ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން އަޅާ ފްލެޓްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވި އިރު، 15،000 އަށް ވުރެ ގިނަ މީހުން ފްލެޓަށް އެދި ފޯމް ލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވީ ފޯމް ހުށަހެޅުމަށް ދޫކުރި ނަމްބަރުތަކަށް ފޯމް ބަލައިގަނެ ނިމިފައިވާ އިރު ޖުމްލަ 15،650 ފޯމު ހުށަހަޅައިފަ ވާކަމަށެވެ.
އެގޮތުން ތިން ކެޓަގަރީއަކުން ފްލެޓްދޫކުރާގޮތަށް ހަމަޖެހިފައިވާއިރު ކެޓަގަރީ އެކަކުން ފްލެޓަށް އެދި 7،384 ފޯމު ހުށަހަޅާފައިވެ އެވެ. ދެ ވަނަ ކެޓަގަރީ އަށް 8،241 ފޯމު ހުށަހަޅާފައިވާއިރު، ތިން ވަނަ ކެޓަގަރީން ކުރިމަތިލީ ދެ އާއިލާއަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ރަޝީދު ވިދާޅުވީ މިހާރު ކުރިޔަށް ދަނީ އިސްލާހު ކުރަން ފޮނުވި ފޯމްތައް ބަލައިގަތުމުގެ މަސައްކަތް ކަމަށެވެ.
ގެދޮރުވެރި ކުރުމުގެ މަޝްރޫއުގެ ދަށުން 1100 ފްލެޓް އެޅުމަށް ހަމަޖެހިފައިވަވެ އވެ. އެއީ މާލޭގެ ރަށްވެހިންނާއި ދަފުތަރުގެ މީހުންނަށް ހާއްސަކުރެވިގެން އަޅާ 440 ފްލެޓާއި މާލޭގައި ގިނަ ދުވަހު ދިރިއުޅެފައިވާ ފަރާތްތަކަށް ހާއްސަކޮށް އަޅާ 330 ފްލެޓްގެ އިތުރުން މާލޭގައި އޮތް އަމިއްލަ ބިން ކޮޅު ދައުލަަތަށް ދޭ ފަރާތްތަކަށް ހާއްސަކޮށްގެން އަޅާ 330 ފްލެޓެވެ.
މި މަޝްރޫއު އިއުލާން ކުރި ދުވަހު ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވީ ތިން ވަނަ ކެޓަގަރީއަށް ހަމަވާވަރަށް މީހުން ފޯމް ނުލާނަމަ އެ ފްލެޓްތައް ފުރަތަމަ ކެޓަގަރީއާއި ދެވަނަ ކެޓަގަރީއަށް ބަހާލާނީ ކަމަށެވެ.
ގެދޮރުވެރިކަމުގެ މަޝްރޫއަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅަން ފަށާފައިވާ ފްލެޓްތައް މި އަަހަރު ފަހުކޮޅު ނިންމައި އަންނަ އަހަރު ކުރީކޮޅު ދިރިއުޅެން ފެށޭވަރުވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް