ކުޑަކުދިންގެ ހައްގުތައް ގެއްލޭގޮތަށް ސިޔާސީ ހަރަކާތްތަކުގައި ވާހަކަދެއްކުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުށްވެރިކޮށްފިއެވެ.
މިކަން ކުށްވެރިކޮށްފައިވަނީ އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާން ނެރެފައިވަނީ އެމްޑީޕީގެ ސިލްސިލާ މުޒާހަރާގައި އެމްޑީޕީގެ އެކްޓިވިސްޓް، މަރިޔަމް ޒުބައިރު (މަންދީ)، ރައީސް މުޢިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކައިގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
އެ ނޫސްބަޔާނުގައި އީސީއިން ބުނެފައިވަނީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އިން ޕާޓީތަކަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައިވަނީ ޤާނޫނުއަސާސީއާއި ސީޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށް، ސިޔާސީ ޕާޓީތަކަށް ހަނދާންކޮށްދޭ ކަމަށެވެ.
" ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން މާލޭގައި މި ދުވަސްވަރު ހިންގަމުން ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގުމުގައިވެސް ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޢަމަލުކުރުމަށް މި ކޮމިޝަނުން އިލްތިމާސްކުރަން، ޚާއްޞަކޮށް ސިޔާސީ ޙަރަކާތްތައް ރާވާ ހިންގުމުގައި، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުޑަކުދިންގެ ޙައްޤުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަ ދެއްކުމާއި އެކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާފަދަ ވާހަކަތައް ދެއްކުން، މި ކޮމިޝަނުން ކުށްވެރިކުރަން" އީސީއިން ބުނެފައިވެއެވެ.
އިލެކްޝަންސް އިން އިތުރަށް ބުނެފައިވަނީ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އެންމެހާ ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދާއިރު ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިއުމާއި، ޙަޤީޤަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށް ނަސޭޙަތްތެރިވާކަމަށާއި އަދި ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް