ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވި މިނެއްގައި އިއާދަވަމުން އައުމުގެ ސަބަބުން 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 7.6 އިންސައްތައިގައި ކުރިއަރައި އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން 2023 ވަނަ އަހަރު އިއާދަވާނެ ކަމަށް އަންދާޒާކުރެވުނު ނަމަވެސް ރާއްޖޭގެ ދަރަނި ބޮޑުވުމަކީ ކަންބޮޑުވުމެއް ކަމަށް ވާލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ސަރަހައްދީ އިގްތިސާދީ އަޕްޑޭޓުގައި ބުނެފި އެވެ.
މިއަދު ނެރެފައިވާ އެންމެ ފަހުގެ 'ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް ރީޝޭޕިން ނޯމްސް: އަ ނިއު ވޭ ފޯވާޑް'ގައި އަންދާޒާކޮށްފައިވާ ގޮތުގައި، މި ސަރަހައްދުގެ އިގްތިސާދު 2022 ވަނަ އަހަރު 6.6 ޕަސެންޓް އަދި 2023 ވަނަ އަހަރު 6.3 ޕަސެންޓް ކުރިއަރާނެ އެވެ. 2022 ވަނަ އަހަރުގެ ސަރަހައްދީ އަންދާޒާ، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރި އަސަރުތަކުގެ ސަބަބުން ޖަނަވަރީ މަހުގެ އަންދާޒާއާ އަޅާބަލާއިރު 1.0 ޕަސަންޓް ދަށްކޮށް ވަނީ މުރާޖައާ ކުރެވިފަ އެވެ.
ދެކުނު އޭޝިޔާގެ ގައުމުތަކުން މިހާރު ވެސް ދަނީ ތަކެތީގެ އަގުތައް އުފުލެމުން ދިއުމާއި ސަޕްލައިގެ ދަތިކަމާ އަދި މާލީ ދާއިރާތަކުގެ ނާޒުކުކަމާ ކުރިމަތިލާންޖެހިފަ އެވެ. ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި ގޮންޖެހުންތައް އިތުރުވެ، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އިތުރަށް އުފުލި އަދި މާލީ ހާލަތު މިހާރަށް ވުރެ ގޯސްވެގެންދާނެ އެވެ.
ސަރަހައްދީ އަޕްޑޭޓާ އެކު މިއަދު ނެރުނު 'މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް'ގެ އެންމެ ފަހުގެ އަދަދުގައި ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިއާދަވަމުން އައުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން އަންނަ މިންވަރު ދައްކުވައިދިނުމުގެ އިތުރަށް، އިގްތިސާދީ ކުރިއެރުމަށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެފަ އެވެ. މެދުރާސްތާގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރުގަދަވާނެ ކަމަށް ލަފާކުރެވޭއިރު، 2023 ވަނަ އަހަރު ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ނަމަވެސް، ޖީޑީޕީގެ ނިސްބަތުން ގިނަ އަދަދަކަށް ތެޔޮ އެތެރެކުރުމާއި ރަޝިއާ އާއި ޔޫކްރެއިންއިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމާއި ދަރަނީގެ ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ސަބަބުން ރާއްޖެއަށް ވަނީ ނާޒުކު ހާލަތެއް ކުރިމަތިވެފަ އެވެ. ދުނިޔޭގެ ހަކަތައިގެ އަގުތައް އިތުރަށް އުފުލިގެން ދިއުމަކީ އިތުރު މާލީ ބުރައެއް އުފުލަން ޖެހިދާނެ ކަމެކެވެ. ރަޝިއާ އާއި ޔޫކްރެއިންގެ ޓޫރިސްޓުންގެ އަދަދު ދިގު މުއްދަތަކަށް މަދުވުމާއި ކޮވިޑް-19ގެ އާ ރާޅުތަކުގެ ސަބަބުން ޓޫރިޒަމަށް ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޒަމާނުއްސުރެ ހިއްސާވާ ގައުމުތަކުންނާއި އާ މާކެޓުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމުގެ ކޮންމެވެސް ވަރެއްގެ އުއްމީދެއް އެބަ އޮތެވެ.
"ފަތުރުވެރިކަން ބާރަށް ކުރިއެރުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އިއާދަވާ މިންވަރު މައްޗަށް ދާނެ ކަމަށް ބެލެވޭއިރު، 2023 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިޤްތިޞާދު ކޮވިޑްގެ ކުރިން ހުރި މިންވަރަށް ދާނެ ކަމަށް ލަފާކުރެވޭ. ނަމަވެސް، މާލީ ހާލަތު ދެމެހެއްޓެނިވި މިންވަރެއްގައި ދެމެހެއްޓުމަށްޓަކައި ވަރަށް ބޮޑަށް ދަރަނި މެނޭޖްކުރުން ކޮންމެހެން ވެސް މުހިންމު،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ. "ފަތުރުވެރިކަމަށް ބަރޯސާވުމާއި އެހެން ދާއިރާތަކަށް އިގްތިސާދު ފުޅާކުރަން ހުރި ފުރުސަތުތައް ހަނިވުމަކީ ވެސް ނިޒާމީ ގޮތެއްގައި ހުރި ގޮންޖެހުންތަކެއް. ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރާއްޖެއަށް އެއްބާރުލުން ދީ، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކޮށް، ފެހި، ކާރިސާތަކަށް ތައްޔާރުވެފައި އޮންނަ އަދި އެންމެންގެ ބައިވެރިވުން އޮންނަ ތަރައްގީގެ މަގެއް ހޯދުމަށް އަޅުގަނޑުމެން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނަން."
މި ސަރަހައްދަށް ކުރިމަތިވެފައިވާ އަނެއް ގޮންޖެހުމަކީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އަންހެނުންނަށް ކުރިމަތިވެފައިވާ ބޮޑު އިގުތިސޯދީ ގޮންޖެހުމެވެ. ދެކުނު އޭޝިޔާގެ ރިޕޯޓުގައި މި ސަރަހައްދުގައި މިންތީގެ ތަފާތުކުރުންތައް އޮތް މިންވަރާއި އެ ކަންކަން މުޖުތަމައުގައި އަށަގެންފައިވާ އިޖްތިމާއީ މިންގަނޑުތަކާ ގުޅޭ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލުމުގެ އިތުރަށް، އިގްތިސާދީ ފުރުސަތުތައް އަންހެނުންނަށް ލިބުމަށް އެހީތެރިވެދޭނެ ސިޔާސަތުތައް ކަނޑައެޅުމާއި ތަފާތުކުރުންތައް ނައްތާލުމާ އަދި އެންމެން ޝާމިލުވާ ކުރިއެރުމަށްޓަކައި މިންތީގެ ހަމަހަމަކަމުގެ ނަތީޖާ ރަނގަޅުކުރުމަށް ލަފާދޭ ސިޔާސަތުތައް ހިމަނާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް