ލާމު އަތޮޅުގެ ޑަބްލިއުޑީސީތަކުގެ މަހާސިންތާ ކާމިޔާބުކަމާއެކު ނިންމާލައިފި

ލާމު އަތޮޅުގެ ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަަކަށް އަމާޒުކޮށް ކުރިއަސްގެންދިޔަ "ލާމު ޑަބްލިއުޑީސީ ކޮންފަރެންސް 2022" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި މަހާސިންތާއަކީ ...

14 Mar 2022 | 08:42

ލާމު އަތޮޅުގެ ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަަކަށް އަމާޒުކޮށް ކުރިއަސްގެންދިޔަ "ލާމު ޑަބްލިއުޑީސީ ކޮންފަރެންސް 2022" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި މަހާސިންތާއަކީ ލ. ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްނެގުމާއެކު އަތޮޅު ކައުންސިލާއި ފޮނަދޫ ކައުންސިލާއި ލާމު އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ އިތުރުން ބިޒްކޯ އިންސްޓިޓިއުޓާ ގުޅިގެން ކުރިއަށްގެންދިޔަ މަހާސިންތާއެކެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި މަހާސިންތާގައި އެ އަތޮޅުގެ ރަށްތަކުގެ ޑަބްލިއުޑީސީތަކުން ކޮންމެ ރަށަކުން ދެ ބައިވެރިވެއަކު ބައިވެރިވެފައިވެއެވެ.

މި މަހާސިންތާއާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން ފޮނަދޫ ޑަބްލިއުޑީސީގެ ރައީސާ އައިޝަތު ރިޝްމާ ވިދާޅުވީ މަހާސިންތާ ކުރިއަށް ގެންދިޔައީ ކޮންމެ ރަށެއްގެ ޑަބްލިއުޑީސީއަކުން ދެ ބައިވެރިން ހިމެނޭހެން ކަމަށާއި މި މަހާސިންތާގައި އެކި ކަންކަމަށް ހާއްސަ ސެޝަންތައް ކުރިއަށްގެންދެވުނު ކަމަށެވެ.

ރިޝްމާ ވިދާޅުވީ މި މަހާސިންތާގެ އެއް އަމާޒަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ގުޅިގެން އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ކުރެވިދާނެ ކަންކަމާއިމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުން ކަމަށެވެ.

"މި މަހާސިންތާގައި އެކި މުއައްސަސާތަކުން މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށްގެންދިޔަ، އޭގެ ތެރޭގައި އަތޮޅު ކައުންސިލް، އަތޮޅުު ފެމިލީ އެންޑް ޗިލްޑްރަންސް ސެންޓަރު، ބިޒްނަސް ސެންޓަރު އަދި ބިޒްކޯ، އަތޮޅުގައި ހުރި ކޮލެޖްތަކުގެ ބްރާންޗްތަކުގެ އިތުރުން އައިއާރުސީންވެސް ސެޝަންތަކެއް ކުރިއަށްގެންދެވުނު" ރިޝްމާ ވިދާޅުވިއެވެ.

ރިޝްމާ އިތުރަށް ވިދާޅުވީ މި މަހާސިންތާގެ ސަބަބުން އަތޮޅުގެ ރަށްރަށުގެ ޑަބްލިއުޑީސީތަކަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމުގައި ގަބޫލުކުރެވޭ ކަމަށެވެ. އަދި މިފަދަ މަހާސންތާތަށް އިތުރަށް ރާވާ ހިންގުމުގެ ވިސްނުން ފޮނަދޫ ޑަބްލިއުޑީީސީން ގެންގުޅޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް