މާލޭގައި ސިލްސިލާ އިތުރު މާރާމާރީތަކެއް ހިންގަން ގޭންގުތަކުން ރާވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ ފިހާރައެއްގެ ތެރޭ ވަޅިހަރައި މީހަކު މަރާލި މައްސަލާގައި ހިމެނޭ އުމުރުން 20 އަހަރުގެ ސިރުހާން އަލީގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކޮށް ދެއްކި ވާހަކައިގަ އެވެ. ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ މާރާމާރީ ހިންގަން އިތުރަށް ރާވަމުން ދަނީ ފިހާރައިގެ ތެރޭގައި މީހާ މަރާލި ހާދިސާ އާއި އިތުރު އެހެން ސިލްސިލާ މާރާމާރީތަކާއި ގުޅިގެން ކަމަށެވެ. މިކަމުގެ އިތުރު ތަފްސީލް ދީފައެއް ނުވެ އެވެ.
ސިރުހާންގެ ބަންދުގެ މުއްދަތު ޖަހައިދިނީ ފުލުހުން އެކަށީގެންވާ ހެކި ހުށަހަޅާފައި ހުރުމުން ކަމަށް ކޯޓުން ބުނެފައިވެ އެވެ. އެގޮތުން ސިރުހާނާއި ދެކޮޅަސް އިންޓެލިޖެންސް ރިޕޯޓަކާއި ކްރައިމް ސީންގެ ފޮޓޯތަކާއި ސީސީޓީވީ ފުޓޭޖް ހުށަހަޅައިފަ އެވެ.
މި ކަންކަމަށް ބަލައި، ބަންދުގައި ބަހައްޓަން ނިންމީ ބިރުދެއްކުމާއި ތޫނު ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
މިދިޔަ މަހު ހިންގި ސިލްސިލާ މާރާމާރީތަކުގައި އެމީހާ މަރާލުމުގެ އިތުރުން ހުޅުމާލޭ ޖޫސް ޓައިމްއަށް ގެއްލުންދީފައިވެ އެވެ. އެތަނަށް ގެއްލުންދިން ދެމީހުންވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް