ކުރުވާހަކަ: ފްލައިޓް 317

ފޯނަށް ބަލަހައްޓައިގެން އިން ޝާފީގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ހިނިތުންވުމެވެ. "ޔެސް" އޭ ބުނެފައި އޭނާ ތެދުވެ އުފަލުން ނަށައިގަތެވެ. އެމަންޒަރު ބަލަން ދުރުގައި އިން ޒުފަރުވެސް އިނީ ހެވިފައެވެ. ...

14 Mar 2024 | 07:15

ފޯނަށް ބަލަހައްޓައިގެން އިން ޝާފީގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. ހިނިތުންވުމެވެ. "ޔެސް" އޭ ބުނެފައި އޭނާ ތެދުވެ އުފަލުން ނަށައިގަތެވެ. އެމަންޒަރު ބަލަން ދުރުގައި އިން ޒުފަރުވެސް އިނީ ހެވިފައެވެ. ޝާފީ އުޅޭގޮތުންނެވެ.

ޝާފީ ކެތްމަދުވެފައި ހުރީ އެނބުރި މާލެދާށެވެ. ކިޔެވުން ނިމި އޭނާއަށް ޕީއެޗްޑީވެސް ލިބުނީއެވެ. ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހޭދަކުރި ދުވަސްތައް ނިމުނީއެވެ. އެހެން ކަމުން އެންމެ ދުވަހެއްވެސް ފަސްނުކޮށް އޭނާ ބޭނުންވީ ރާއްޖެދާށެވެ. އެކުގައި އުޅުނު އެހެންކުދިންނަށްވެސް މަޑުކޮށްލުމެއް ނެތިއެވެ. ޝާފީއާއި އެކު ލަންޑަންގައި ކިޔަވަންއުޅުނު އެހެންކުދިން ފެއާވެލް ބާއްވާލައި މަޖާކޮށްލާފައި ހަފްތާއެއްވަރު ފަހުން ރާއްޖެދާން ޚިޔާލު ދިންނަމަވެސް އެޚިޔާލަކަށް އޭނާ އެއްބަހެއް ނުވިއެވެ. އޭނާ ބޭނުންވީ އަވަހަށް މާލެދާށެވެ. އެންމެން އެކުގައި ހަފްތާއެއް ފަހުން މާލެ ދިޔުމަށް ނިންމާފައި އޮތް ނަމަވެސް އޭނާ އަމިއްލައަށް ޓިކެޓް ބަދަލުކޮށް ދަތުރު އަވަސްކުރީއެވެ.

މިދުވަސް ވަރަކީ، ޔޫރަޕްގެ އެންމެ ފިނިގަދަ މޫސުމަށްވުމާއި ޗުއްޓީހަމަ ފެށުނު ދުވަސްކޮޅުކަމުން ފްލައިޓްތައް ވަނީ މުޅިން ފުރިފައެވެ. ޔޫރަޕްގެ ގިނަ އެއާލައިންތައް މާލެއަށް ދަތުރުކުރަނީ ދުބާއީގައި ޓްރާންސިޓްކޮށްފައި ކަމުން، ޓިކެޓް ބަދަލު ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެއާއި އެކު އެތައް ބައިވަރު ފައިސާއެއްވެސް އެކަމަށް ޚަރަދު ކުރަންޖެއެވެ. ޝާފީ އުފަލުން އެނަށައިގަތީ އޭނާއަށް މާދަމާގެ ފްލައިޓަކަށް ޓިކެޓް ޗޭންޖް ވުމުންނެވެ.

ޒުފަރާއި ޝާފީއަކީ ރޫމް މޭޓުންނެވެ. އެދެމީހުން އެއް އެޕާޓްމަންޓްގައި ދިރިއުޅޭތާ ހައެއްކަ އަހަރުވެއްޖެއެވެ. ކިޔެވުމާއި އެނޫން ކަންކަމުގައިވެސް ދެމީހުންނަކީ އެކަކު އަނެކަކަށް ނުހަނު އެހީތެރި ދެމީހުންނެވެ. ޝާފީ ޕީއެޗްޑީ ހެދީ ޕޮލިޓިކަލް ސައިންސްއިންނެވެ. ޒުފަރު ޕީއެޗްޑީ ހެދީ މާސްކޮމިއުނިކޭޝަން އިންނެވެ. ދެމީހުންގެ ކިޔެވުންވެސް ނިމުނީއެވެ.

ކިޔެވުން ނިމި ވަކިވާންޖެހޭތީ، ޒުފަރުގެ ހިތް ވަނީ ނުތަނަވަސް ވެފައެވެ. މިއުފާވެރި މަޖާދުވަސްތައް މާޒީއާއި އެކުވެދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެކަމަކު އެކަމާއިމެދު ކުރެވޭނެ ކަމެއް ނެތެވެ. ޝާފީ މާލެދާން ބޭނުންވެގެން އުޅޭވަރުން ހީވަނީ އޭނާ މީގެކުރިން ދުވަހަކުވެސް މާލެ ގޮސްފައި ނުވާހެންނެވެ. ފަހަރުގައި އެއީ މާލޭގައި ތިބި ޝާފީގެ މައިންބަފައިންނާއި އަނބިމީހާ އާއި ދަރިފުޅު ދެކެލުމަށް ހުރި ޝައުޤެއްގެ ބޮޑުކަން ކަމުގައި ވެދާނެކަމުގައި ޒުފަރު ހީކުރިއެވެ. އެއީ މީގެކުރިން މާލެދާން ޝާފީގެ ނުހުންނަ ފޯރި މިފަހަރު ހުރުމުންނެވެ.

ޝާފީ އާދޭސްކުރާ ވަރުން ޒުފަރުވެސް އޭނާގެ ޓިކެޓް މާދަމާގެ ފްލައިޓަށް ބަދަލުކުރީ އިރުއޮއްސެން އުޅެނިކޮށެވެ. އެހެންކަމުން ފޮށިތައްމަތި އޭނާ ތައްޔާރު ކުރަން އޭނާ އުޅެންޖެހުނީ ވަރަށް އަވަދިނެތިއެވެ.  އާއިލާގެ މީހުންނާއި ރައްޓެހިންނަށް ހަދިޔާ ގަނެލާކަށް ވެސް މާގިނަ ވަގުތެއް ނުލިބުނެވެ. އެހެން ކަމުން ޒުފަރު ނިންމީ އެއާޕޯޓަށްގޮސް ޑިއުޓީ ފްރީއިން ޗޮކްލެޓްކޮޅަކާއި ސެންޓްފަދަ ތަކެތި ގަންނާށެވެ.

"ކޮބާ އަދިވެސް ނުނިމޭތަ" ދެއަތު ފުރައި ކޮތަޅު އަޅުވައިގެން އައިސް އެޕާޓްމެންޓްގެ މައިދޮރުން ވަންނަމުން ޝާފީ އެހެން ބުނި އަޑު އިވިފައި ޒުފަރު ދިޔައީ ސިހިގެންނެވެ. އަތުގައި އޮތް ރިމޯޓުން ޓީވީ ނިވާލުމަށްފަހު އޭނާ ތެދުވީ ޝާފީއަށް އެހީއެއް ވެދޭށެވެ.

"ހާދަ ސާމާނެއް މިފަހަރު ތިގެންދަނީ. ވިޔަފާރިއެއް ފަށަނީތަ؟" ސިޓިންގ ރޫމުގެ މެދުގައި ހުޅުވާފައި ހުރި ބޮޑެތި ކާޑުބޯޑް ފޮށީތައް ކައިރީގައި ކޮތަޅުތައް ބަހައްޓައިދެމުން ޒުފަރު ބުންޏެވެ. ޝާފީ ފެށީ ހޭށެވެ. ދެން އިނގިރޭސި ވިލާތަކަށް މަށެއް ނާންނާނަމޭ ޝާފީ ބުނީ މަޖަލަކަށް ނަމަވެސް ޒުފަރުގެ ހިތްތެޅިގަތީ ނޭނގޭ ބިރުވެރިކަމެއް ހިތުގައި ހިނގައިގަތީމައެވެ.

އެޕާޓްމަންޓްގެ ވެރިފަރާތާއި އެޕާޓްމަންޓް ހަވާލުކުރުމުގެ ކަންކަމާއި ގެންދަންހުރި ފޮށިތަންމަތި ބަންދުކޮށް ނިމުނު އިރު ރޭގަނޑު 10 ޖަހައި ބޮޑުވެއްޖެއެވެ. ރޭގަނޑުގެ ކެއުމަށް ކުޑަގޮތެއް ހަދާލައިގެން ދެމީހުން ނިދަން އޮށޯތީ، ފަތިހު 4 ނުޖަހަނީސް އެއާޕޯޓަށް ދާން ނުކުންނަންޖެހޭނެތީއެވެ. އެމީހުން ތިބި ފްލެޓުން ލަންޑަންގެ އެންމެކާރުބާރޫ ބޮޑު ހީތުރޯ އެއާޕޯޓަށްވެސް ދެގަޑިއެއްހާ އިރުގެ ދިގުދަތުރެއް ކާރުގައި ކުރަންޖެހެއެވެ.

ޒުފަރު ނިދާ އެނދު ހުންނަނީ ކޮޓަރީގެ ކުޑަދޮރާއި ވީފަޅީގައި ކަމުން ފަރުދާ ކަހާލާފައި އޮންނައިރު، ނުހަނު ރީތިކޮށް އޭނާއަށް އުދަރެސް ފެނެއެވެ. ގިނަ ރޭރޭ އޭނާއަށް ނިދެނީވެސް ގުދުރަތީ ރީތިމަންޒަރުތަކަށް ހިތްދޫކޮށްލައިގެން އޮއްވައެވެ. އެހެނަސް މިރެއަކީ ފިނިގަދަ ބަނަރެއަކަށް ވުމުން ކުޑަދޮރުތަކުގެ ބޯފަރުދާތައް ހުރީ ކަހާލާފައެވެ.

ޒުފަރުއަށް އަށް ހޭލެވުނީ ޝާފީ އޭނާއަށް ގޮވާއަޑަށެވެ. ޝާފީ ބިރުގެންފައި ހުރިވަރު ފެނިފައި ލޯހުޅުވާލެވުމާއި އެކު ޒުފަރުގެ ލޮލުން ނިދިފިލައިފިއެވެ. އެފިނިގަދަރޭވެސް ޝާފީ ހުރީ ދާހިއްލާފައެވެ. އޭނާގެ ނޭވާހުރީ ކުރުވެފައެވެ. ޒުފަރު ފުންމައިގެން ތެދުވެ އެނދުގައި އިށީނެވެ. އޭރުވެސް ޝާފީ އޭނާގެ އަތުން ދޫކޮށެއް ނުލައެވެ.

"އާދޭ އަހަރެންގެން އެނދަށް" ޝާފީ ހުރީ ކަންބޮޑުވެފައެވެ. ޝާފީ ކަންބޮޑުވެފައި ހުރިވަރުފެނިފައި ވީކީއްތޯ އަހާލެވުނީ ހައިރާންކަން މަތީގައެވެ.

"ބިރުވެރި ހުވަފެނެއް ފެނުނީ. ވަރަށް ބިރުވެރިހުވަފެނެއް" ޝާފީ އޭރުވެސް ހުރީ މާނޭވާލެވި ލެވިއެވެ. ޒުފަރު ޝާފީ ގޮވައިގެން ކޮޓަރިން ބޭރަށް ސިޓިންރޫމަށް ނުކުތީ ފެންފޮދެއްދީ އޭނާ ހަމަޖައްސާލާށެވެ. ވީގޮތެއް އޭގެފަހުން އޮޅުން ފިލުވާށެވެ.

"އަހަރެންނަށް ހުވަފެނުން ފެނުނީ، ޒުފަރު އެނދާއި އެކު މަގުމައްޗަށް ވެއްޓި މަރުވެގެން. ކޮންމެވެސް އެއްޗެއް ގޮވައި އިމާރާތުގެ އެފަޅި ހަލާކުވީ، ހީވަނީ ހަމަ ހަޤީޤަތެއްހެން." ޝާފީ ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ.

ތިޔައީ ހުވަފެނެއް ނޫންހޭ ބުނެ ޒުފަރު ހީލީއެވެ. އެކަމަކު މާލެދާ ވާހަކަ ދެއްކީއްސުރެ އޭނާ ހުންނަނީ ފާޑަކަށް ހިތްބިރުގަނެފައެވެ. ކޮންމެވެސް ކަމެއްވާން އުޅެނީކަމުގައި ހިތް ބުނެދެނީއެވެ.

ޒުފަރު ޝާފީއަށް ދިއްކޮށްލި ފެންތަށީގައި ޝާފީއަށް ނުހިފިއުޅެނިކޮށް އިވުނީ ބާރުގަދަ އަޑުފައްގަނޑެކެވެ. ޒުފަރު އަތުން ވެއްޓުނުތަށި މުށިތައްމަތީގައި ޖެހި ކުދިކުދިވެގެން ދިޔަ އަޑުވެސް އެމީހުންނަށް ނުއިވެއެވެ. ބޭރުން އިވުނު އަޑު އެއަށްވުރެ ގަދައެވެ. އޭއާއި އެކު ހުޅުވިފައި ހުރި ކޮޓަރީގެ ދޮރުން ސިޓިންގ ރޫމުގެ ތެރެއަށް ބުރައިގެން އައި އަލިފާން ކަނިތަކާއި އެކު މުޅިތަނުން ކަރަންޓް ކަނޑައިގެން ހިނގައްޖެއެވެ.

ސިޓިންގ ރޫމުގެ ތެރޭގައި ހުރި އެމާޖެންސީ ލައިޓް ނައްޓާލައިގެން ޝާފީ އާއި އެކު ޒުފަރު ކޮޓަރިއަށް ވަނެވެ. އޭނާ އަށް ފެނުނު މަންޒަރުން ބިރުން ހިތްވެސް ވިރިގެން ދިޔަ ކަހަލައެވެ. މަގުގެ އަނެއް ފަރާތުގައި ހުރި ދިގު އިލެކްޓްރިކް ކޭބަލްދަނޑި ވެއްޓި، އޭގެކޮޅުންޖެހި ކޮޓަރީގެ ފާރާއި ކުޑަދޮރު ޒުފަރު ނިދާ އެނދުމައްޗަށް ވެއްޓި އެނދުގެ ފައިތައް ބިނދި އޮތީ ޝީޓާއި އެއްވަރުވެފައެވެ. އެދިގު ދަނޑީގެ ކޮޅު އޮތީ ކޮޓަރީގެ ތެރޭގައެވެ. ޒުފަރު އެސަލާމަތްވީ މަރުގެ އެތިފަހަރަކުންނެވެ.

ޝާފީއަށްވެސް ބަލާލެވުނީ ޒުފަރުގެ މޫނަށެވެ. ޒުފަރަށްވެސް ބަލާލެވުނީ ޝާފީގެ މޫނަށެވެ. ހަމަ ކުޑަ ހިނދުކޮޅެއް ލަސްވި ނަމަވެސް ޒުފަރުގެ ދުވަސް ދިޔައީހެވެ. އެމާރޖެންސީ ނަމްބަރަށް ގުޅާލުމާއި އެކު ބަސްބުނި ހިނދުން ރެސްކިއުޓީމްތައް އަތުވެއްޖެއެވެ. ފަތިސްވުމުގެ ކުރިން ވެއްޓިފައިވާ އިލެކްޓްރިކް ދަނޑިއަލުން ކޮޅަށްޖަހައި، ބުރިބުރިވި ކޭބަލްތައް ގުޅައި ކަރަންޓްދީފިއެވެ. އެކަމާއި ހެދި ދެމީހުންނަށްވެސް ދެނެއް ނުނިދުނުތާނގައި އެއާޕޯޓަށް އާދެވުނީވެސް ކިރިޔާއެވެ. ހަމަ މަދު މިނިޓްކޮޅެއް ލަސްވި ނަމަވެސް އެމީހުންނަށް ފްލައިޓް މިސްވީހެވެ.

ދުބާއީ އެއާޕޯޓުން ޓްރާންސިޓް ފްލައިޓަށް އެރުމާއި ދެމެދުވެސް ލިބުނު މަދު ވަގުތުކޮޅެކެވެ. އެހެން ނަމަވެސް ޒުފަރު ބޭނުންވީ ޑިއުޓީ ފްރީއިން އެއްޗެހިގަންނާށެވެ. ރައްޓެހިންނާއި އާއިލާގެ މީހުންނަށް ހަދިޔާއެއް ނުލައި ފުރުމަކީ ލަދު ކަމަކަށް ވާތީއެވެ.

ޝާފީ ފާޚާނާއަށް ވަނުމުން ޒުފަރު ދިޔައީ ޑިއުޓީ ފްރީ ފިހާރަތަކުގެ ތެރެއަށެވެ. ޗޮކްލެޓާއި ސެންޓްގަނެ ހޭންޑް ބޭގު ފުރާލައިގެން އޭނާ ބޯޑިންގ ގޭޓާއި ދިމާއަށް ހިނގައިގަތެވެ. އަތުގައި އޮތް ފޯނު ނެތްކަން ޒުފަރު ހަނދާންވީ އެވަގުތުއެވެ. އެނބުރި އޭނާ ފިހާރަތަކުގެ ތެރެއަށް ދިޔައީ ފޯނު ހޯދާށެވެ. އޭނާ ވަތް ހުރިހާތަނެއް ބަލައި ފޯނު ހޯދުމުގައި އޭނާ އަވަދި ނެތި އުޅުނުއިރު، ބޯޑިންގ ގެ ފައިނަލް ކޯލްއަށް ގޮވަމުން ދިޔައަޑަކަށް ޒުފަރަކަށް ސަމާލުކަމެއް ނުދެވުނެވެ.

އެންމެ ފަހުން ޒުފަރުގެ ނަން ގޮވައި ބޯޑިންގ ގޭޓަށް އައުމަށް ގޮވަން ފެށުމުން ޒުފަރު ފޯނު ހޯދުން ހުއްޓާލާފައި ދުއްވައިގަތީ ބޯޑިންގ ގޭޓާއި ދިމާއަށެވެ. އެކަމަކު އެބޮޑު އެއާޕޯޓުގައި އޭނާއަށް ގޭޓްހޯދައި ގޭޓާއި ހަމައަށް ދިޔުމަށްވެސް 5 ވަރަކަށް މިނިޓް ހޭދަވިއެވެ. ޒުފަރުއަށް ބޯޑިންގ ކައުންޓަރާއި ހަމައަށް ދެވުނު އިރު ބޯޑިންގ ގޭޓް ބަންދުކޮށްފިއެވެ. އޭނާއަށް ޓްރާންސިޓް ފްލައިޓް މިސްވީއެވެ.

ފްލައިޓް ޓެކްސީވޭ އަށް ނުކުތްތަން ފެނުމުން ޒުފަރުއައިސް ގޮނޑިބަރިއަށް ވެއްޓިގަތީ ވީ ވަރުބައްޔާއި މާޔޫސްކަމުގެ ބޮޑުކަމުންނެވެ. ހޭންޑް ބޭގުގެ ތެރެއިން އެއްޗެއް ވައިބްރޭޓްވާން ފެށުމުން ޒުފަރު ބޭގް ހާވައި ބަލާލިއިރު ފޯނު އޮތީ ހޭންޑް ބޭގުގެ އެންމެ ފުލުގައެވެ. ޒުފަރުއަށް ދަތްކުނޑި ވިކާލެވުނީ އަމިއްލަ ނަފުސަށެވެ. ގުޅަނީ ޝާފީއެވެ.

"އޭތް! ކޮބާ؟ ފްލައިޓް މިނައްޓާލަނީ،" ޝާފީގެ އަޑުގައި ހުރީ ކަންބޮޑުވުމެވެ.

"ކަޑައޭ! ނޭރުނު. ފޯނު ގެއްލިގެން އެހޯދަން އުޅެން ހަދައިގެން ގޭޓާއި ހަމައަށް ނާދެވުނީ." ޝާފީ ވާހަކަފެށި ގޮތުންވެސް އޭނާ އިނީ ފްލައިޓްގައިކަން ޒުފަރުއަށް އެނގުނެވެ. ދެންއިވުނީ ފީސް އަޑެކެވެ. ފޯނުކެނޑުނީއެވެ. އެއާއި އެކު ރަންވޭ މަތިން ޒުފަރުއަށްވެސް ފެނުނީ ވަރުގަދަ އަލިފާން ބޯޅައެކެވެ.

އެމާރޖެންސީ ސައިރެން ގެ އަޑުން މުޅި އެއާޕޯޓު ގުގުމަންފަށައިފިއެވެ. ހަދާނެ ނަހަދާނެ ގޮތެއް ނޭނގިފައި ޒުފަރުހުއްޓެވެ. ފްލައިޓެއް ވެއްޓުނީކަން ޒުފަރުއަށް އެނގެއެވެ. އެނޫން އެއްޗެއް އޭނާއަކަށް ނޭނގެއެވެ. ޝާފީއަށް ގުޅޭތޯ ޒުފަރު އުޅުނެވެ. އެކަމަކު ބިރުންގޮސް އަތްތުރުތުރު އަޅާވަރުން ޒުފަރުއަށް ފޯނުން ވައިބާ ހުޅުވާލުމަށްވެސް މިނިޓެއްހާ އިރު ހޭދަވިއެވެ. ދެންމެއާއި ހަމައަށް އޮންލައިންގައި ޝާފީ އިނަސް މިހާރަކު ނެތެވެ. ޒުފަރުގެ ހިތްބިރުގަތެވެ.

ޒުފަރު އިން ބޯޑިންގ ގޭޓުގައި ތިބި ކުދިން ގާތުގައި ރަންވޭމަތިން އައި ގްރައުންޑް ހޭންޑްލިންގ ސްޓާފަކު ބުނި އެއްޗަކާއި އެކު އެކުދިން ރޮއެގަތުމުން ޒުފަރު ގަތީ އަމަށަކު ބިރެއް ނޫނެވެ. ޒުފަރު ވީކީއްތޯ ސުވާލުކުރުމުން އެއިގެ ތެރެއިން އެއްކުއްޖަކަށް ބުނެވުނީ ކްރޭޝްއޭ، އެވަރަށެވެ.

އެއާޕޯޓަށް ޖައްސަން އައި އެއާބަސް 747ގެ ބޮޑު މަތިންދާ ބޯޓެއް ކޮންޓްރޯލްނުވެ ރަންވޭ މަތިން ކަހާލައި ޓެކްސީވޭއިން ސެކަންޑް ރަންވޭއަށް ނުކުންނަންދިޔަ ފްލައިޓް 317 އާއި ޖެހި މުޑިއެރީއެވެ. ފްލައިޓް 317 އަކީ ޝާފީ އާއި ޒުފަރުގެ ފްލައިޓެވެ. ކަންދިމާކުރި ގޮތުން ޒުފަރަށް ފްލައިޓަށް ނޭރުނީއެވެ.

ވަރުގަދައަށް އަނދަމުން ދިޔަ ދެފްލައިޓްގައި ރޯވި އަލިފާންގަނޑު ނިވާލެވުނީ، 15 ވަރަކަށް މިނިޓުންނެވެ. ވިއްސައިގެން ދިޔަ ބައިތަކުންޖެހި ގްރައުންޑް ހޭންޑްލިންގައި ތިބި ބައެއް މުވައްޒަފުންވެސް މަރުވި އިރު، ދެފްލައިޓުގައި ތިބި މީހުންކުރެ އެކަކުވެސް ސަލާމަތެއް ނުވިއެވެ. އޭގެ ތެރޭގައި ޝާފީވެސް ހިމެނުނެވެ. އެއީ ވައިގެ ދަތުރުފަތުރުގެ ނުރައްކާތެރި ހާދިސާތަކުގެ ތެރެއިންވެސް ނުރައްކާތެރި ހާދިސާއެކެވެ.

ބައިނަލްއަޤުވާމީ މީޑިޔާތަކުން އެހިތާމަވެރި ޚަބަރާއި އެކު ޒުފަރުގެ ވާހަކަވެސް ގެނެސްދިނެވެ. އަހަރުގެ އެންމެ ނަސީބުގަދަ މީހާއޭ ބުނެއެވެ. ޒުފަރުގެ ވާހަކަވީ ގިނަ ބަޔަކު ޝައުޤުވެރިވި ވާހަކައަށެވެ. ޖެހިޖެހިގެން ދެދުވަހުގައި މަރުގެ ދެ އެތިފަހަރުން އޭނާ ސަލާމަތްވީ އެވެ. އެކަމަކު ބައިނަލް އަޤުވާމީ މީޑިއާއިން ލިބުނު ސަމާލުކަމާއި މަޝްހޫރުވުމުން ލިބުނު އުފަލަށް ވުރެ އެކުވެރިޔާ ގެއްލުމުން ލިބުނު ހިތާމަ ޒުފަރަށް ބޮޑެވެ. އެއާއި އެކު އޭނާ ހައިރާންވީ ޒުފަރު ނާންނަނީސް، ޝާފީ ބޯޑިންގ ގޭޓަށް ވަނީތީއެވެ. އެހެން ނޫނަމަ ޒުފަރުގެ ސަބަބުން ޝާފީގެ ފުރާނަ ސަލާމަތްވީހެވެ. އެހާ އެކުގައި އުޅުނު އިރު މީގެ ކުރިންވެސް އެގޮތަށް ދިމާވެފައި އެބަހުއްޓެވެ. އެއްފަހަރަކު ޗުއްޓީއަށްފަހު މާލެއިން ލަންޑަނަށް އައުމަށް ކުރި ދަތުރުގައި ފެރީލަސްވެގެން ޗެކިންގ ކްލޯސް ކުރި އިރުވެސް ޒުފަރަށް ނާދެވުމުން ޝާފީއޭނާ ޗެކިންގކޮށް ބޯޑިން ނަގާފައިވެސް ފްލައިޓް ކެންސަލްކޮށްލިއެވެ. ޒުފަރު އާއި އެކު ނޫނީ ދަތުރު ނުކުރާންވެގެންނެވެ. އެހާވެސް އެދެމީހުންގެ ރަހުމަތްތެރިކަމާއި ގާތްކަން އޮތީމައެވެ. ޒުފަރުވެސް ޤަބޫލު ކުރެއެވެ. އެމީހެއްގެ މަރުއޮތްތަނަކަށް އެމީހަކު އުފަލުން އާދެއޭ ބުނާ ބުނުމެވެ. ޝާފީގެ ފަރާތުން އޭނާއަށް އެކަންފެނި ތަޖުރިބާކުރެވުނީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް