ރ. އިނގުރައިދޫ އާއި ފ. ނިލަންދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވީ ބަނދަރު މަރާމާތުކުރެވިގެން ދިޔުމުން ދެ ރަށަށް ދިމާވެފައިވާ ލަފާ ފުރުމުގެ ދަތިތައް ހައްލުވެ، އިގްތިސޯދީ ކުރިއެރުންތައް އެ ދެ ރަށަށް ލިބިގެންދާނެ ކަމަށެވެ.
މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އިނގުރައިދޫ ބަނދަރުގެ މަސައްކަތް ނިމޭއިރު އެރަށުގައި މިހާރު ހަދާފައިވާ ބަނދަރު 750 ފޫޓަށް ބޮޑުވެގެންދާނެ އެވެ. 288 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއް އިނގުރައިދޫ ބަނދަރުގައި ޖެހުމަށް ހަމަޖެހިފައިވާއިރު 353 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮއްޓެއް ޖެހުމަށްވެސް ވަނީ ނިންމާފަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާށެވެ.
އެ މަޝްރޫއުގެ ދަށުން ނިލަންދޫގެ ބަނދަރު، ވިލާ ދިމާލަށް ބޭރަށް ޖެއްސުމަށްފަހު 10 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. ނެރު ބައްތި ޖެހުމަށްފަހު 324 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓު ޖެހުމަށް ހަމަޖެހިފަ ވެއެވެ. ނިލަންދޫ ބަނދަރުގެ މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 445 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އިނގުރައިދޫ ބަނދަރުގެ މަސައްކަތަށް 42.6 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރާއިރު ނިލަންދޫ ބަނދަރުގެ މަސައްކަތަށް 60.9 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް