ސުލްޙަވެރި ޙަރަކާތްތަކުގެ ކަންކަން ބެލުމުގައި އުޅުއްވާ ޤާނޫނީ ވަކީލުންނަށް ބިރު ދެއްކުން ހުއްޓާލުމަށް އިދިކޮޅުން ގޮވާލައިފި

ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދެވޭ އިޙުތިޖާޖުގެ ހަރަކާތްތަކުގެ ޤާނޫނީ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ޤާނޫނީ ވަކީލުންނަށް ސީދާ ޢަމާޒުކޮށް ސަރުކާރުން ފުލުހުން މެދުވެރިކޮ...

14 Mar 2023 | 07:27

ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދެވޭ އިޙުތިޖާޖުގެ ހަރަކާތްތަކުގެ ޤާނޫނީ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ޤާނޫނީ ވަކީލުންނަށް ސީދާ ޢަމާޒުކޮށް ސަރުކާރުން ފުލުހުން މެދުވެރިކޮށް ހިންގަމުން ގެންދާ ޣައިރު ޤާނޫނީ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން އިދިކޮޅު ކޯލިޝަނުން (ޕްރޮގްރެސިވް ކޯލިޝަނުން) ކުއްވެރިކޮށް އެކަންކަން ހުއްޓާލުމަށް ގޮވާލައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ރޭގައި އާންމުކޮށްފައިވާ ބަޔާނުގައި ވާ ގޮތުގައި ރޭގައި މާލޭގެ މަގުމަތީގައި ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދެވުނު ޙަރަކާތުގައި ވަނީ އެހަރަކާތުގެ ޤާނޫނީ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންނެވި ޤާނޫނީ ވަކީލު އަދި ޕީޕީއެމްގެ އިސްތިޢުނާފް ކޮމިޓީގެ ނާއިބު މުޤައްރިރު އަލްއުސްތާޛު އާދަމް ޢާޞިފް ހައްޔަރުކޮށްފައިވެއެވެ. އަދި އާޞިފަކީ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގެވެސް މެންބަރެއް ކަމުގައި ވެސް އެ ބަޔާނުގައި ވެއެވެ.

އަދި ހަމަ އެހެންމެ މި ބަޔާނުގައި ވާ ގޮތުގައި މިފަދަ އަމަލުތަކަކީ ބިރު ދެއްކުމުގެ އަމަލުތަކެއް ކަމުގައާއި އަދި މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއް ވެސް ނޫން ކަމުގައި އެ ބަޔާނުގައި ވެއެވެ. އިޙުތިޖާޖުގެ ތެރެއިން މީހުން ހައްޔަރު ކުރާއިރު، އިޙުތިޖާޖުގައި ބައިވެރިނުވެ ދުރުގައި ތިބޭ މީހުންވެސް ހައްޔަރު ކުރަމުން ގެންދާތަން މިހާރު ފެންނަމުން ދާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވާ ގޮތުގައި ލާއިންސާނީ ޢަމަލުތައް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހިންގަމުން ގެންދާއިރު، މިކަންކަން ބަލާ ފިޔަވަޅު އެޅުމުގެ ޒިންމާ ޤާނޫނުން މަތިކޮށްފައިވާ މުއައްސަސާތައް ނިދާފައި ތިބުމުގެ އިތުރުން ސަރުކާރު ބޭނުންވާ ގޮތަށް ބަޔާންތައް ނެރެމުން ގެންދިޔުމަކީވެސް އެ މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލިފައިވާ މިންވަރު ހާމަކޮށްދޭ ކަންކަން ކަމަށާއި އަދި ދިވެހި ރައްޔިތުންނަށް އަނިޔާވެރިވެ، އެއްވެސް ކަމަކާއި ނުލާއި ރައްޔިތުން ހައްޔަރުކޮށް އަދި ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރަމުން ގެންދާއިރު، އެކަންކަން ބެލުމުގެ ޒިންމާ ޙަވާލުވެފައިވާ މިނިވަން މުސްތަޤިއްލު މުއައްސަސާތައް ގަދަ ނިދިން ހޭލާ އެ ކަންކަން ބަލާ ފިޔަވަޅު އެޅުމަށް  ވެސް އެ ބަޔާނުގައި ގޮވާލާފައި ވެއެވެ.

ރޭގެ އިޙުތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވާ ޕީޕީއެމްގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޤާނޫނީ ވަކީލު އާދަމް ޢާޞިފާއެކު، އިހުތިޖާޖުގައި ބައިވެރިވެގެން އަދި ބައިވެރި ނުވެ ކަންކަން ބެލުމުގައި ހަރަކާތްތެރިވަނިކޮށް ހައްޔަރުކުރި އެންމެން އެއްވެސް ޝަރުތެއް ނެތި މިހާރުން މިހާރަށް ދޫކޮށްލުމަށްވެސް ގޮވާލާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް