ފުވައްމުލައް ސިޓީގައި ޤުރުއާނާބެހޭ މަރުކަޒެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ރައިސާ ޕްރައިވެޓް ލިމިޓަޑާއެކު އިސްލާމިކް މިނިސްޓްރީ އިން ސޮއިކޮށްފިއެވެ.
މިޢިމާރާތުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިމަކާއި، ލައިބްރަރީއެއް އަދި މީޓިން ރޫމެއް ހަދަން ނިންމާފައިވާއިރު ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި ނަމާދު ކުރާނެ ތަނެއް ޢިމާރާތްކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
މި މިސްކިތުގައި ނަމާދުކުރާ ޖާގައިގައި އެއްފަހަރާ 30 މީހުންނަށް ނަމާދުކުރެވޭނެއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިގޮތުގައި، ފުވައްމުލައް ސިޓީގައި ޤުރުއާނާބެހޭ މަރުކަޒެއް ޢިމާރާތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ހިންގުން އިތުރަށް ހަރުދަނާކޮށް، ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ދެ ފަންގިފިލާއަށް ޢިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މި މަރުކަޒަކީ ދިވެހި ދައުލަތުން 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ ޢިމާރާތެކެވެ.
އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެކުންފުނީގެ އެޗް.އާރް މެނޭޖަރ މުސްޠަފާ މުޙައްމަދުފުޅެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް