ކްރިމިނަލް ކޯޓަށް އޮންލައިންކޮށް މައްސަލަތައް ހުށަހެޅުމުން, މައްސަލަތައް ބަލައިގަންނަން ފަށައިފި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވީ ފުލުހުން ޕީޖީ އަށް މައްސަލަތައް ފޮނުވަނީ އޮންލައިންކޮށްކަމަށާއި ފުލުހުން ޕީޖީ އޮފީހުގެ މަޝްވަރާއެއް ބޭނުންވި ނަމަވެސް މުއާމަލާތްތައް ކުރެވެނީ އޮންލައިން ނިޒާމެއްގެ ތެރެއިންކަމަށެވެ.
އެގޮތުން އިއްޔެ ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފޮނުވި މައްސަލައެއް ކްރިމިނަލް ކޯޓުން ބަލައިގެންފައިވާކަމަށް ޝަމީމު ވިދާޅުވިއެވެ.
މީގެކުރިން ކްރިމިނަލް ކޯޓަށް މައްސަލަތައް ހުށަހަޅަމުން ދިޔައީ ހުރިހާ ލިޔެކިޔުންތަކެއް ކޯޓަށް ގެންގޮސްގެންނެވެ.
ޝަމީމު ވިދާޅުވީ ކޮވިޑުގެ ދުވަސްވަރު މައްސަލަ ހުށަހެޅުން އަވަސް ކުރުމަށްޓަކައި، ކްރިމިނަލް ކޯޓަށް އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވި އެ މަޝްވަރާތަކުގެ ތެރެއިން، ޕީޖީ އޮފީހުގެ ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރގެ އޭޕީއައި އަކުން ކޯޓާ ގުޅާލެވިފައިވާ ކަމަށެވެ.
ޝަމީމް ވިދާޅުވީ އޭނާގެ އުއްމީދަކީ ހުރިހާ ކޯޓުތަކަށްވެސް އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ އިންތިޒާމު ވީހާވެސް އަވަހަކަށް ހަމަޖެހިގެން ދިއުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް