(މި ވާހަކަ އަކީ ޙަޤީޤީ ޙާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. މިވާހަކަ ބިނާ ވެފައިވަނީ، އެކަނިވެރި އަންހެންކުއްޖަކު، އޭނާގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރާ މަސައްކަތާއި، މިމަސަތްކަތްތަކުގައި އެ ކުއްޖާ ކުރިމަތިލާންޖެހޭ، ތަފާތު ދަތި އުނދަގޫ ޙާލަތްތަކާއި، އެޙާލަތްތަކުން އަރައިގަންނަން ކުރާ މަސައްކަތް ތަކާއި، އޭގެ ނަތީޖާއެވެ)
++++++++++++++++++++
"އައްމަޑޭ ކައެއަށް އޭނަ.." މިހެން ބުނުމަށްފަހު ފިއްޓޭ ބާރަށް ހިނިގަނޑެއްޖަހާލިއެވެ.
"މައޯކޭ ދޯ.." އައްމަޑޭ ދެރަނުވާން ބުނެލިއެވެ.
ހާބަރު ކަޑައެއްގައި ހުރި މޭޒެއްގައި ބަހައްޓާފައިހުރި ހުސްތަށިތަކެއް ނެގުމުގެ މަސައްކަތުގައި އަހަރެން އަވަދިނެތި ކުރިއަށް ދިޔަވަގުތެވެ. އައްމަޑޭ މެންތިބީ ޖެހިގެން ހުރި މޭޒުގައިކަމުން އަހަރެންނަށް އައްމަޑޭ މެން ދެއްކި ވާހަކަ ރީތިކޮށް އިވުނެވެ. އައްމަޑޭމެން އަހަރެންނާއި 'ފޮށުން' އެއީކީ އަހަރެންނަކަށް އާކަމެއް ނޫނެވެ. އަހަރެން އެ ކަޑައިގައި މަސައްކަތް ކުރާތާ 3 މަސްވީއިރު ހަމަ ކޮންމެ ދުވަހަކު 'ގްރޫޕް ހަދާފައި' އައްމަޑޭ ކޮފީބޯން ކަޑައަށް އާދެއެވެ. 'އޭއްޗެކޭ މީއްޗެކޭ' ކިޔައިގެން އަހަރެންނާއި' ފޮށިނުލާ' އައްމަޑޭ ކަޑައިން ނިކުމެގެނެން ނުދާނެއެވެ. އައްމަޑޭ ނޫނަސް ކަޑައަށް އަންނަ ބައެއް މީހުން އަހަރެންނާއި އާދަވެގެން 'ފޮށެއެވެ'. އެކަހަލަ ވަގުތުތަކުގައި އަހަރެން ވަރަށް ލަދުގަނެ، ދެރަވެ، އަދި ރުޅިވެސް އާދެއެވެ. އެހެނަސް މިވަގުތު އާމްދަނީ ލިބޭނެ އިތުރު ގޮތެއް ނެތުމުން ހިތްވަރުކޮށްފައި އަހަރެން ވަޒީފާއަށް ނިކުންނަނީއެވެ.
++++++++++++++++
އެއީ މީގެ އަހަރު ތަކެއް ކުރިއެވެ. ރަށު ސްކޫލުން ގްރޭޑް 10 ނިންމުމުން، މަންމަ އާއި ބައްޕަ އަހަރެން މާލެ ފޮނުވީ، ތުއްތަ މާލޭގައި މީހަކާއި އިނދެގެން އުޅޭތީ، އެގޭގައި އަހަރެން ބެހެއްޓުމަށެވެ. އަހަރެން ވަޒީފާއަކަށްގޮސް މަތީތަޢުލީމު ޙާޞިލްކުރަން ބޭނުންވާތީ، މިގޮތަށް އެއްބަސްވެގެން އަހަރެން މާލެއައީއެވެ. މަންމައާއި ބައްޕަގެ ތިބެނީ އަހަރުމެން ދެ ބެއިން އެކަންޏެވެ.
އަހަރެން ނުހަނު ފޮނި އުއްމީދާއި އެކު މާލެއައީމެވެ. ތުއްތައާއި އަފްސަލްބެ ގާތު ދިރިއުޅެން ފެށީ ޙަޔާތުގެ ސޮޕްޙާތައް ފުރިހަމަކަމާއި، އުފާވެރިކަމާއި އެކުގައި ލިޔެލެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އެކުގައެވެ. އެހެނަސް، ޙަޔާތުގައި ހުޅުރޯވެ، ފުނޑުފުނޑުވީ، ނުހަނު މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ.
ތުއްތަ ވަޒީފާ އަދާކުރަނީ ހޮސްޕިޓަލެއްގެ ރިސެޕްޝަންގައިކަމުން، ހަފްތާއަކު އެއްރޭ ހަމަ ޔަޤީނުންވެސް ތުއްތަ ނައިޓް ޑިއުޓީއަށް ދާންޖެހެއެވެ. އެފަދަ ރޭރެއަކީ އަހަރެންގެ ޙަޔާތް ތަކުރާރުކޮށް' ފުނޑު ފުނޑު' ވާ ރޭތަކެވެ. އާނއެކެވެ. ތިޔަ ހީވީ ރަނގަޅަށެވެ. އަފްސަލްބެ އަހަރެންނާއި ގަދަކަމުން 'ބެހެނީ' އެވެ.
އަހަރެން 'އެމީހާގަނޑު' ދެކެ ހާދަ ފޫއްސެއްވެއެވެ. ތުއްތަ ކައިރީ ބުނަން ކިތަންމެ ފަހަރަކު ހިތަށް އަރައެވެ. އެހެނަސް ތުއްތަ އެވާހަކަ ޤަބޫލުކުރާނެބާއޭ އަހަރެން ހިތާ ހިތާ ސުވާލު ކޮށްލެވެއެވެ. އަނެއްކޮޅުން ތުއްތަ އެވާހަކަ ޤަބޫލު ކޮށްފިނަމަ، ތުއްތަގެ ދިރިއުޅުން 'ބަރުބާދު' ވާނެއެވެ. އެވެސް އަހަރެންގެ ސަބަބުންނެވެ. އެހެން ވާކަށްވެސް އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ. އަހަރެންގެ އެއްބަނޑު އެއްބަފާގައި ހުރީ މީހަކީ ހަމައެކަނި ތުއްތައެވެ. ވީއިރު އެކަހަކަ ވާހަކައެއް ތުއްތަ ކައިރީ ބުނާކަށް އަރަހެންނަކަށް ހަމަ ލާހިކެއް ނޫނެވެ. ތުއްތަ ކައިރީ ބުނަން ނުކެރޭތާނގައި މަންމަ ކައިރީ ބުނާނެ ހިތްވަރެއްވެސް އަހަރެންނަކަށް ނުލިބުނެވެ.
++++++++++++++++
އޭގެ 2 މަސް ފަހެވެ. އެއްދުވަހަކު އަހަރެން ކޮޓަރީގައި އުޅެނިކޮށް ތުއްތަ ވަރަށް ބާރަށް ކޮޓަރިއަށް ވަނެވެ.
'' އިފާ!! މީ ކޯއްޗެއް!"
ތުއްތަ ދުވަހަކުވެސް އެހާ ރުޅިއައިސްފައި ހުރިތަނެއް މީގެކުރިއަކުން އަހަރެން ނުދެކެމެވެ.
"މީ ކޯއްޗެއްހޭ؟.. މަމިއަހަނީ"
މިހެން ކިޔާފައި ހަޅޭއްލަވާގަނެފައި އަތުގައި އޮތް ކުޑަ ތަޅުދަނޑިއެއް އަހަރެންގެ މޫނަށް ދިއްކުރިއެވެ.
އަހަރެންނަކަށް ވެގެން އުޅޭ ގޮތެއް ނޭގުނެވެ.
"ތުއްތާ އަހަރެންނަކަށް ނޭނގެ ތީ ކޯއްޗެއް ކަމެއް"
ތުއްތަގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ.
"އާނ! ކަލެއަކަށް ނޭނގޭނެ! މަގޭ ފިރިމީހާގެ ޖީބުގައި ހުންނަ އެއްޗެހި ކަލޭގެ ކޮޓަރިން ފެންނަ އިރުވެސް ހަމަ ކަލެއަކަށް ނޭނގޭނެ!"
އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ކެހިގެން ދިޔަހެނެވެ. ބިރުން މޭގަނޑު އަތަށް އައިކަހަލައެވެ. މިވާން އުޅޭގޮތެއް ނޭނގި ބިރުން ވިރިވިރި އެއްވެސް އެއްޗެއް ނުބުނެ، 'ގަނޑުވެފައި' އަހަރެންނަށް ހުރެވުނެވެ.
"ހަޔާތްކުޑަ އަންހެނެއް މީ.." މިހެން ބުނުމަށްފަހު އަހަރެންގެ 'ކަންކަށި މަތީ' ވަރަށް ބާރަށް 'އަޅާ ވިހެލި' އެވެ.
"ހަމަ މިހާރު ކަލޭ 'ރައްކާވޭ' މިގޭން..! އަހަރެންގެ ޙަޔާތް ބަރުބާދުކުރަން މިތާކު ހުންނާނެކަމެއްނެތް..!"
މިހެން ބުނުމަށްފަހު ތުއްތަ ވަރަށް ބާރަށް އަހަރެންގެ ކޮޓަރިން ނިކުމެގެން ދިޔައެވެ.
++++++++++++++++++++
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް