ސައޫދީ އަރަބިއްޔާގައި އެކި އެކި މައްސަލަތަކުގައި މަރުގެ ހުކުމް އިއްވާފައިތިބި މީހުންގެ ތެރެއިން އިއްޔެ މަރުގެ ހުކުމް ތަންފީޒު ކުރި 81 މީހުންގެ ތެރޭގައި އެއް މާބަނޑު ދެބެއިން ހިމެނޭ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.
އެ ދެބެއިންނަކީ ސޯލިހު އިބްރާހިމް އަލް އޮރައިނީ އާއި ހާލިދު އިބްރާހިމް އަލް އޮރައިނީ އެވެ. މި ދެބެން ހިމެނޭ މަރުގެ މައްސަލައަކީ 2016 ވަނަ އަހަރު މުޅި ސައުދީ އަރަބިއްޔާ ސިއްސުވާލި ހާދިސާ އެކެވެ.
އެއަހަރުގެ ރޯދަ މަހުގެ ތެރޭގައި ވެރިރަށް ރިޔާދުގައި އެ ދެބެން ވަނީ އެމީހުންގެ މަންމައަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން މަރާލާފަ އެވެ. އަދި ބައްޕަ މަރާލަން ތޫނު އެއްޗަކުން ބޮލަށް ހަމަލާ ދޭން މަސައްކަތް ކުރި އިރު ފުލުހުން އައުމުގެ ކުރިން ފިލީ ބޭބެއަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލުމަށްފަހު އެވެ.
އެ ދެމީހުން ހައްޔަރު ކުރުމުން ކުށަށް އިއުތިރާފުވެފައިވެ އެވެ. އަދި ތަހުގީގު ގައި އާއިލާއަށް ހަމަލާދިނީ އިސްލާމް ދީނަށްތަބާނުވާތީ ކަމަށް ބުނެފައިވެ އެވެ. މި ދެބެއިންނަކީ އިސްލާމީ ހަރުކަށީ ޖަމާއަތް ކަމަށްވާ އައިއެސްގެ މެމްބަރުންނެވެ.
އެމީހުން ބުނީ މަންމަ މަރާލައި ބައްޕަ މަރާލަން މަސައްކަތް ކުރީ ސީރިއާ ހަނގުރާމައިގަ ބައިވެރިވާން ދާން އެއްބަސް ނުވުމުންނާއި އެމީހުން އެ ހަނގުރާމައަށް ދިއުމަށް މައިންބަފައިން ދެކޮޅު ހެދުމުންނެވެ.
އެ މައްސަލައިގަ ސޯލިހާއި ހާލިދުގެ މައްޗަށް މީހަކު މެރުމުގެ ދައުވާ އާއި މަރާލަން އުޅުމުގެ ދައުވާގެ އިތުރުން އައިއެސްއަށް ތާއީދުކޮށް ޓެރަރިޒަމްގެ އަމަލުތައް ސައުދީގައި ހިންގަން އުޅުމުގެ ދައުވާ ކޮށްފައިވެ އެވެ. އެ ދެމީހުން މަރަން ހުކުމް ކުރީ އެ ހުރިހާ ދައުވާއެއް ސާބިތުވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް