އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ކެހިގެން ދިޔަހެނެވެ. ބިރުން މޭގަނޑު އަތަށް އައިކަހަލައެވެ. މިވާން އުޅޭގޮތެއް ނޭނގި ބިރުން ވިރިވިރި އެއްވެސް އެއްޗެއް ނުބުނެ، 'ގަނޑުވެފައި' އަހަރެންނަށް ހުރެވުނެވެ.
"ހަޔާތްކުޑަ އަންހެނެއް މީ.." މިހެން ބުނުމަށްފަހު އަހަރެންގެ 'ކަންކަށި މަތީ' ވަރަށް ބާރަށް 'އަޅާ ވިހެލި' އެވެ.
"ހަމަ މިހާރު ކަލޭ 'ރައްކާވޭ' މިގޭން..! އަހަރެންގެ ޙަޔާތް ބަރުބާދުކުރަން މިތާކު ހުންނާނެކަމެއްނެތް..!"
މިހެން ބުނުމަށްފަހު ތުއްތަ ވަރަށް ބާރަށް އަހަރެންގެ ކޮޓަރިން ނިކުމެގެން ދިޔައެވެ.
+++++++++++++++++++++++++
އަހަރެން އެނބުރި އަންނާނަން! ... (2 ވަނަ ބައި)
އަހަރެންނަށް ހަދާނެ އެއްވެސް ގޮތެއް ނޭނގުނެވެ. ތުއްތަ ދުވަހަކުވެސް އަހަރެންނާއި ދިމާލަށް ހަޅޭލަވައެއް ނުހަދައެވެ. ދުވަހަކުވެސް އަހަރެންގެ ގައިގާ ނުވެސް ޖަހައެވެ. އަހަރެންގެ މޫނުމައްޗަށް އިންތިހާއަށް ތަދުވިއެވެ. ވަރަށް ދެރަވެ، ރުޅިވެސް އައެވެ. އެހެނަސް ތުއްތަ މޫނުމަތީ އެއްވެސް އެއްޗެއް ބުނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން ހަމަވަގުތުން އެގެއިން ނިކުންނަން ނިންމީމެވެ.
އެނދުމަތީގައި އިށީނދެގެން އިންއިރު ކަރުނަތައް ހޯސްލާފައި އަހަރެންގެ ކޯތާފަތްމައްޗަށް ހިފެހެއްޓުމެއް ނެތި ފައިބަމުން ދިޔައެވެ. އަހަރެން ރޯކަށް ބޭނުމެއް ނޫނެވެ. އެހެނަސް އެ ކަރުނަތައް ހުއްޓުވުން އެއީ އަހަރެންނަށް އެހާ ފަސޭހަކަމަކަށް ނުވިއެވެ.
ފަނަރަ ވަރަކަށް މިނެޓް ގިސްލާ ރުއިމަށްފަހު އަހަރެން އެގެއިން ނިކުމެގެން ދާނެތަނަކާއިމެދު ވިސްނަންފެށީމެވެ. މިވީ ކަންތައް މަންމަ ކައިރީ ބުނަން އަދި އެހާ ބޭނުންނުވާތީ، ކޮންމެވެސް ރައްޓެއްސެއްގެ އެހީ ހޯދުމަށް ނިންމީމެވެ. އަހަރެންނަކީ މާ ގިނަ ރައްޓެހިން ތިބޭ މީހެއް ނޫނެވެ. އަހަރެންނާއި އެންމެ ގާތް ދެ ރަޙްމަތްތެރިއަކަށް ތިބޭނީ، ހުވޭނާ (ހުވޭ) އާއި ލީޝާއެވެ. ހުވޭ ކައިވެންޏަށްފަހު ދިރިއުޅެނީ ފިރިމީހާގެ އާއިލާއާއި އެކު ފިރިމީހާ ގޭގައެވެ. ވުމާއެކު، ހުވޭއަށް ގުޅާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
އެހެންކަމުން ދެން އަހަރެން މިފަދަ އެހީތެރިކަމަކަށް އެދެން ހުންނާނީ ހަމައެކަނި ލީޝާއެވެ.
++++++++++++++++
ކަންބޮޑުވެފައި ހުރެ އަހަރެން ލީޝާއަށް ގުޅާ ވެގެން އުޅޭގޮތް ކިޔާދިނީމެވެ. ލީޝާގެ މަންމައަކީ އަހަރެންނަށް ވަރަށް ހެޔޮ މީހެކެވެ. ލީޝާ މަންމައާއި މަޝްވަރާ ކުރުމަށްފަހު، އަހަރެންނަށް އެގޭގައި ހުރެވޭނެ ވާހަކަ އާއި، ލީޝާގެ ދޮންބެ (ލަޙްފާން) ގެ ކޮޓަރީގައި އަހަރެންނަށް ވަގުތީ ގޮތުން ނިދިދާނެ ކަމަށް ބުންޏެވެ. ދޮންބެ ކޮބާތޯ އެހުމުން ދޮންބެ އަނެއްކާވެސް ޖަލަށް ގެންދިޔަ ޙަބަރު އަހަރެންނަށް ލީޝާ ދިނެވެ.
ލަޙްފާންއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކެއްގައި މެދު ނުކެނޑި އުޅޭ މީހެކެވެ. އަހަރެން ލީޝާ އާއެކު އެގެއަށް ގޮސް އުޅުނު ނަމަވެސް މަދުފަހަރެއްގައި ނޫނީ ލަޙްފާންއާއި ދިމަލެއްނުވެއެވެ.
ކޮންމެ އަކަސް އެރޭ އަހަރެން އެގެއަށް ބަދަލުވީމެވެ.
އެގޭގައި އަހަރެން ހަފްތާއެއް ހޭދަވީއިރު، ދަތިއެއްވެސް ކަމެއް އަހަރެންނަކަށް ނެތެވެ. އަހަރެންނަށް ލީޝާއާއި، ލީޝާގެ މައިން ބަފައިން ވަރަށް އޯގާތެރިއެވެ. އެހެންނަމަވެސް އަހަރެންނަށް އެގެއަށް ދޭން އެއްވެސް ފައިސާއެއް ނުލިބޭތީ، އަހަރެން ވަރަށް ލަދުގަނެއެވެ. އަދި އަހަރެންނަކީ ބޭކާރު މީހެއްފަދަ އިޙްސާސްތަކެއް އަހަރެންނަށް ކުރެވެން ފަށައިފިއެވެ.
+++++++++++++++++++++++++++++
"އިފާ... ކިހިނެތްވެފަ ތިހިރީ ތިތާ..؟ އަހަރެން ސިޓިންގ ރޫމް ބެލްކަނީގައި މަގުމައްޗަށް ނަޒަރުހުއްޓިފައި ހުއްޓާ ލީޝާ ސުވާލުކޮށްލިއެވެ.
" ކަމެއް ނުވޭ ... ހަމަހުރީ.. " އަހަރެން ލީޝާއާއި ދިމާލަށް އެނބުރިލާފައި ބުނީމެވެ.
"ކަމަކާ ފިކުރުބޮޑުވެފައި ހުންނަހެން ހީވަނީ.. ގޭތެރޭ ކަމަކާ ހިތްހަމަ ނުޖެހުނީތަ؟.." ލީޝާ އޮޅުން ފިލުވުމުގެ ގޮތުން ސުވާލުކޮށްލިއެވެ.
"ނޫން... އެހެނެއް ވަކި ނޫން..! މަންމަ އަށް ގުޅާލަންވެސް ބޭނުންވޭ.. އެކަމަކު ނުކެރޭނެ ގުޅާކަށް..މަންމަވެސް ގުޅާ ނުލާތާ ހަފްތާއެއްވީ..ތުއްތަ ބުނީ ކަންނޭގެ މަންމަ ގާތު ވެގެން އުޅޭގޮތް..! ގޭގަ ހުރީމަ ވަރަށް ވިސްނޭ އެބަ ކަންތައްތަކާ..ވީ އެންމެ އަވަހަށް ވަޒީފާ އަކަށް ދާންބޭނުމީ.. ހެޔޮ ފިހާރައެއްގެ ސޭޓަކަށްވިޔަސް" ކަންބޮޑުވެފައި ހުރިވަރުން އަހަރެންނަށް އެއްފަހަރާ މާގިނަ ވާހަކަ ދެއްކުނެވެ.
"އަހަރެން ބައްޕަ ގާތު ބުނަންތަ، އިފާއަށް ކޮންމެވެސް ވަޒީފާއެއް ބަލާދޭށޭ؟..ބައްޕަ ކައިރީ ބުނިއްޔާ ހީވޭ ވެދާނެހެން.. " ލީޝާ އަހަރެންނަށް އުއްމީދެއް ދެވޭތޯ މަސައްކަތް ކުރިއެވެ.
"ދެން އިފާ އެހާ ބޮޑަށް ކަންތައްތަކާ ނުވިސްނާ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ!.. ހަމަޖެހިލައިގެން މަންމައަށް ގުޅާލާނީ... އޭރުން މަަންމައަށްވެސް އިނގޭނެއެންނު އިފާކަން ގުޅީވެސް މަންމައާ !.."
ލީޝާ އިތުރަށް އަހަރެން ހިތްހަމަޖެއްސޭތޯ މަސައްކަތް ކުރަމުން ދޮރުކައިރީ ހުރި ލީޝާގެ ބޫޓަށް އެރިއެވެ.
"ކުޑަކޮށް ލަސްވެއްޖެ މިއަދު.. ދަނީ އިނގޭ... ސައިބޯތި އިނގޭ.." ކުރިން ދުވަހުވެސް އަހަރެން ސައިނުބޯކަން ލީޝާއަށް އެނގިފައިވާތީ، ލީޝާ މިހެން ބުނުމަށްފަހު އޮފީހަށްދާން ނިކުތެވެ.
++++++++++++++++++++
ލީޝާ މަސައްކަތްކުރަނީ ބޭންކެއްގައި ކަމުން އޮފީސް ނިމިގެން ގެއަށް އަންނާނީ ޢާންމުކޮށް ވަރަށްލަހުންނެވެ. ލީޝާ ކިތަންމެ ބުރަކޮށް އޮފީހުގައި އުޅުނަސް އަހަރެންނާއި ވައިބަރ އިން ވާހަކަ ދައްކާ އަހަރެންގެ ކަންތައްތައް ޗެކްކޮށްލާ ހަދައެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން އަހަރެންނާއި ލީޝާ އާއި އޮތް ގުޅުން ކުރިއަށް ވުރެވެސް ގާތްވެ، ލީޝާ އާއި ދޭތެރޭ ދައްތައެއް ގޮތަށް ދެކެވެން ފަށައިފިއެވެ.
+++++++++++++++++++++
އޭގެ ދެދުވަސް ފަހެވެ. އަހަރެން އެނދުމަތީ އޮށޯވެލައިގެން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އޮތްވާ ދޮރުގައި ޓަކިޖަހާލުމުން އަހަރެން ދޮރުހުޅުވީމެވެ.
އޭތް އިނގޭތަ؟...ބައްޕަ ބުނީ އެބައިނޯ ހާބަރު ކަޑައެއްގަ ވޭޓްރަސްއެއްގެ ވަޒީފާ..؟ ލީޝާ އަހަރެންގެ މޫނަށް ބަލަން ހުރެ އުފާވެލާފައި ބުންޏެވެ.
"އެހެންތަ؟ .. އަހަރެންބޭނުން..." އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.
"އަސްލުވެސް ކެރޭނެ ދާން؟.. " އިތުރަށް ޔަޤީން ކުރުމަށް ލީޝާ އަހާލިއެވެ.
"އާން.. ކެރޭނެ!..ދާނަށް.!.. ބައްޕަ ގާތު ބުނޭ އަހަރެން ދާނެޔޭ އިނގޭ..؟ ޔަޤީންކަން ދިނުމުގެ ގޮތުން އަހަރެން ބުނެލީމެވެ.
އަހަރެން އެ ގޮތަށް ނިންމީ ލީޝާ މެންގެ ގޭގައި ހިލޭ ހުންނަން ބޭނުންނުވާތީއާއި، އަހަރެން، އަހަރެންގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށްވެސް ބޭނުންވާތީއެވެ. އަދި ލީޝާމެންގެ ގޭގައި އަބަދު އަހަރެންނަށް ނުހުރެވޭނެކަންވެސް އެނގޭތީއެވެ.
++++++++++++++++++++
ރެއަކީ ހުކުރު ވިލޭރެއެކެވެ. އާދައިގެ މަތިން މިރެއަކީ ކަޑަ، ވަރަށް 'ބިޒީ' ރެއެކެވެ. އެއްކަލަ އައްމަޑޭމެން ތިބި މޭޒުން އަހަރެންނާއި 'ފޮށުމުގެ' ބައި ކުރިއަށް ދިޔައެވެ. އެ މޭޒުގެ ފަހަތުގައި އިން މޭޒުގައި އެކަނި އިން ކަސްޓަމަރަކަށް ފިނި އަލަނާސި ޖޫސްތައްޓެއް ހިފައިގެން އަހަރެން ދިޔައީމެވެ. އަންމަޑޭ މެން ފިއްޓޭމެން ތިބޭ ގޮތަށް ބޯ ދިގުކޮށް ކަންފަތްތޮރުފައިގެން އައިސް ތިބެ، ޢާންމުކޮށް ކަޅުކޮފީއާއި، ރެޑްބުލް އާއި ސިނގިރޭޓާއި އޯޑަރުކުރާ އެ ކެފޭގައި، އެ ޒުވާނާވީ، ބަލާލަން ފަސޭހަ ވަރަށް ސިމްޕަލް ލުކެއް ހުރި ޒުވާނަކަށެވެ.
"އޭތް މަންޖޭ! ހާދަ އަތްމަތި އަވަހޭ ދޯ..؟ އަހަރުންނަށްވުރެ ފަހުން އައި މީހެކޭ ބަލަ އެއީ!" ފިއްޓޭ އާދައިގެ މަތިން ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަހަރެންނާއި ދިމާކޮށްލިއެވެ.
"މިރޭ އޭނަ ދޯ ސެޓުވީ؟... އާން އޯކޭ އޯކޭ... ކުރިއަށް..! އަހަރުން ތިބޭނަށް ތި ސްޕެގެޓީގަނޑު ގެނެވެންދެން ..ދޯ ފިއްޓޭ؟.."
އައްމަޑޭ މިހެން ބުނުމުން އަހަރެން ވަރަށް ރުޅިއައެވެ. ރުޅިއައިކަން އެންގުމުގެ ގޮތުން އައްމަޑޭ އާއި ދިމާލަށް ރުޅިވެރި ނަޒަރަކުން ލޯ އަޅާލިމެވެ. ކުއްލިއަކަށް އަހަރެންނަށް ފެނުނީ އެ ޒުވާނާ އައްމަޑޭ އާއި ދިމާލަށް ވަރަށް ރުޅިއައިސްގެންދިޔަތަނެވެ. (ނުނިމޭ)
++++++++++++++++++++
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް