ފްރާންސްގެ ޕީއެސްޖީއަށް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ގެނައުމަކީ ހެދި ގޯހެއް ކަމަށާއި މެސީއަށް ވުރެ ޕީއެސްޖީއަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފިޓް ވާނޭ ކަމަށް މައުރިއޯ ޕޮޗެޓީނޯ ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ޕޮޗެޓީނޯ ވަނީ ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވެ ހުރި އިރުވެސް ރޮނާލްޑޯ ޕީއެސްޖީއަށް ގެނައުމަށް ކުލަބުގެ ވެރިންގާތު އެދިފައެވެ. ނަމަވެސް ޕޮޗެޓީނޯގެ މި އެދުމަށް ޕީއެސްޖީގެ ވެރިން އެއްބަސްވެފައި ނުވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މެސީ ގެނައުމަކީ ޕީއެސްޖީން ހެދި ގޯހެއް ކަމަށާއި މެސީއަށް ވުރެ ރޮނާލްޑޯ ޕީއެސްޖީއަށް މާ ފިޓް ވާނޭ ކަމަށް ޕޮޗެޓީނޯ ބުނެފައިވާއިރު، އޭނާ ވަނީ މެސީ ފިޓް ވާނީ ހަމައެކަނި ބާސެލޯނާގެ ސިސްޓަމަށް ކަމަށް ވެސް ބުނެފައެވެ. އަދި މެސީ ދޫކޮށްލުމަށް ފަހު ރޮނާލްޑޯ ޕީއެސްޖީއަށް ގެނައުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޕޮޗެޓީނޯ ބުނެފައިވާ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.
މެސީއަށް އިޙުތިރާމް ކުރާ ކަމަށާއި ނަމަވެސް ހަޤީޤަތަށް ބުނާ ނަމަ ޕީއެސްޖީ ކުޅޭ ސިސްޓަމަށް މެސީއަށް ވުރެ ރަނގަޅުވާނީ ރޮނާލްޑޯ ކަމަށް ޕޮޗެޓީނޯ ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ޕޮޗެޓީނޯ ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަސްތެރޭ ގައެވެ. އަދި މެސީ ބާސާ ދޫކޮށް ޕީއެސްޖީއާއި ގުޅުނީ 2021 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. ޕީއެސްޖީން މެސީގެ ސޮއިހޯދީ ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމުގެ މަޤުސަދުގައި ކަމަށް ވީ ނަމަވެސް ޕީއެސްޖީއަށް ވަނީ މެސީއާއި އެކުވެސް އެ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން މުބާރާތާއި ވަކިވާން ޖެހިފައެވެ. މި ނާކާމިޔާބީއާއި ގުޅިގެން ޕީއެސްޖީގެ ކޯޗުކަމުން ޕޮޗެޓީނޯ ވެސް ވަނީ ވަކިކޮށްފައެވެ. ޕޮޗެޓީނޯ ޕީއެސްޖީގެ ކޯޗުކަމުން ވަކިކުރީ 2022 ވަނަ އަހަރުގެ ޖުލައިމަހުގެ ފަސްވަނަ ދުވަހުގައެވެ.
ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުނު ނަމަވެސް ޕޮޗެޓެޓީނޯގެ ކޯޗުކަމުގެ ދަށުން ޕީއެސްޖީން ވަނީ އެ އަހަރުގެ ލީގާއި ފްރެންޗް ކަޕް ކާމިޔާބު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް