މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފި އެވެ.
އީސީން ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް 5،600 އޮފިޝަލުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އޮފިޝަލުންނަށް ދޭ މުސާރައިގެ ގޮތުގައި ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް 1500ރ ދޭން ހަމަޖެހިފައި ވާއިރު، ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފި ނަމަ ފޯނު އެލަވަންސްގެ ގޮތުގައި 100ރ. ލިބޭނެކަމަށް އީސީން ބުނެފައި ވެއެވެ.
އީސީން ބުނީ ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200ރ ދޭން ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް 1000ރ ދޭން ހަމަޖެހިފައި ވާއިރު ރިސާވް އޮފިޝަލަކަށް 500ރ ދޭން ހަމަޖެހިފައި ވެއެވެ.
އީސީން ބުނީ އެ ފައިސާ ލިބޭނީ ހަމައެކަނި ވޯޓުލާ ދުވަހު ކަމަށެވެ. އަދި މުސާރައިގެ އިތުރުން ވޯޓުލާ ދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ހަމަޖެއްސާނެ ކަމަށެވެ.
މީގެ އިތުރުން އީސީން ވަނީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ 80 ޓްރޭނަރުން ހޯދުމަށް ވެސް އިއުލާނު ކޮށްފަ އެވެ.
މިގޮތުން އީސީން ވަނީ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ ފަރާތްތަކުން ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ ކުރިން އޮންލައިން ފޯމް މެދުވެރިކޮށް އެ މަޤާމުތަކަށް ކުރިމަތި ލުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް