތްތައް” މި މައުޟޫޢަށް އިޙްޔާ ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދިޔަ މި ފޯރަމްގައި ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލްގެ އިތުރުން އައްޝައިޚް ނިމާލް މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސްޓޭޓް މިނިސްޓަރ އަނީލްގެ ވާހަކަފުޅު ފައްޓަވާފައި ވަނީ ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި ދިމާވި ދަތި އުނދަގޫތަކަށް ބައްލަވައި އެފަދައިން ކަންކަން ދިމާވިއިރު ވެސް އެކަލޭގެފާނު އެ މުޖުތަމައުގައިވާ ފަރާތްތަކާ މުޢާމަލާތު ކުރެއްވި މަތިވެރި ގޮތްތައް ތަފްސީލްކޮށް ދެއްވަމުންނެވެ.

އެގޮތުން ދީނަށް ގޮވައިލައްވަން ފެއްޓެވުމާއިއެކު އެކަލޭގެފާނަށް ކުރިމަތިވި ދުއްތުރާތަކާއި އަނިޔާތަކަށް ބައްލަވައި އެހުރިހާ ކަމެއް ހިނގިއިރުވެސް އެކަލޭގެފާނު މުޢާމަލާތު ކުރެއްވި ނަމޫނާއަކީ މިއަދުގެ ޖީލު އެކަންކަން ދިރާސާކޮށް އުނގެނި އަދި ދަސްކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާފައި ވެއެވެ.

އަދި އެކަލޭގެފާނު މުޢާމަލާތުކުރެއްވި ގޮތަށް މި މުޖުތަމައުގެ ފަރުދުން މުޢާމަލާތުކުރާނަމަ މި މުޖުތަމަޢުގައި މިހުރި ހުރިހާ މައްސަލަތަކެއް ނެތި ހިނގައިދާނެކަމަށް ސްޓޭޓް މިނިސްޓަރ އަނީލް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ވަނީ ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި، އެ މުޖުތަމައުގެ ވަކިވަކި ފަރުދުންނާމެދު ރަސޫލާ ﷺ މުޢާމަލާތު ކުރެއްވި ގޮތަށް ބައްލަވައި، ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު އެކަލޭގެފާނު މުޢާމަލާތުކުރެއްވި ގޮތާއި، ފަޤީރުންނާމެދު މުޢާމަލާތުކުރެއްވި ގޮތަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

ހަމައެހެންމެ އެކަލޭގެފާނުގެ ސީރަތު ދިރާސާކޮށް އެކަލޭގެފާނު މުޢާމަލާތު ކުރެއްވިގޮތް ބެއްލެވުމަށް ފޯރަމްގެ ބައިވެރިންނަށް އިލްތިމާސް ކުރެއްވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ނިމާލް މުޙައްމަދު ވަނީ ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި ދިމާވި ތަފާތު ހާދިސާތަކަށް ބައްލަވައި އެކަލޭގެފާނު ދެއްކެވި ނަމޫނާތަކަށް ވަރަށް ފުރިހަމައަށް ބައްލަވާ ލައްވާފައެވެ.

އަދި އޭރު އެ މުޖުތަމަޢާއި މިހާރު އަޅުގަނޑުމެން އުޅެމުން މިދާ މުޖުތަމަޢަށް ބައްލަވައި ރަސޫލާ ﷺ މުޢާމަލާތު ކުރެއްވި ރިވެތި ގޮތްތައް އަޅުގަނޑުމެންނަށް މުހިންމުވާ ސަބަބުތަކަށް ބައްލަވާލައްވާފައި ވެއެވެ.

އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނާމެދު ކަންކަން ކުރެއްވި ގޮތާއި މުޢާމަލާތުކުރެއްވި ގޮތްތަކަށް ބައްލަވައި މިއަދު އެކަލޭގެފާނުގެ ނަމޫނާގައި އަޅުގަނޑުމެން ތިބިނަމަ މި މުޖުތަމައުގައި ގިނަވެފައިވާ ވަރި، މަދުވާނެކަމާއި ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކަށް ޙައްލު އަންނާނެކަން ފާހަގަ ކުރެއްވިއެވެ.

ރަސޫލާ ﷺގެ ހަދީޘަށް ބައްލަވަމުން ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ތިޔަބައިމީހުންގެ އަނބިންނަށް، އެންމެ ހެޔޮ މީހާކަން ފާހަގަކުރައްވައި، އެކަލޭގެފާނު އަނބިއަނބިކަނބަލުންނާއެކު ވަގުތު ހޭދަކުރެއްވިގޮތާއި، ހިތާމައެއް ދިމާވުމުން އެކަލޭގެފާނު އަނބިއަނބި ކަނބަލުންނަށް އޯގާތެރިވެ ވަޑައިގެންނެވި ގޮތަށް ބައްލަވާ ލެއްވިއެވެ.

އަދި ގާތްތިމާގެ މީހުންނާއި އަވައްޓެރިންނާއި ޣައިރު މުސްލިމުންނާމެދު ޢަމަލު ކުރެއްވި ގޮތާއި މުޢާމަލާތުކުރެއްވި ގޮތްވެސް މިސާލާއިއެކު ތަފްސީލު ކޮށްދެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް