ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެއްރަށުން އަނެއް ރަށަށް ކަނޑުމަގުން ގެންދާނަމަ އެފަދަ އުޅަނތަކުގެ ވެރިންނާ އުޅަނދުތައް ދުއްވާ ފަރާތް ޖޫރިމަނާކުރާ ގޮތަށް ހަމަޖައްސައިިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ރާއްޖޭގައި ބިދޭސީން ކަނޑުމަގުން އެއްރަށުން އަނެއްރަށަށް ގެންދަންވާނީ މުއްދަތު ހަމަނުވާ ވޯކްޕާމިޓް ނުވަތަ ވިސާ އޮތްކަން އުޅަނދުގެ ނެވިމީހާ ނުވަތަ ޑުރައިވަރު ޔަގީން ކުރުމަށްފަހު ކަމަށެވެ.
އެ އުސޫލަށް އަމަލު ކުރަން ފަށާނީ މާދަމާއިން ފެށިގެން ކަަމަށް އެ އޮތޯރިޓީން ބުނެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އެ އުސޫލާ ހިލާފަށް ބިދޭސީން އުފުލާނަމަ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނުން ބާރުލިބިގެން ހަދާފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރުމާއި ކަނޑު ދަތުރުކުރާ އުޅަނދު ފަހަރާ ބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ.
އެގޮތުން އުޅަނދުގެ ވެރިފަރާތް 1،000 ރުފިޔާ އިން ޖޫރިމަނާކުރުމާއެކު އުޅަނދު ދުއްވި ފަރާތްވެސް 1،000 ރުފިޔާއިން ޖޫރިމަނާކޮށް ދުއްވި މީހާގެ ލައިސަންސް ފޮތުގެ ކުށުގެ ރެކޯޑް ބައިގައިވެސް އެކަން ހިމަނާނެ ކަމަށް އެ އޮތޯރިޓިން ބުނެ އެވެ.
އެ އުސޫލަށް ހަމަލު ކުރޭތޯ ބަލާނީ ފުލުހުންނާއި އިމިގްރޭޝަންގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކުން ނެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ އެގޮތަށް ހަމަޖެއްސީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން އިމިގްރޭޝަން ޑިޕާޓްމަންޓާ އެކު މަޝްވަރާ ކުރުމަށް ފަހު، އެ މުއައްސަސާ އަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް