ދާއިރާގެ ކުޅިވަރު ދަނޑުތައް ނުނިމޭތީ ރާއީގެ ނުރުހުމުގެ ޝުކުރު މިނިސްޓަރަށް!

މަކުނުދޫ ދާއިރާގެ ރަށްތަކުގައި ޔޫތް މިނިސްޓްރީން ކުރިޔަށް ގެންދަން ނިންމާފައިވާ މަޝްރޫއުތައް ކުރިޔަށް ނުދާތީ އެ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ނުރުހުން ފާޅު ކުރައްވައިފި އެވެ. ރާއީގެ ނުރުހުމުގެ ޓުވ...

14 Apr 2023 | 06:20

މަކުނުދޫ ދާއިރާގެ ރަށްތަކުގައި ޔޫތް މިނިސްޓްރީން ކުރިޔަށް ގެންދަން ނިންމާފައިވާ މަޝްރޫއުތައް ކުރިޔަށް ނުދާތީ އެ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ނުރުހުން ފާޅު ކުރައްވައިފި އެވެ.

ރާއީގެ ނުރުހުމުގެ ޓުވީޓުތައް އޮއްސާލެއްވީ ގދ. ތިނަދޫގައި ސަރުކާރުން ހަރަދުކޮށްގެން އެޅި ހޭންޑް ބޯލް ކޯޓު ނިންމިކަން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު އިއުލާނު ކުރެއްވުމުންނެވެ. މަހުލޫފު ވިދާޅުވީ އެއީ ރަށެއްގައި ފުރަތަމަ އެޅި އައުޓް ޑޯ ހޭންޑްބޯލް ކޯޓު ކަމަށެވެ.

އެ ޓުވީޓާއި އެކު ރާއީ ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހދ. މަކުނުދޫގައި ހޭންޑްބޯލް ކޯޓެއް އަޅަން ކުންފުންޏަކާއި ހަވާލު ކުރުމުގެ ރަސްމިއްޔާޓުގައި އޭނާ ކުރެއްވި ޓުވީޓު ހިއްސާ ކުރައްވާފައި އެވެ. އެ ދުވަހު ރާއީ ވިދާޅުވީ ހދ. އަތޮޅުގައި ހޭންޑްބޯލް ކުޅޭ އެންމެ ގިނަ އަންހެން ކަނބަލުން މަކުނޫގައި ތިބޭއިރު އެ ކޯޓަކީ މުހިންމު ތަނަކަށް ވާނެ ކަމަށެވެ.

މަސައްކަތް ހަވާލު ކުރި ފަހުން މިހާރު ހަ މަސްވެފައިވާއިރު ރާއީ ވިދާޅުވީ އަދިވެސް އެއްވެސް މަސައްކަތެއް ނުފަށާ ކަމަށެވެ. އަދި ކޮންޓްރެކްޓަރުގެ ހަބަރެއްވެސް ނުވާ ކަމަށާއި މިނިސްޓަރު މަހުލޫފަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

އިތުރު ޓުވީޓެއްގައި ރާއީ ވިދާޅުވީ ނޭކުރެންދޫ ބޮޑު ފުޓުބޯޅަ ދަނޑު 2020 ވަނަ އަހަރު ނިންމާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު އަދި އޮތީ ހުސް ވިނަކަން އަންގައި ދިނުމުގެ ގޮތުން ދަނޑުގެ ވީޑިއޯއެއް ހިއްސާ ކުރުމަށް ފަހު އަނެއްކާވެސް ވަނީ މަހުލޫފަށް ޝުކުރު އަދާ ކުރައްވާފައި އެވެ.

ރާއީ އަކީ ދެފަޅިވެފައިވާ އެމްޑީޕީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ދާއިރާގެ ރަށްތަކުގައި ކުރިޔަށް ގެންދާނެކަން އިއުލާނު ކޮށްފައިވާ މަޝްރޫއުތައް ލަސްކަން ފާހަގަ ކޮށް ވަރަށް ގިނައިން ހިތްހަމަ ނުޖެހުން ފާޅު ކުރައްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް