ގައުމީ އެއާލައިން މޯލްޑިވިއަން އިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން މުމްބާއީއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.
ޤައުމީ އެއަރލައިން "މޯލްޑިވިއަން" ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މިހާދު ވިދާޅުވީ މާފަރު-މުމްބާއީ ދަތުރުތައް އަންނަ މަހުގެ 13 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.
2009 ވަނަ އަހަރު ހުޅުވި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ މިހާރުވެސް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓު ޖައްސާ އެއާޕޯޓެކެވެ.
"މިހާރު އެކަމަށް ތައްޔާރުވެ އޭޕްރީލް 13 ވަނަ ދުވަހު ފުރަތަމަ ފްލައިޓް މުންބާއީން ޑައިރެކްޓްކޮށް މާފަރަށް ޖެއްސުމަށް ވަނީ ހަމަޖެހިފައި. އެކަމާއި ބެހޭގޮތުން ހުރިހާ ތައްޔާރީތައްވެ އަޅުގަނޑުމެން ޓީމްގެ ހުރިހައި މެންބަރުން ވަނީ ހުރިހައި ރިސޯޓްތަކާއި، އެ ހިސާބުގެ ގެސްޓްހައުސްތަކާއި އެކުވެސް މަސައްކަތްތައް ކުރެވިފައި. އަދި އިންޑިއާގެ ޓުއަރ އޮޕަރޭޓަރުންތަކާއިއެކުވެސް ވަނީ މަސައްކަތްކޮށްފައި. އަޅުގަނޑުމެން އުންމީދުކުރަނީ މި ފުރުސަތު އެހިސާބުގެ ހުރިހައި ރިސޯޓްތަކާއި ގެސްޓްހައުސްތަކުން ފުރިހަމައަށް ބޭނުންކުރާނެކަމަށް. މިހާތަނަށް ވަނީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބިފައި" މިހާދު ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފަރ ވިދާޅުވީ، ކޯވިޑްގެ ތެރޭގައި ޤައުމީ އެއަރލައިނަށްވެސް ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހުނު ކަމަށެވެ. އަދި މި ހާލަތުގައިވެސް ޤައުމީ އެއަރލައިންގެ ހިދުމަތް ނުހުއްޓި އިޤްތިޞާދު ކުރިއެރުވުމަށް ގިނަ ކަންކަންތައްތަކެއް ކޮށްފައިވާކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ސީދާގޮތުންނާއި ނުސީދާގޮތުން ރައްޔިތުންނަށް މީގެ މަންފާ އެންމެ ރަނގަޅުގޮތުގައި ހޯދައިދިނުން. މީގެ ސަބަބުން ހަމައެކަނި ރިސޯޓްތަކަކަށްނޫން ރަނގަޅުވެގެންދާނީ. ގެސްޓްހައުސް ހުންނަ ފަރާތްތަކަށްވެސް އަދި ސީދާ އެރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށްވެސް މިކަމުން ވަރަށް ބޮޑު ފައިދާތަކެއް ލިބިގެންދާނެ. މިއީ ހަމައެކަނި ނރބޅ ގެ ރައްޔިތުންނަށް އެކަނި ފޯކަސް ކޮށްގެނެއްނޫން، ދިވެހިރާއްޖޭގެ މުޅި އިޤްތިޟާދަށް ވިސްނާފައި އަޅުގަނޑުމެން ނެގި ފިޔަވަޅެއް." ޖެނިފަރ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް