އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ނަޑެއްލާ ގޮނާނިގިލި ކުޅީގައި ގާއިމްކޮށްފައިވާ އީކޯ ޕާކު އިއްޔެ ހުޅުވައިފިއެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑުސް) އިންނެވެ.
މިއީ ގޮނާނިގިލި ކުޅީގެ ޤުދުރަތީ ރީތިކަން ޢާއްމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާޙައުލެއް ޤާއިމްކޮށްދިނުމާއެކު ކުޅީގެ ޤުދުރަތީ ރީތިކަން އަންނަންއޮތް ޖީލުތަކާ ހަމަޔަށް ދަމަހައްޓާ އެތަނުގެ މައުލޫމާތު ޒިޔާރައްކުރާ މީހުންނަށް ދިނުމުގެ މަގްސަދުގައި ހިންގުނު ޕްރޮޖެކްޓެއް ކަމަށް މީއެމްއެލް އިން ބުނެއެވެ.
މި ޕްރޮޖެކްޓްގެ ދަށުން އެ ކުޅީގައި ވިއުވިންގ ޕްލެޓްފޯރމަކާއި، ކުޅި ހިމެނޭ ސަރަޙައްދުގައި 5 ބެންޗާއި، 5 ޑަސްބިން ބަހައްޓައި 5 ސޯލާ ބައްތިވަނީ ހަރުކޮށްފައެވެ. ގދ. ނަޑެއްލާގެ އީކޯ ޕާރކު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށްފަހު އެތަން ބެލެހެއްޓުމަށް ވަނީ ރަށު ކައުންސިލާ ޙަވާލުކޮށްފައެވެ.
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ނިޑުސްގެ ފަރާތުން ވިދާޅުވީ " މަސައްކަތް ހިލޭސާބަހަށް ކޮށްދެއްވާފައިވާތީ ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑުސް) ގެ ވޮލަންޓިއަރުންނާއި ރަށުތެރެއިން މިމަސައްކަތަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވި ދަރުމަވެރންނަށާއި ނަޑެއްލާގެ ހެޔޮއެދޭ ފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މި ޕްރޮޖެކްޓަށް ފަންޑުކޮށްދެއްވި ކަމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަށް ނިޑުސް އާއި ނަޑެއްލާގެ ރައްޔިތުންގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން."
2019 ވަނަ އަހަރު ބީއެމްއެލްއިން ތައާރަފްކުރި ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށްވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް