ޕީއެސްޖީގައި އިތުރު އެއް އަހަރު މަޑުކުރަން ނިންމާ އެ ކުލަބުގެ އެއްބަސްވުން ޑި މާރިއާ އާކޮށްފި

ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު އެޓޭކިން މިޑްފީލްޑަރ އެންހެލް ޑިމާރިއާ ކުލަބާއި އެކު ހަދާފައި އޮތް އެއްބަސްވުން އާކޮށްފިއެވެ. މިކަމާއި ގުޅިގެން ޕީއެސްޖީން ...

14 Mar 2021 | 02:01

ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު އެޓޭކިން މިޑްފީލްޑަރ އެންހެލް ޑިމާރިއާ ކުލަބާއި އެކު ހަދާފައި އޮތް އެއްބަސްވުން އާކޮށްފިއެވެ.

މިކަމާއި ގުޅިގެން ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 33 އަހަރުގެ ޑި މާރިއާގެ އެއްބަސްވުން އިތުރު އެއް ސީޒަނަށް އާކޮށްފައިވާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެސްޖީގައި ޑި މާރިއާ މަޑުކުރާނެ ކަމަށާއި އަދި އައު އެއްބަސްވުމުގެ ދަށުން އިތުރު އެއް އަހަރަށް ޕީއެސްޖީގައި ޑި މާރިއާ މަޑުކުރުވުމުގެ ފުރުސަތު އެ ކުލަބަށް ވަނީ ލިބިފައިކަމަށެވެ.

ޕީއެސްޖީގެ އެއްބަސްވުން އާކުރުމަށްފަހު ޑި މާރިއާ ބުނީ އޭނާގެ އަމާޒަކީ ސޫސިޗުގެ ރިކޯޑު މުގުރާލައި، ޕީއެސްޖީގެ ތާރީޚުން ޖާގަ ހޯދުން ކަމަށެވެ. އަދި ޕީއެސްޖީއާއެކު މި ސީޒަނާއި ކުރިއަށް އޮތް ސީޒަނުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދުމަށް ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އަންނަ އަހަރުގެ ނިޔަލަށް ޕީއެސްޖީގައި ޑި މާރިއާ މަޑުކުރަން ނިންމާފައިވާއިރު، އޭނާ އަކީ ޕީއެސްޖީގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނައިން އެސިސްޓް ހަދާފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް 103 އެސިސްޓް ހަދާފައެވެ.

2015 ވަނަ އަހަރު އިނގިރޭސި ކުލަބް މެންޗެސްޓާ ޔުނައިޓެޑުން ޕީއެސްޖީއަށް ބަދަލުވި ޑިމާރިއާ ވަނީ މިހާތަނަށް އެކުލަބުގައި ހޭދަކުރި ފަސް އަހަރުތެރޭ 248 މެޗުކުޅެދީ  86 ލަނޑު ޖަހާފައެވެ. އަދި ވަނީ ޕީއެސްޖީއާއެކު މިހާތަނަށް ފްރެންޗް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް