ރަޙިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ޙައްޤުތައް ދެމެހެއްޓުމަކީ މީސްތަކުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަދި އެގުޅުން ކެނޑުމަކީ ބޮޑުވެގެންވާ ފާފައެކެވެ.
ރަސޫލާ (ޞ.ޢ.ވ) ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ރަހިމުގެ ގުޅުން ކަނޑައިލައިފި މީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ."
ރަހިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ޙައްޤުތައް އަދާކުރުމުން الله ތަޢާލާގެ ތަޢުރީފު އެމީހަކަށް ލިބި ރިޒުޤް ތަނަވަސްވުމަށް މަގުފަހިވެއެވެ.
ޢަލީގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ. ރަޙިމްގެ ގުޅުންކަނޑާ މީހުންނާ އެކުގައި ނޫޅޭށެވެ.
ޤުރުއާނުގެ ތިން ތަނެއްގައި އެމީހުންނަށް ހުރި ކޯފާގެ ވާހަކަ ބަޔާންވެގެންވެއެވެ.
ރަޙިމުގެ ގުޅުން ކަނޑާމީހާގެ ޢަމަލުތައް ﷲ ބައްލަވާ ވޮޑިގެން ނުވެއެވެ. އަބޫހުރައިރާގެ އަރިހުން ރިވާވެގެން ވެއެވެ.
عن أبي هريرة رضي الله عنه قال: سمعت النبي صلى الله عليه وسلم يقول: « إن أعمال بني آدم تعرض على الله تبارك وتعالى عشية كل خميس ليلة الجمعة فلا يقبل عمل قاطع رحم» رواه أحمد ورجاله ثقات وحسنه الألباني في صحيح الترغيب والترهيب
އެކަލާގެފާނު ވިދާޅުވިއެވެ. ރަސޫލާ (ޞ.ޢ.ވ) ވިދާޅުވިއަޑު ތިންމަންކަލޭގެފާނު އެއްސެވީމެވެ.
އާދަމްގެ ދަރިންގެ ޢަމަލުތައް ﷲ ގެ ޙަޟްރަތަށް ގެންދެވެނީ ބުރާސްފަތި ދުވަހުގެ ހަވީރުއާއި ހުކުރުދުވަހުގެ ރޭގަނޑުގައެވެ. ފަހެ، ރަޙިމުގެ ގުޅުން ކަނޑާމީހާގެ ޢަމަލުތައް ﷲ ބައްލަވާ ވޮޑިގެން ނުވެއެވެ.
މީގެ އިތުރުން ދުނިޔެމަތީގައި މާތް ﷲ ޢުޤޫބާތް ދެއްވުން އަވަސް ވެގެންވާ ކަންތައްތަކުގެ ތެރޭގައި ތިމާގެ ކަމުގެ ގުޅުން ކަނޑާލުން ހިމެނުމުން އެކަމުގެ މައްޗަށް الله ތަޢާލާ ލަޢުނަތް ލައްވާފައިވާ މިންވަރު ހާމަވެގެން ވެއެވެ.
އެ ގުޅުން ދެމެހެއްޓުމަށްޓަކައި ތިމާއާމެދު ގޯސްކޮށް ކަންތައްކޮށް ތިމާގެކަމުގެ ގުޅުން ދަމަހައްޓަން ނޫޅޭ މީހުންނަށް ކަމޭހިތާ ތިމާގެ ކަމުގެ
ގުޅުން ފުރިހަމަ ގޮތުގައި ދަމަހައްޓަން މަސައްކަތް ކުރަންޖެހެއެވެ.
އަދި މި ގުޅުން ދެމެހެއްޓޭނީ ގާތްތިމާގެ މީހުން ތިމާއާ ދޭތެރޭގައި ކަންތައްތައް ކުރާގޮތުގެ ސަބަބުން ތިމާގެފަރާތުން ދޭންޖެހޭ ޙައްޤަކަށް އުނިކަމެއް އަޔަނުދީ ފުރިހަމައަށް އަދާ ކޮށްގެންނެވެ.
ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ކުޑަމިނުން އެެއްބަނޑު ތިމާގެ މީހާއާއި ސަލާމްކޮށްލައި ހާލު އަހުވާލު ބަލައިލެވޭ މީހުން ވެސް މިއަދު އިނގިލިން ގުނާލެވޭހާ މަދު ކަމެވެ. ސަބަބެއް ކަމުގައި ވެފައި ވަނީ ބިޒީ ވުމާއި އެއްބަނޑު ތިމާގެ ވިޔަސް އަނެކާ ނޫޅޭ ވަރުން ގުޅުން ބަދަހިކޮށް ނޫޅެވޭނޭ ކަމަަށް ބުނެ ފުއްދާލެވުމެވެ.
ކަން މިހެން ހުއްޓަސް الله ތަޢާލާ ގުޅުވާ ދެމެހެއްޓުމަށް އަންގަވާފައިވާ ގުޅުމެއް ދެމެހެއްޓުމަށް މަސައްކަތް ކުރާ މީހަކަށް ދެ ދުނިޔޭގައި ވެސް ގުނާ އަދަދު ނުކުރެވޭހާ ގިނަ ނިޢްމަތް މިންވަރު ކުރައްވާނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް