މާލޭގައި ސްމާޓް ސްޓްރީޓް ލައިޓް ހަރުކުރަން ފަށައިފި

މާލޭ ސިޓީ ކައުންސިލުން މާލޭސިޓީގައި ސްމާރޓް ސްޓްރީޓް ލައިޓް ހަރުކުރުމުގެ މަޝްރޫއު ޗައިނާގެ ޔުނާން ޕްރޮވިންސްގެ އެހީތެރިކަމާއެކު ފަށައިފި އެވެ. މި މަޝްރޫއު އިފްތިތާހު ކޮށްދެއްވާފައި ވަނީ މާލޭ ސިޓީގެ މޭ...

14 Mar 2023 | 09:19

މާލޭ ސިޓީ ކައުންސިލުން މާލޭސިޓީގައި ސްމާރޓް ސްޓްރީޓް ލައިޓް ހަރުކުރުމުގެ މަޝްރޫއު ޗައިނާގެ ޔުނާން ޕްރޮވިންސްގެ އެހީތެރިކަމާއެކު ފަށައިފި އެވެ.

މި މަޝްރޫއު އިފްތިތާހު ކޮށްދެއްވާފައި ވަނީ މާލޭ ސިޓީގެ މޭޔަރު ޑރ މުޙަންމަދު މުޢިއްޒުއާއި ޔުނާން ޕްރޮވިންސްގެ ފަރާތުން ހެޑް އޮފް ޑެލިގޭޝަން މިނިސްޓަރު މަރ ޒުއޮޒިންއެވެ. މި މަޝްރޫއު އިފްތިތާހު ކޮށްފައި ވަނީ ހޯމަ ދުވަހު އާރޓިފިޝަލް ބީޗް ސަރަހައްދުގައެވެ.

މި އިފްތިތާޙް ކުރެވުނީ ވަރަށް މުހިންމު މަޝްރޫޢުއެއްކަމަށާއި އަދި މިއީ ޗައިނާގެ ޔުނާން ޕްރޮވިންސް އާއި މާލެ ސިޓީ ކައުންސިލާއި މަޝްވަރާކުރެވި ޔުނާން ޕްރޮވިންސްގެ ފަރާތުން ކައުންސިލަށް  ދެއްވި ހަދިޔާއެއް ކަމުގައި މި މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށްފަހުގައި މޭޔަރު މުޢިއްޒު ވިދާޅުވެފައިވެއެވެ.

އާރޓިފިޝަލް ބީޗުން ފެށިގެން ލޮނުޒިޔާރަތް ޕާކާއިހަމަޔަށް ވަނީ ސްމާރޓް ސްޓްރީޓް ލައިޓް ގެ ދިހަ ޕޯލު ޖަހާފައި ވާއިރު އެންމެ ފުރަތަމަ މި ޕޯލްތައް ހަރުކުރާނީ މައި މަގުތަކުގައި ކަމަށާއި އަދި އެއަށްފަހު އެތެރޭގެ މަގުތަކުގައި އިތުރު ޕޯލްތައް ހަރުކުރެވޭނެ ކަމުގައި ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މޭޔަރ ސްމާރޓް ސްޓްރީޓް ލައިޓްގެ ތަފްސީލު ދެއްވަމުން ވިދާޅުވެފައި ވާ ގޮތުގައި މިއީ ފްރީ ވައިފައި، ޑިޖިޓަލް ލެޑް ސްކްރީން، ސްޕީކަރ ސިސްޓަމް، ސީސީޓީވީ ކެމެރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ފަސޭހަވާނެހެން އެންވައިރަމެންޓް ސެންސަރ ހަރުކުރެވިފައިވާ ޕޯލްތަކެއް ކަމުގައެވެ. އަދި މީގެ އިތުރުން މޭޔަރު ވިދާޅުވެފައިވާ ގޮތުގައި މި ޕޯލްތަކުން ކައުންސިލުން ބޭނުންވާ މެސެޖުތައް ޕަބްލިކަށް ދިނުމާއި، މުޖުތަމައުއަށް ބޭނުންވާ މުހިންމު މެސެޖުތައް، ދީނީ އިރުޝާދުތަކާއި ދީނީ ނަސޭހަތް ތަކުގެ އިތުރުން ދުޢާތައް ވެސް މި ޕޯލް މެދުވެރިކޮށް ދެމުން ގެންދާނެއެވެ.

މި ސީސީޓީވީ ކެމެރާތަކުގެ ފުރިހަމަ ކޮންޓްރޯލް ސިޓީ ކައުންސިލްގެ އޮންނާނެ ކަމަށާއި އަދި އެއީ ކައުންސިލްގެ ސީސީޓީވީ މޮނިޓަރިންގް ސިސްޓަމް ގެ ތެރެއިން ބެލެހެއްޓޭނެ ކަމެއް ކަމުގައި ވެސް މޭޔަރު ވިދާޅުވެފައި ވެއެވެ.

މޭޔަރު މުއިއްޒު ވަނީ ޔުނާން ޕްރޮވިންސް ގެ މި އެހީތެރިކަމަށްޓަކައި އެ ޕްރޮވިންސްއަށާއި، ފޮރިން މިނިސްޓްރީގެ އިތުރުން ޗައިނާގެ ގަވަރުނަރަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިކަމުގައި އިތުރު އެހީތެރިކަން ލިބި ކައުންސިލްގެ ޕްލޭންގައި އޮތް ގޮތަށް މިކަން ވެގެން ދިޔުމަށް އުންމީދު ކުރައްވާ ކަމުގައި ވެސް މޭޔަރ ވިދާޅުވެފައި ވެއެވެ.

ސްމާރޓް ސްޓްރީޓް ލައިޓް މަޝްރޫއު އަކީ ޑިޖިޓަލް މާލޭ ސިޓީ މަޝްރޫޢުގައި ހިމެނޭ މަޝްރޫއު އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް