ފަތުރުވެރިކަމުގެ ދާއިރާއިން އާދަޔާ ހިލާފު ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް ހާއްސަ އިނާމު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ހާއްސަ އިނާމާބެހޭ ކޮމިޓީގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ ކޮމިޓީ އަލުން އެކުލަވައިލައްވައި، އެ އެ ކޮމިޓީއާ މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި، މުއްދަތު ހަމަވެގެންދިޔަ ކޮމިޓީގެ މެންބަރުން ކޮށްދެއްވި އިހުލާސްތެރި މަސައްކަތަށްޓަކައި އެ ކޮމިޓީގެ ހުރިހާ މެންބަރުންނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ހާއްސަ އިނާމާބެހޭ ކޮމިޓީ އަލުން އެކުލަވައިލެއްވިއިރު، ކުރިން ކޮމިޓީގައި ހިމެނިވަޑައިގެންނެވި 5 ބޭފުޅަކު ކޮމިޓީގައި ވަނީ ހިމަނުއްވާފައެވެ. ކޮމިޓީގެ ޗެއަރޕަރސަނަކަށް ހަމަޖެއްސެވީ، ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ޑޮކްޓަރ ޢަބްދުލްޢަޒީޒް ޔޫސުފާއި، ޑޮކްޓަރ އަޙްމަދު ޢަލިމަނިކާއި، ޢާއިޝަތު ޝާހީނާއި، މަރްޔަމް ޝިފްޒާނެވެ. ކޮމިޓީއަށް އަލަށް ޢައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ، ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙައްމަދާއި، އަލްއުސްތާޛާ ޢާއިޝަތު ސަމާޙެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ޚާއްޞަ އިނާމު ދެއްވުމުގައި މިހާތަނަށް ޢަމަލުކުރައްވަމުން ގެންދެވި އުޞޫލުތަކާ ބެހޭގޮތުން އިތުރަށް ކޮމިޓީގައި މަޝްވަރާ ކުރައްވައި، ގެންނަވަންޖެހޭ އިތުރު ބަދަލުތައް ގެންނެވުމަށް އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް