ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލޭއިން ދޫކޮށްފައިވާ ފްލެޓުތަކަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދަނެތި ބަދަލު ގެންނާތީ ފިޔަވަޅު އަޅަން ނިންމައިފި އެވެ.
އެޗްޑީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބައެއް ފްލެޓުތަކުގެ ބެލްކަންޏަށް ބަދަލު ގެނެސް ބޮޑެތި ކަހާ ދޮރު ލާފައިވާ ކަމަށެވެ. އަދި މަތީ ފަންގިފިލާ ލިބިފައިވާ ފަރާތްތަކުން ސީލީންގު ނައްޓާލައި އިތުރު ޑެކެއް އަޅަމުންދާ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ދެ ކޮޓަރި ގުޅުވުމާއި ޕާޓިޝަން ޖަހައިގެން އިތުރު ކޮޓަރި ހެދުމުގެ މައްސަލަ ދިމާވަމުންދާ ކަމަށް އެޗްޑީސީން ބުނެ އެވެ. އެޗްޑީސީން ބުނީ ފްލެޓުތަކުގައި ޖަހާފައިވާ ތަށިމުށި މަތީގައި ތަށިމުށި ޖަހާފައި ހުރިކަން ފާހަގަވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އެޗްޑީސީން ބުނީ އެ އިމާރާތްތަކަކީ ވަކި ބަރުމިނަކަށް ފެތޭގޮތަށް ބިނާކޮށްފައިވާ ތަންތަން ކަމަށެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން އިމާރާތުގެ ސްޓްރަކްޗަރަށް ގެއްލުން ލިބި އިމާރާތުގެ އުމުރު ކުރުވާނެ ކަމަށް ބުނެފައިވެ އެވެ.
އެޗްޑީސީން ބުނީ ފްލެޓުތަކަށް ގެންނަ ބަދަލުން އަވައްޓެރި ފްލެޓުތަކަށްވެސް އޭގެ އަސަރު ކުރާ ކަމަށެވެ.
އެހެންވެ މިފަދަ ބަދަލުތައް ފްލެޓުތަކަށް ގެނެސްފައިވާ ފަރާތްތަކުން އެޗްޑީސީގެ ފެސިލިޓީސް މެނޭޖްމެންޓުގެ އިރުޝާދުގެ މަތިން އެ ބަދަލުތައް ރަނގަޅު ކުރުމަށް އަންގާ ކަމަށެވެ. އަދި އެއްބަސްވުމާއި ހިލާފަށް ބަދަލުތައް ގެނެސްފައިވާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަމުންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް