ޕެޓެއްގެ ގޮތުގައި ވެލާ، ކަހަނބު ގެންގުޅޭނަމަ ރިޕޯޓް ކުރުމަށް އެދިއްޖެ

ގޭގައި ބަންދުކޮށްގެން ޕެޓެއް ގޮތައް ވެލާ ކަހަނބު ގެންގުޅޭނަމަ ރިޕޯޓު ކުރަން އޮލިވް ރިޑްލީ  އިން އިލްތިމާސް ކޮށްފިއެވެ. އޮވް ރިޑްލީ އަކީ ވެލާ ކަހަނބުގެ ހިމާޔަތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއް...

14 Apr 2022 | 14:20

ގޭގައި ބަންދުކޮށްގެން ޕެޓެއް ގޮތައް ވެލާ ކަހަނބު ގެންގުޅޭނަމަ ރިޕޯޓު ކުރަން އޮލިވް ރިޑްލީ  އިން އިލްތިމާސް ކޮށްފިއެވެ.

އޮވް ރިޑްލީ އަކީ ވެލާ ކަހަނބުގެ ހިމާޔަތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ އެކެވެ. އޮލިވް ރިޑްލީ އިން ވަނީ ދިވެހިރާއްޖޭގައި ވެލާ ކަހަނބުގެ ހިރާސް ދެނެގަތުމުގެ ފުރަތަމަ ދިރާސާ ކުރިއަށް ގެންދިއުމުގައި އިސް ދައުރެއް އަދާ ކޮށްފައެވެ.

އެ ޖަމިއްޔާއިން ބުނީ ވެލާކަހަނބަކީ ކަނޑުގެ ދިރުމެއް ކަމަށާއި ގޭތެރޭގައި ގެންގުޅޭވޭނޭ ޖަނަވާރެއް ނޫން ކަމަށެވެ. ގޭގައި ބަންދުކޮށްގެން ވެލާ ގެންގުޅޭނަމަ، އެވެލައަށް ގުތުރަތީގޮތުން ބޭނުންވާނޭ ކާނާއާއި، ހަރަކާތްތެރިވެ ދުޅަހެޔޮވާން ބޭނުންވާނޭ އޮޔާއި މާކަނޑުގެ ޖާގަފަދަ ތަކެތި ފޯރުވައި ނުދެވޭނެ ކަމަށެވެ.

އެހެންކަމުން ގޭގައި ވެލާ ގެންގުޅޭ އިރު މިބެހެއްޓެނީ ނިކަމެތި ފެންވަރުގައި ކަމަށް އޮލިވް ރިޑްލީ އިން ބުނެފައި ވެއެވެ. އޮލިވް ރިޑްލީއިން ބުނީ ބައެއް ފަހަރު ގޭގައި ޕެޓެއް ގޮތަށް ގެންގުޅޭ ޅަވެލާ ކަހަނބު ރީތި ފެނުގައި ގެންގުޅޭ ކަމަަށެވެ.

އަދި މިކަމުން ވެލައަށް އެތަކެއް މެޓަބޮލިކް މައްސަލަ ދިމާވާކަމަށާއި ރީތި ފެނުގައި ގެންގުޅޭ ވެލާކަހަނބު މޫދަށް ދޫކުރުމުގެ ކުރިން "ސޯލްޓްވޯޓަރ ތެރަޕީ" މިކަމުގެ މާހިރެއްގެ ފަރާތުން ބޭނުންވާނެ ކަމަށެވެ.

މިގޮތުން ގޭގައި ގެންގުޅޭ ވެލާ، ކަހަނބު ކުޑަ ޖާގައެއްގައި ގެންގުޅުމުން އޭގެ މަސުލްސްތައް ފުރިހަމައަށް އުފެދުމަށް ހުރަސްއެޅި ހަށިގަނޑު ބަލިކަށިވާކަމަށާއި މިހެންކަމުން އަނބުރާ އޭގެ މާހައުލަށް ދޫކޮށްލިޔަސް ދިރިހުރުމުގެ ފުރުސަތު ކުޑަވާކަމަށް އޮލިވް ރިޑްލީއިން ބުނެފައި ވެއެވެ.

މީގެ އިތުރުން ގޭގައި ގެންގުޅޭ ވެލާކަހަނބު ގިނަގިނައިން އަތްމައްޗަށްނެގުމުގެ ސަބަބުން އޭގެ ވޮށިގަނޑު އުފެދުމުގައި އުނިކަން އިތުރުވެ، އިންސާނުންގެ ފަރާތުން ވެލާކަހަނބަށް ޖަރާސީމުފޯރުމަށް މަގުފަހިވެއެވެ.

އަދި ވެލާކަހަނބާއި ނުގުޅޭ ކާނާ ދިނުމުގެ ސަބަބުން އެތެރެހަށީގެ މައްސަލަ ދިމާވެ، އެއަށް ބޭނުންވާ ނިއުޓްރިޝަން ނުލިބި، ބޮޑުވުމަށް ހުރަހަކަށްވާ ކަމަށް އޮލިވް ރިޑްލީ އިން ހާމަކުރެއެވެ. އެހެންކަމުން އޮލިވް ރިޑްލީއިން ބުނީ ވެލާކަހަނބު ގޭގައި ގެންގުޅެންވީ އެއްވެސް ސަބަބެއް ނެތްކަމަށާއި، ވެލާކަހަނބަކީ މިހާރު ދިވެހި ރާއްޖޭގައިވެސް ނެތިދިޔުމުގެ ނުރައްކަލުގައިވާ ދިރުމެއް ކަމަށެވެ.

އަދި ވެލާކަހަނބު ހިފުން ނުވަތަ ގެންގުޅުމަކީވެސް ޤާނޫނީ ކުށެއް ކަމަށާއި އެއްވެސް ހާލެއްގައި ވެލާކަހަނބު ބިހުންފީވެގެން މޫދަށްކުރާ ދަތުރަށް ހުރަސްއަޅާ، ވެލާކަހަނބު ބަންދުކޮށްގެން ގެންގުޅުމަކީ އޭގެ ދިރިހުރުމަށް އޮތް ބޮޑު ހުރަހެއް ކަމަށް އޮލިވް ރިޑްލީ އިން ހާމަކުރެއެވެ.

އޮލިވް ރިޑްލީއިން ބުނީ ދުނިޔެއަށް އުފަންވާ ކޮންމެ 1000 ވެލާކަހަނބުގެ ތެރެއިން، ދަރިމައިވާ އުމުރަށް ބޮޑުވާނީ އެންމެ ވެލައެއް ކަމަށާއި އެހެންކަމުން ވެލާކަހަނބު ހިމާޔަތްކުރަން މަސައްކަތްކުރުމަކީ އެންމެންގެވެސް ޒިންމާއެއް ކަމަށެވެ.

ރާއްޖެގައި ވެލާކަހަނބު ބަންދުކޮށްގެން ގެންގުޅޭކަމުގެ މައުލޫމާތު ލިބިފައިވާނަމަ، ލަސްނުކޮށް އީޕީއޭގެ ހޮޓްލައިން 7980371 އަށް އަދި ވެލާކަހަނބަށް އެހީއެއް ބޭނުންވާނަމަ އޮލިވް ރިޑްލީ ޕްރޮޖެކްޓްގެ ރެސްކިއު ސެންޓަރަށް 9552205 ގުޅައި މަޢުލޫމާތު ހިއްސާ ކުރެވޭނެ ކަަމަށް އޮލިވް ރިޑްލީއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް