އިންސައްތައިން ބަލާނަމަ 98.2 އިންސައްތަ މުސްލިމް ގައުމެއްކަމަށްވާ ތޫނިސްގައި މި ރޯދަމަހު ދައްކަމުން އަންނަ ޓީވީ ސީރީޒެއްގެ މައްސަލަ ހޫނުވެއްޖެއެވެ.
ކުރިންވެސް ދައްކަމުންދިޔަ މި ސީރީޒްގެ މައްސަލަ ހޫނުވީ ރޯދަމަހާ ދިމާކޮށް އެއް އަތްންބަށްވުރެ ގިނަ އަނބިން ގެންގުޅުމުގެ މައުލޫ އައި ހިސާބުންނެވެ.
އެގޮތުން ފިލްމުގެ ފިރިހެން މެއިން ކެރެކްޓާ، އިތުރު އަތްންބެއް ބޭނުންވެ އެކަމަށް އާއިލާގެ ހުއްދަ ހޯދައި އެ އަނބި އެ އާއިލާއާއެކު ގެންގުޅުމުގެ ވިސްނުމުގައި މަސައްކަތް ފަށައެވެ. ފިރިހެން މެއިން ކެރެކްޓާ އެ މަސައްކަތް ފަށަނީ އެއީ ދީނީގޮތުން އޭނާއަށް ލިބިގެންވާ ހައްގެއްކަމަށް ބުނެއެވެ.
މި ސީރީޒަކީ އިޝާނަމާދަށްފަހު ދައްކާ ސީރީޒެކެވެ. މި ސީރީޒްގެ މައްސަލަ ހޫނުވަނީ އެ ގައުމަކީ އެއް އަތްންބަށްވުރެ ގިނަ އަނބިންނާ އިނުން 1956 އިން ފެށިގެން މަނާކޮށްފައިވާ ގައުމަކަށް ވުމުންނެވެ. އެކަން އޭރުއްސުރެ މަނާކޮށްފައި އޮންނަނީ އެއް އަތްންބަށްވުރެ ގިނަ އަނބިންނާ އިނުމަކީ އަންހެނުންގެ ހައްގު ގެއްލޭކަމެއް ކަމަށް ބުނެއެވެ.
މި ސީރީޒްގެ މައްސަލަ ހޫނުވެ، މި ސީރީޒަކީ އެ ގައުމުގެ އާއްމު އިޖްތިމާއީ އުސޫލާއި ފޭރާން ހަަލާކުކޮށްލަން މަސައްކަތްކުރާ ސީރީޒެއް ކަމަށްބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. މި ސީރީޒް ދެއްކުން ހުއްޓާލުމަށް ގޮވާލާ އަޑުވެސް ތޫނިސްގައި ވަނީ ގަދަވެފައެވެ.
ހަމައެކަނި އެކަމެއް ނޫނެވެ. ތޫނިސްގައި އިނދެ ވަރިކުރުމުގައިވެސް ތަފާތު ގޮތްތަކެއް އޮވެއެވެ. އެއް ކަމަކީ ކޯޓުން ބޭރުގައި ކުރާ ކައިވެނި ގަބޫލުކުރި ނަމަވެސް ކޯޓުން ބޭރުގައި ކުރާ ވަރި ގަބޫލު ނުކުރުމެވެ. އެއީ ކުށެއް ކަމަށް ކަނޑައަޅައި އެކަމަށް އަދަބުވެސް ކަނޑައަޅާފައި އޮވެއެވެ. ހަމަ އެހެންމެ އެއް އަތްންބަށްވުރެ ގިނަ އަނބިންނާ އިނުމަކީވެސް ކުށެއް ކަމަށް ކަނޑައަޅައި އެކަމަށްވެސް އަދަބު ކަނޑައަޅާފައި އޮވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް