"ފެހިފަތް" އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ތިމާވެށީގެ ދާއިރާ އިން ހިދުމަތް ކުރާ ފަރާތްތަކުގެ އަގުވަޒަން ކޮށް ދޭ "ފެހިފަތް" އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނ...

14 Apr 2015 | 08:38

ތިމާވެށީގެ ދާއިރާ އިން ހިދުމަތް ކުރާ ފަރާތްތަކުގެ އަގުވަޒަން ކޮށް ދޭ "ފެހިފަތް" އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފެހިފަތް އެވޯޑަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް ދޭން ނިންމީ އެގޮތަށް ހަމަޖައްސައިދިނުމަށް ގިނަ ބަޔަކު އެދޭތީ ކަމަށެވެ. މިހާރު ހަމަޖެހިފައިވާގޮތުން އެވޯޑަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 30 ގެ ނިޔަލަށެވެ.

ކުރިން ހަމަޖައްސާފައި އޮތް ގޮތުން މިމަހުގެ 10 ވަނަ ދުވަހަށް އެ ފުރުސަތު ހަމަވެ އެވެ.

މި އެވޯޑަށް ކުރިމަތިލެވޭ ދާއިރާތަކުގެ ތެރޭގައި އަމިއްލަ ފަރާތްތައް، ވަކިވަކި ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކާއި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ސްކޫލްތައް، ކޮލެޖްތައް، ޔުނިވަރސިޓީތަކަށް ވެސް ކުރިމަތި ލެވެއެވެ.

ވޭސްޓް މެނޭޖްމަންޓާއި ވޯޓަރ ކޮންޒަރވޭޝަން އެންޑް މެނޭޖްމަންޓާއި ހޭޅިފަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދާއިރާއާއި ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމުގެ ދާއިރާ ހިމެނެއެވެ. އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި މުޖުތަމައަށް ފައިދާ ކުރުވަނިވި މިންވަރަކަށް ގަސް އިންދައި ފޯރުކޮށްދިނުމާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރި ކުރުމުގެ އިތުރުން ތިމާވެށީގެ ދާއިރާއިން ރިސާޗު ކުރުމުގެ ދާއިރާ ވެސް ހިމެނެއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ތައާރަފުކުރި ފެހިފަތް ދިނުމުގެ މައިގަނޑު މަގްސަދަކީ އެކި ގޮތްގޮތުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ހިތްވަރު ދިނުމެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑުގެ ގޮތުގައި ފެހިފަތް ދެނީ ބައިނަލްއަގްވާމީ ތިމާވެށީގެ ދުވަހު ބާއްވާ ހާއްސަ ރަސްމިއްޔާތުގަ އެވެ.

މިިދިޔަ އަހަރު ފެހިފަތް އެވޯޑަށް 21 ފަރާތަކުން ކުރިމަތިލި ނަމަވެސް އެވޯޑު ހާސިލް ކުރީ ތިން ފަރާތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް