މަސައްކަތުގެ މާހައުލުގެ ސަލާމަތާ ބެހޭ ބިލު ބަލައިގެންފި

ސިއްހީ ރައްކާތެރިކަމާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއިބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ. ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި މި ބިލު މަޖިލީ...

14 Mar 2023 | 11:49

ސިއްހީ ރައްކާތެރިކަމާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއިބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.

އެގޮތުން މި ބިލު ބަލައިގަތުމަށް 57 މެންބަރުން ވޯޓު ދެއްވިއެވެ.

އަދި މި ބިލު މަޖިލީހަށް ބަލައިގަތުމުން ދިރާސާކުރުމަށް ވަނީ އިޖުތިމާއީ ކޮމެޓީއަށް ފޮނުވާފައެވެ. ރައްޔިތުންގެ މަޖިލީހަށް މި ބިލު ތައާރަފުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

މި ބިލު ހުށަހެޅުމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ރާއްޖޭގައި މަސައްކަތްތެރިން މަސައްކަތްކުރާ މާހައުލުގެ ސަލާމަތްތެރިކަމާއި މަސައްކަތްތެރިންނާއި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަމަހަމަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކޮށްދެވޭ ފަދަ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުން ކަމަށެވެ.

ހަމައެހެންމެ މަސައްކަތްތެރިންގެ ސިއްހަތާއި ސަލާމަތާ ގުޅޭ ގޮތުން ނިންމާ ނިންމުން ތަކާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބަސްބުނުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދޭނެ ނިޒާމެއް ގާއިމުކުރުމާއި، މަސައްކަތު މާހައުލު ގައި މަސައްކަތްތެރިންނަށް ލިބޭ އަނިޔާ އާއި ގެއްލުންތަކަށް ބަދަލު ދެވޭނެ ނިޒާމެއް ކަނޑައެޅުން މި ބިލު ހުށަހެޅި ސަބަބެއް ކަމުގައި ހިމެނެއެވެ.

ބިލުގައި ބުނެފައިވާ ގޮތުން ވާކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު އެޑްވައިޒަރީ ކައުންސިލެއް އުފައްދަން ޖެހޭނެ އެވެ.

އެގޮތުން ބިލު ގާނޫނަކަށް ވެއްޖެނަމަ އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި 13 މެންބަރުންގެ ކައުންސިލެއް އުފައްދަން ޖެހެ އެވެ.

މަސައްކަތުގެ ތެރޭގައި މަސައްކަތްތެރިއަކަށް ހާނީއްކައެއް ނުވަތަ އަނިޔާއެއް ވެއްޖެނަމަ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވުމަށް ބޭނުންވާ އެކަށީގެންވާ ސިއްހީ ފަރުވާއާއި ހިދުމަތް ނުވަތަ ލިބުނު ގެއްލުމަކަށް ފަރުވާކުރެވޭނެ ވަސީލަތްތައް އިތުރު އަގެއް ނެގުމަކާ ނުލައި މަސައްކަތްތެރިންނަށް ހަމަޖައްސައިދޭން ވާނެ ކަމަށް މި ބިލުގައި ހިމަނާފައި ވެއެވެ.

އަދި ގާނޫނުގެ ދަށުން ހަދާ އެއްވެސް ސެޓްފިކެޓެއްގެ ސައްހަ ނޫން ކޮޕީއެއް ހަދައިފިނަމަ ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި 5،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި

ގާނޫނާ ހިލާފުވާ ފަރާތްތައް ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި 1،000 ރުފިޔާ އާއި 25،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް މި ބިލުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ގާނޫނާ ހިލާފުވާ ފަރާތްތަކުން އެކުރި އަމަލެއް ކުރުންމަތީ ދެމިހުރެއްޖެނަމަ ކުށްކުރުމުގައި ދެމިހުރި މުއްދަތަށް ދުވާލަކަށް 5،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ މި ބިލުގައި ހިމަނާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް