ރަމަޟާން މަހުގެ ހުރިހާ ކަމެއް އަޅުކަމަށް މަގުފަހި ކުރުވުމުގެ ގޮތުން ގދ. ތިނަދޫގައި ރޯދަމަހު ކުޅިވަރު ކުޅޭނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
މިކަން ހާމަކޮށް ތިނަދޫ ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނީ މިއަހަރުގެ ރަމަޟާން މަހަކީވެސް ވީހާވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި ޢާދަކާދައާއި އުޞޫލުތައް އާލާވާން ފުރުޞަތު ފަހިވާ ޚާއްޞަ ދުވަސް ތަކަކަށް ހަދައިދެވޭތޯ އެ ކައުންސިލުން އަދާކުރަންޖެހޭ ދައުރު އަދާކުރަން މަސައްކަތް ކުރާކަމަށެވެ.
އެގޮތުން ރަށުގައި ހުރި ތަޢުލީމު ފޯރުކޮށްދޭ ތަންތަނުންނާއި، ސަރުކާރާއި އެނޫންވެސް އެހެނިހެން މުއައްސަސާ ތަކުންނާއި، ވިޔަފާރިވެރީންނާއި، ކުލަބު ޖަމިއްޔާ ޖަމާޢަތް ތަކުންނާއި، އެކިއެކި ރަސްމީ އަދި ނުރަސްމީ ޓީމު ތަކާއި ގްރޫޕް ތަކުންވެސް ރަމަޟާން މަހާ ކުރިމަތިލާއިރު ރަމަޟާންމަހުގެ މަޤްޞަދު ޙާޞިލް ކޮށްދިނުމަށް އެކަކު އަނެކަކަށް މަގުފަހި ކުރެވޭނޭހެން އެންމެހާ ކަމެއް ތަރުތީބުކޮށް އިންތިޒާމް ކުރުމަށް ޚާއްޞަ ސަމާލު ކަމެއް ދިނުމަށް ތިނަދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ދުވާލު ރޯދަޔަށް ތިބޭ ވަގުތު ތަކުގައި އެކަކު އަނެކަކަށް ޙަމްދަރުދީވެ އަޅާލައި، ރަސްމީ މަސައްކަތަށް މާބޮޑު ބުރުލެއް ނާރާނެހެން ވީހާވެސް ބޮޑަށް އަޅުކަމަށް ވަގުތު ފަހިކޮށްދިނުމާއި، ޚާއްޞަކޮށް ފަރުޟު ނަމާދުތަކުގެ ޖަމާޢަތުގެ ވަގުތު ތަކާއި، ތަރާވީޙް ނަމާދާއި، ރޯދަވީއްލުމުގެ ވަގުތުފަދަ ވަގުތު ތަކާއި ފުށު ނާރާނެހެން، އެއްވެސް މީހަކަށް ދަތި ނުވާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީ ތަކާއި އެހެނިހެން ރަސްމީ ކަންކަން އިންތިޒާމް ކުރަން ތިނަދޫ ކައުންސިލުން އިލްތިމާސްކޮށްފައި ވެއެވެ.
ހަމައެހެންމެ ދުވާލުގެ ވަގުތުވެސް، އަދި ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ޙަރަކާތްތަކެއް ނުވަތަ މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް އިންތިޒާމްނުކުރުމަށް އެ ކައުންސިލުން އެދިފައި ވެއެވެ.
ކުޅިވަރާއި މުނިފޫހި ފިލުވުމަށް ނުފެތޭ ރަސްމީ ޙަރަކާތްތަކެއް ވިޔަސް ކޮންމެހެން ހިންގަން ޖެހޭ ޙާލަތެއް މެދުވެރިވެގެން ނޫނީ (ރަމަޟާން މަހާއި ގުޅުން ހުރި، ދީނީގޮތުން ބޭނުންތެރި ކަންކަން މެނުވީ) ދުވާލު ނުވަތަ ރޭގަނޑު ވިޔަސް ނުހިންގަން އެ ކައުންސިލުން އެދިފައި ވެއެވެ.
ތިނަދޫ ކައުންސިލުން ބުނީ ރަމަޟާން މަހާއި ގުޅުންހުރި ޙަރަކާތެއް ރޭވިޔަސް، އެކަމެއް ދުރާލާ ރާވައި، ގުޅުންހުރި ހުރިހާ ފަރާތްތަކަށް އަންގައި، އަޅުކަމުގެ ވަގުތު ތަކަށް ދަތިނުވާނެހެން، މީހުންނަށް މާބޮޑު ބުރަޔަކަށް ނުވާނެހެން، މާދިގުލައި ނުދާނެހެން، ފަރުވާތެރިކަމާއެކު އެފަދަ ޙަރަކާތްތައް އިންތިޒާމް ކުރުމަށެވެ.
ވީވަރަކުން ދީނީ ޙަރަކާތްތައް މުނާސިބު ގޮތެއްގައި އިންތިޒާމް ކުރި ކަމުގައިވިޔަސް، އެފަދަ ކަންކަމުގައިވެސް ކަމެއް ދިމާވެއްޖެ ނަމަ ރައްޔިތުންނަށާއި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ޖަވާބުދާރީ ވާންޖެހޭ ރަށުގައި ހުރި ދައުލަތުގެ އެއްމެ އިސް މުއައްސަސާއަކީ އެ އިދާރާކަމަށްވުމުން އެ އިދާރާއަށް އެކަންކަމުގެ މަޢުލޫމާތު ވީވަރަކުން ދުރާލައި ޙިއްޞާ ކުރަން ތިނަދޫ ކައުންސިލުން އެދިފައި ވެއެވެ.
މީގެ އިތުރުން ތިނަދޫ ކައުންސިލުން ބުނީ ކަސްރަތާއި ޞިއްޙީ ބޭނުންތަކަށް ޙަރަކާތްތެރިވާ ފަރާތްކަށް މަގުފަހިކޮށްދިނުމަށްޓަކައި ރަށުގައިހުރި ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ފަދަ ތަންތަން ދުވާލާއި ރޭގަނޑުގެ ކަނޑައެޅޭ ވަގުތު ތަކުގައި ޢާއްމުކޮށް ހުޅުވާފައި ބަހައްޓާނެކަމަށެވެ.
އަދި ކައުންސިލުގެ ބެލުމުގެ ދަށުގައިހުރި ތަންތަނުގެ ތެރެއިން ވަގުތު ކަނޑައެޅިގެން ހުޅުވާފައި ބެހެއްޓޭ ތަންތަނުގެ މަޢުލޫމާތު ވަކީން ޢާއްމުކޮށް އިޢުލާނު ކުރާނެ ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.
ތިނަދޫ ކައުންސިލުން ބުނީ އެ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތައް ކުރިޔަށް ގެންދިއުމަށްޓަކައި އެއްބާރުލުން ނުދޭ ފަރާތްތަކާއި، ޤަޞްތުގައި މިފަދަ އުޞޫލުތަކާއި ޚިލާފަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކަށް އެއިން އެއްވެސް ކަމެއްގައި އެ އިދާރާގެ އެއްބާރުލުން ނުލިބޭނެ ކަމަށެވެ.
އަދި މިކަންކަމާއި ޚިލާފަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭ ޙާލަތުގައި ފިޔަވަޅުވެސް އަޅާނެ ކަމަށް ތިނަދޫ ކައުންސިލުން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް