ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރު ބެލުމަށާއި އެ ފްލެޓްތަކާއި ގުޅޭ ބައެއް އެހެންކަންކަމުގައި ހިޔާލު ހޯދުމަށް ސާވޭއެއް ކުރިއަށްގެންދަން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެގޮތުން އެޗްޑީސީން ބުނެފައިވަނީ ހިޔާފުލެޓުގައި ގިނަ އަދަދަކަށް މީހުން ދިރިއުޅެންފަށާފައިވާއިރު، އެތަނުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ބޭނުންވާ އެކި ކަންކަން ދަނެގަނެ އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ކުންފުނީގެ ފަރާތުން ސާރވޭއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާއި މި ސާވޭ ކުރިއަށްދާނީ މި މަހުގެ 12 އިން މި މަހުގެ 30 ގެ ނިޔަަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 08:00 އަށް ކަމަށެވެ. ހުރިހާ ޓަވަރެއްގައި މި ސާވޭ ކުރިއަށްދާނެ ކަމަށް ބުނެފައިވެއެވެ.
އެޗްޑީސީން ބުނެފައިވަނީ މި ސާވޭގައި އެޗްޑީސީއިން ދެމުންގެންދާ "ޖީީޕޮން ނެޓްވޯކް" ހިދުމަތާއި ގުޅޭގޮތުން ހިޔާލު ހޯދުމާއި ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރު އޮޅުންފިލުވުން ކުރިއަށްދާނެ ކަމަށެވެ. ހިޔާ ޓަވަރުތަކުގެ އާންމު ތަންތަން ފޮޅާ ސާފުކުރުމާއި ސެކިއުރިޓީ ބެލެހެއްޓުމުގެ ހިދުމަތާ ގުޅޭގޮތުން ހިޔާލު ހޯދުމުގެ އިތުރުން ހިޔާ ޓަވަރުތަކުގެ އާންމުތަންތަނާއި ހިދުމަތްތަކާއި އަދި އިމާރާތް މެނޭޖްކުރުމުގެ އެންމެހާ ކަންކަން، ހިޔާ ފްލެޓްތަކުގެ ވެރިން އިންތިހާބުކުރާ ވަކި ބޯޑެއްގެ ބެލުމުގެ ދަށުން ކުރިއަށްގެންދިއުމަށްޓަކައި އެކުލަވާލަންޖެހޭ ކޯޕަރޭޓިވް ސޮޝައިޓީ އުފެއްދުމާގުޅޭގޮތުންވެސް ހިޔާލު ހޯދާނެ ކަމަށެވެ.
މި ސާވޭގައި ވަކިވަކި ފްލެޓްތަކަށް ޒިޔާރަތްކުރުމުގައި އެއްވެސް ފަރާތަކާ ބައްދަލުނުވެއްޖެ ހާލަތެއްގައި، ފުލެޓުގެ ވެރިފަރާތަށް އެޕޮއިންޓްމަންޓެއް ހޯދުމަށަ އެސްއެމްއެސް އެއް ފޮނވޭނެއެ ކަމަށާއި މި ސާވޭގައި ހަރަކާތްތެރިވާ އެޗްޑީސީގެ ހުރިހާ މުވައްޒަފުން ތިބޭނީ އެ ކޯޕަރޭޝަނުގެ މުވައްޒަފެއްކަން އެނގޭގޮތަށް ފާސް އަޅައިގެން ކަމަށާއި މި ސާވޭގައި އެއްެވެސް ފަރާތެއްގެ އާމްދަނީ، ބޭންކް އެކައުންޓް ނަންބަރު ނުވަތަ ކާޑުގެ ތަފްސީލެއް ނުހޯދާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް