ރަމަޟާންމަހުގެ ފުރަތަމަ 11 ދުވަހު ޒަކާތުގެ ގޮތުގައި މާލެއިން އަށް ލައްކަ ރުފިޔާ

1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 11 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި މާލެއިން 878،646.00 ލިބިއްޖެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ބުނީ ޖުމްލަ 19523...

14 Apr 2022 | 06:26

1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 11 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި މާލެއިން 878،646.00 ލިބިއްޖެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ ޖުމްލަ 19523 މީހުން ޒަކާތް ދައްކާފައިވާއިރު މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުތަކަށް ޒަކާތް ދައްކާފައިވަނީ 4956 މީހުންކަމަށެވެ.

އަދި އޮންލައިންކޮށް ޒަކާތް ދެއްކީ 14567 މީހުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފާއިތުވި ރަމަޟާންމަހު، މި މުއްދަތުގެ ތެރޭގައި ޒަކާތުގެ ގޮތުގައި 899،031.00 ލިބިފައިވާއިރު 1441 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1،942،201.00 ރުފިޔާއެވެ.

މިދިޔަ 1442 ވަނަ އަހަރުގެ މި މުއްދަތުގައި ޖުމްލަ 20،863 މީހުން ޒަކާތް ދައްކާފައިވާއިރު މީގެ ތެރެއިން 17،858 މީހުން ޒަކާތް ދައްކާފައިވަނީ އޮންލައިންކޮށެވެ.

މި މުއްދަތުގައި 3005 މީހުން ޒަކާތްދައްކާފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި ބަހައްޓާފައިވާ ކައުންޓަރުތަކަށެވެ.

ޒަކާތް ބަލައިގަތުން މިނިސްޓްރީގެ ހޯލުންވެސް ކުރިއަށްގެންދާއިރު މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ޒަކާތްބަލައިގަންނަމުންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އަކުން މެންދުރު  1:00  އާއި ހަމައަށް ކަމަށެވެ.

ފިޠުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވާއިރު، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ 28ވަނަ ދުވަސް ( 29 އެޕްރީލް ) އާއިހަމައަށް ފިޠުރު ޒަކާތްދެއްކޭނެ އިންތިޒާމުވަނީ ހަމަޖެހިފައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި މިނިސްޓްރީގެ ކައުންޓަރުތަކުން ޒަކާތްބަލައިގަތުން ރަމަޟާންމަހުގެ އެންމެފަހު ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކުރިއަށް ދާނެއެވެ.

ފިޠުރު ޒަކާތް ބަހާނީ ރަމަޟާންމަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. ފިޠުރު ޒަކާތް ދޭނީ ފަޤީރުންގެ ލިސްޓުގައިވާ މީހުންނަށެވެ. މިއަހަރުގެ ފަޤީރުންގެ ލިސްޓުގައި ހިމެނެނީ 8984 މީހުންނެވެ. ފަޤީރުންގެ ދަފްތަރު އަޕްޑޭޓްކޮށްފައިވަނީ މިހިނގާ ރަމަޟާންމަސް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. މިދިޔަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނެނީ 7778 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް