ރައީސް ސޯލިހް ގަތަރަށާއި ބަންގްލަދޭޝަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤަޠަރަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ބަނގުލަދޭޝްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފިއެވެ. ރައީސް އޮފީހުން މައުލޫމާތުދެއްވާގ...

14 Mar 2021 | 16:27

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤަޠަރަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ބަނގުލަދޭޝްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދެއްވާގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި އަދި ސަރުކާރުގެ އިސްއޮފިޝަލުންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި ޤަޠަރަށް ވަޑައިގެންނެވުމުގެ އެންމެބޮޑު ބޭނުންފުޅަކީ ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ޤަޠަރާއި ރާއްޖޭގެ ސިޔާސީގުޅުން މި ސަރުކާރުގައި އަލުން ޤާއިމުކުރުން ފާހަގަކުރެއްވުމާ ދެޤައުމުގެ ޒަމާންވީ ބަދަހިގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާ، ބަނގުލަދޭޝްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނާ ، އެމަނިކުފާނުގެ އަނބިކަނބަލުންނާ ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދު ބަނގުލަދޭޝްއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 2021 މާރިޗު 17 ވަނަ ދުވަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅުގައި "ބާރތު ސެންޓެނަރީ އޮފް ޝެއިޚް މުޖީބުއްރަޙްމާން"ގެ ރަސްމީ ޙަފްލާގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ބަނގުލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް ޒިޔާރަތްކުރެއްވުމާއި އެ ޤައުމުގެ ސަރުކާރުގެ އިސްއޮފިޝަލުންނާއި ބައްދަލުކުރައްވައި އެކިދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ހަމަ އެހެންމެރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ބަނގުލަދޭޝްގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާކަމުގައި ރައީސް އޮފީހުން ދަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަނބިކަނބަލުންނާ ދިވެހި ވަފުދުގެ ބޭފުޅުން އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 2021 މާރިޗު 20 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް