ސްޓޭޓް އިލެކްޓިރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އެ ކުންފުނީގެ މުވައްޒަފުންނަށް އަވަސް ފަރުވާ ދިނުމުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް ބޭސިކް ފަސްޓް އެއިޑް ޓްރެއިނިން ޕްރޮގްރާމުތަކެއް ބާއްވާފައިވާ ކަމަށާއި އެ ޕްރޮގްރާމުތައް ބާއްވާފައިވަނީ މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ސިއްހީ ކުއްލި ހާލަތްތަކަށް މުވައްޒަފުން އަހުލުވެރިވެ، ތައްޔާރުވެ ތިބުމަށް އުނގަންނައިދިނުމުގެ ގޮތުން ކަމަށެވެ.
މިގޮތުން އެ ކުންފުނީގެ މުވައްޒަފުން ސިއްހީގޮތުން ހޭލުންތެރިކުރުމުގެ ގޮތުން ސްޓެލްކޯއިން ވަނީ ކެންސަރަށް އަހުލުވެރިކުރުމަށް ސެޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.
މީގެ އިތުރުން ސްޓެލްކޯއިން ވަނީ އެކުންފުނީގައި މަސައްކަތް ކުރަމުންދާ އަންހެން މުވައްޒަފުންނަށް ޚާއްސަކޮށްގެން ސާވިކަލް ކެންސަރު ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ދީފައެވެ.
ސްޓެލްކޯއިން ބުނީ ވަޒީފާގެ މާހައުލުގައި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ކުންފުނިން އަބަދުވެސް އަހައްމިއްޔަތުކަން ދޭކަމެއް ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް