މާފުށީ ޖަލުގައި ދެ ގައިދީއެއްގެ މެދުގައި ހިނގި ހަމަނުޖެހުމެެއްގައި އެކަކުގެ ގަޔަށް އަނެއްކަކު ހޫނު ފެން ޖަހައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހު ހެނދުނު އެވެ. ފިހުނު މީހާއަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ.
ހޫނުފެން ޖަހާފައިވަނީ ސްތުވާތަކެތީގެ މައްސަލައެއްގައި ޖަލަށް ލާފައިވާ މީހެއްގެ ގަޔަށެވެ. މިހާދިސާގައި އޭނާގެ ބުަރައްކާޓާއި މޭމަތި ވަރަށް ބޮޑަށް ފިހިފައިވާއިރު މޫނު މައްޗަށް ފެން ޖުހުމުން ވަގުތުން އެ ތަނުގައި ތިބި އެހެން ގައިދީންތަކެއް ތެޔޮ އުނގުޅުމުން އެހެން ތަންތަނަށް ވީވަރު ނުވާކަމަށް އާއިލާއިން ބުނެ އެވެ. އޭނާގެ ހަށިގަނޑުގެ 45 އިންސައްތަ ފިހިފައިވާކަމުގައިވެސް އާއިލާއިން ބުނެ އެވެ.
އެ ގައިދީގެ އާއިލާ މެންބަރަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަ އިރު ވާހަކަ ދެއްކުމުގެ ފުރުސަތު ހުޅުވިފައި ނުވާކަމަށެވެ. އަދި އޭނާ ބާއްވާފައި އޮންނަ ކޮޓަރިއަށް ވަދެވެނީ ފަހަރަކު މީހަކަށް ކަމަށާއި، އެއްޗެއް އަހާލާއިރަށް އެހާ ގިނަ ސުވާލު ނުކުރުމަށް ސެކިއުރިޓީ އެދޭ ކަމަށެވެ.
"އެހެންވެ ނޭނގެ އަސްލު ކަން ހިނގި ގޮތެއް. ހަމައެކަނި މި އެނގެނީ ކަންހިނގި ދުވަސް. ބޭބެ ބުނި މާފުށީ ހޮސްޕިޓަލަށް ގެންދަންވެސް ކަރެކްޝަންސް އިން މަސައްކަތް ނުކޮށް އަންގާރަ ދުވަހުގެ ރޭ މާލެ ގެނައީ ކަމަށް. ފިހުމުން ލިބިފައިވާ ގެއްލުންތަކެއްވެސް ނޭނގެ. ފެންނަން ހުރި ތަންތަން ހުރީ ވަރަށް ބޮޑަށް ފިހިފައި،" އެ ގައިދީގެ އާއިލާ މެންބަރު ބުންޏެވެ.
ހޫނުފެން ޖެހުމުގެ ސަބަބުން ވާތް ފަރާތު ލޮލަށް ނުފެންނަ ކަމަށާއި ވާތް ފަރާތު ކަންފަތަށް އަޑު ނީވޭ ކަމަށް ގައިދީ ބުނާކަމަށް އޭނާ ބުންޏެވެ. ގައިދީއަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލް އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު ފޯން ނުނަންގަވާތީ ވަނީ ލިބޭގޮތް ނުވެފައި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގައި އައިޖީއެމްއެޗްގެ ބަހެއް ލިބިފައެއް ނުވެ އެވެ. ކަރެކްޝަންސް އިން ވެސް މިހާތަނަށް މިކަމުގައި ރަސްމީ ބަހެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް މިކަމަކީ ހިނގާފައިވާކަމެއް ކަމާއި އައިޖީއެމްއެޗްގައި މި ގައިދީއަށް ފަރުވާ ދެމުން އަންނަ ކަން ވާނީ ކަށަވަރު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް