މިދިޔަ އަހަރު ފަހުކޮޅު ރާއްޖޭގައި ބޭއްވި ބޯހިމެނުމުގެ ނަތީޖާތައް މި މަހުގެ 30 ގައި އާންމު ކުރަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން މިއަދު ނިންމައިފި އެވެ.
މިކަން ހާމަކޮށް އެ ބިއުރޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި މަހުގެ 30 ގައި އާންމު ކުރާނީ ތިން ދާއިރާއަކުން އަސާސީ މަޢުލޫމާތުތައް ކަމަށެވެ.
އެމްބީއެސް އިން ބުނީ އާބާދީގެ ތެރެއިން ދިވެހިންގެ އަދަދު ހިމެނޭހެން، ބިދޭސީންގެ އަދަދު އަދި ޖިންސާއި އުމުރުފުރާތަކުގެ އަދަދުގެ މަޢުލޫމާތު އާންމުކުރާނެ ކަމަށެވެ.
އަދި ގޭބިސީގެ ދާއިރާއިން ގޭބިސީތަކުގެ އަދަދާއި ނިސްބަތުން ގޭބިސީއެއްގައި އުޅޭ އަދަދު އާންމު ކުރާނެ ކަމަށެވެ.
ހަމައެހެންމެ ބޯހިމެނުމުގައި ލިސްޓް ކުރި ތަންތަނުގެ އަދަދުގެ ދާއިރާއިން އިމާރާތްތައް، މަސައްކަތް ހިންގާ ތަންތަން އަދި މީހުން ނިދާ ދިރިއުޅޭ ގެ/ ފްލެޓް/ އެޕާޓްމެންޓް/ ލޭބާ ކުއާޓާތަކުގެ މަޢުލޫމާތު އާންމު ކުރާނެ ކަމަށެވެ.
މީގެ އިތުރުން އެމްބީއެސް އިން ބުނީ އެ ހުރިހާ މައުލޫމާތެއް ވެސް އިއުލާން ކުރަނީ ރަށްރަށުގެ ފެންވަރުގައި ކަމަށާއި އިތުރު ދާއިރާތަކުގެ ނަތީޖާތައް ހާމަކުރާނެ ތާރީހުތައް ފަހުން ހާމަ ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް