މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގައި މިހާރު ނުނިމި އޮތީ ދިރިއުޅުމުގެ ފެންވަރު ވަޒަންކުރާނެ ގޮތް ކަނޑައެޅުމުގެ ބައި އެކަނި : އަސްލަމް

މާލޭ ރައްޔިތުންނަށް ގޯތިދިނުމުގައި މިހާރު ނުނިމި އޮތީ ހަމައެކަނި ދިރިއުޅުމުގެ ފެންވަރު ވަޒަންކުރާނެ ގޮތް ކަނޑައެޅުމުގެ ބައި އެކަނި ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަސްލ...

14 Mar 2022 | 06:40

މާލޭ ރައްޔިތުންނަށް ގޯތިދިނުމުގައި މިހާރު ނުނިމި އޮތީ ހަމައެކަނި ދިރިއުޅުމުގެ ފެންވަރު ވަޒަންކުރާނެ ގޮތް ކަނޑައެޅުމުގެ ބައި އެކަނި ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ވަގުތުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވަނީ މާލެއިން ގޯތި ދޫކުރުމާއި ބެހޭ ގޮތުން މިނިސްޓަރ އަސްލަމާއި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މީކާއިލްގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ  މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ކްރައިޓީރިއާގެ ބޮޑުބައި މިހާރު ނިމިފައިވާކަމަށެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގައި މާބޮޑެތި ކްރައިޓީރިއާތަކެއް ނެތް ކަމަށާއި މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ކްރައިޓީރިއާ އެކުލަވައިލުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުން ކަމަށެވެ. އެ ގޮތުން ހަތަރު ކަމަކަށް ބަލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މާބޮޑެތި ކްރައިޓީރިއާތަކެއް ހުރި ކަމެއް ނޫން ކަމަކީއެއް. އޮތީ ހަތަރު ކަމެއް މިހައިތަނަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި،" މިނިސްޓަރ ވިދާޅުވިއެވެ.

އެ ހަތަރުކަމަށް އަލިއަޅުވާލައްވާ މިނިސްޓަރ ވިދާޅުވީ މާލެއިން ގޯތި ދިނުމުގައި ސަރުކާރުން ބަލާނެ މައިގަނޑު ޝަރުތަކީ މާލެއަށް އުފަން މާލޭގެ ރައްޔިތެއް ކަމުގައި ވުމާއި، މާލޭގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނެތުމާއި ވާރުތަވާން ވެސް އެވަރުގެ ބިމެއް ނެތުމާއި، މާލޭގެ ދަފްތަރުގައި ޖެހިގެން މާލޭގައި ދިރިއުޅޭ މީހުންނަށް ލިބުނު ދަރިންގެ ތެރެއިން ދަފްތަރުގައި ނުވަތަ މާލޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާ މީހަކަށްވާން ޖެހޭނެކަމަށެވެ. އަދި މި ޝަރުތުތަކުގެ އިތުރުން އުމުރާއި ދިރިއުޅުމުގެ ހާލަތަށް ވެސް ގޯތި ދިނުމުގައި ރިއާޔަތް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް