ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ފެންއަރުވާ ވަޑާން ކަމަށްވާ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ތަރައްޤީ ކޮށްފައިވާ ފެންއަރުވާ ވަޑާން އެއްގޮތަކަށް ވެސް ނުޖައްސާތާ ދުވަސްތަކެއް ފަހުން، އެ ތަނުގެ ހިދުމަތް ވަގުތީ ގޮތުން މެދު ކަނޑައިލާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
މިކަން ހާމަކޮށް އެޗްޑީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ސެންޓްރަލް ޕާކްގައިވާ ފެންއަރުވާ ވަޑާމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ވަގުތީގޮތުން ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށާއި ވީ އެންމެ އަވަހަކަށް ފެންއަރުވާ ވަޑާން އަލުން ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކްގައި ފެންއަރުވާ ވަޑާން ހެދުމުގެ މަސައްކަތް އެޗްޑީސީން ފެށީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ. އެތަނުގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވައިލީ 2021 ވަނަ އަހަރު އެވެ. ތުރުކީގެ ޓާމަކްސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ހެދި އެ ތަނަކީ މިއުޒިކާއި އެކި ކުލަތަކުގެ އަލިތަކާ އެކު އެކި ސްޕީޑްގައި ފެން އަރާ ގޮތަށް ހަދާފައިވާ ތަނެކެވެ. މިގޮތުން ވިހިހާސް އަކަފޫޓްގެ ޖާގައެއްގައި ހަދާފައިވާ އެތަނުގެ ފެން އެންމެ މައްޗަށް އަރާ އިރު 15 މީޓަރާ ހަމައަށް އުފުލެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް