رسول الله صلى الله عليه وسلم ޙަދީޘްކުރައްވަނީ ألاوإن فى الجسد مضغة إذا صَلحَتْ صَلُحَ الجسد كُلُّه وإذا فَسَدَت فَسَدَ الجسدُ كله ألا وهى القَلْبُ – متفق عليه:
ފަހެ ދަންނައެވެ. ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. މި މަސްކޮޅު ރަނގަޅުވެއްޖެނަމަ މުޅި ހަށިގަނޑު ރަނގަޅު ވެދެއެވެ. އަދި މި މަސްކޮޅު ނުބައި ވެއްޖެނަމަ މުޅި ހަށިގަނޑު ނުބައި ވެދެއެވެ. ފަހެ ދަންނައެވެ. އެއީ ހިތެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «إِنَّ اللهَ لَا يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ» [رواه مسلم] މާނައީ: ”ހަމަކަށަވަރުން ތިޔަބައިމީހުންގެ ޞޫރައަށާއި ތިޔަބައިމީހުންގެ މުދަލަށް ﷲ ތަޢާލާ ބައްލަވާ ވޮޑިގެންނުވެއެވެ. އެހެނަސް އެއިލާހު ބައްލަވާ ވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ޢަމަލުތަކަށެވެ.“
މާތް ﷲ ވަޙީކުރައްވަވާފައިވައިވެއެވެ. ﴿كَلَّا بَلْ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَ﴾
މާނައީ: “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ.”
މި އާޔަތުގެ ތަފްސީރު މޫރިތި ސުންނަތުގައި އައިސްފައިވެއެވެ.
«إِنَّ العَبْدَ إِذَا أَخْطَأَ خَطِيئَةً نُكِتَتْ فِي قَلْبِهِ نُكْتَةٌ سَوْدَاءُ، فَإِذَا هُوَ نَزَعَ وَاسْتَغْفَرَ وَتَابَ سُقِلَ قَلْبُهُ، وَإِنْ عَادَ زِيدَ فِيهَا حَتَّى تَعْلُوَ قَلْبَهُ، وَهُوَ الرَّانُ الَّذِي ذَكَرَ اللَّهُ» [ رواه الترمذي (3334) و قال حديث حسن صحيح، وحسنه الألباني]
މާނައީ: “ހަމަކަށަވަރުން އަޅަކު ފާފައެއްކޮށްފިނަމަ އޭނާގެ ހިތުގައި ކަޅު ތިއްކެއް ޖެހޭނެއެވެ. ފަހެ، އޭނާ އެފާފައަކުން ދުރުވެ، އިސްތިޣުފާރުކޮށް، ތައުބާވެއްޖެނަމަ އޭނާގެ ހިތް އަލިވެ، ސާފުވެދެއެވެ. އޭނާ އެފާފައަކަށް އެނބުރި އަތުވެއްޖެނަމަ އޭނާގެ ހިތް ފޮރުވިއްޖައުމަށްދާންދެން ތިކިތައް އިތުރުވެދެއެވެ. އެއީ ﷲ ބަޔާންކުރައްވާފައިވާ “الرَّانُ” އެވެ.”
ހިތްހަރުވުމުގެ ސަބަބަކީ ﷲ ތަޢާލާއާ ދުރުވުމެވެ. ފާފައިގެ ކިލަނބުކަމުގެ ތެރެއަށް އަޅާއަށް ވަދެވިއްޖެނަމަ ދަންނައެވެ. އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ އެނުބައިކަމަށް ބޯ ނުލެނބުމެވެ. އަދި ކިއެއް ހެއްޔެވެ. އޭނާއަށް އޮތީ އެހަޑިތައް ދޮވެލުމަށްޓަކައި ﷲ ގެ ޙަޟްރަތަށް އަވަހަށް ތައުބާވުމެވެ.
ލޮބުވެތި އަޚުންނޭވެ. އުޚުތުންނޭވެ. ނިކަން ވިސްނަވާށެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ސުވަރުގެ ލިބޭނެކަމުގެ އުފާވެރިކަން ދެއްވި ސަޙާބީއާމެދު ގިނަ ޞަޙާބީން އުއްމީދުކުރެއްވީ އެއީ ވަރަށް ގިނަ ހެޔޮ ޢަމަލުތައް ކުރައްވާ ބޭކަލެއްކަމުގައެވެ. އެކަމަކު ފަހުން އެބޭކަލުންނަށް އެނގި ވަޑައިގަތީ މި މަތިވެރި ދަރަޖަ އެކަލޭގެފާނަށް ލިބިވަޑައިގަތުމުގެ ސަބަބަކީ (ﷲ އާ ރަސޫލާއަށް ކިޔަމަންވެ) އެހެން މުސްލިމުންނާއި ދޭތެރޭ ހިތްސާފުވުމުންކަމެވެ. މުޝާޙިނަކަށް ނުވުމުން ކަމެވެ. ހެޔޮ ހިތަކަށް މި ލިބުނީ ހެޔޮ އިނާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް