އިންސާނާގެ ދުލުންބޭރުކުރާ ހަމަ ކޮންމެ ބަހެއް ދާނީ ލިޔެވި ރެކޯޑްކުރެވެމުން

ދުލަކީ ﷲ ސުބުހާނަހޫ ވަތަޢާލާ ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެކެވެ. މި ނިއުމަތުން މަހުރޫމުވެފައިވާ ފަރާތަކަށް މެނުވީ މިނިއުމަތުގެ ބޮޑުކަން އިހުސާސް ނުކުރެވޭނެއެވެ. މި ގުނަވަނުގެ ކުޑަކަމާއެކުގައިވެސް އ...

14 Mar 2021 | 01:39

ދުލަކީ ﷲ ސުބުހާނަހޫ ވަތަޢާލާ ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެކެވެ. މި ނިއުމަތުން މަހުރޫމުވެފައިވާ ފަރާތަކަށް މެނުވީ މިނިއުމަތުގެ ބޮޑުކަން އިހުސާސް ނުކުރެވޭނެއެވެ. މި ގުނަވަނުގެ ކުޑަކަމާއެކުގައިވެސް އޭގެ ބޭނުން ނުހަނު ބޮޑުވެގެންވެއެވެ. އެއިން ކުރެވޭ އަޅުކަންވެސް އެހާމެ ބޮޑުވެފައި މުހިންމުވެގެން ވެއެވެ. ހަމަ އެފަދައިން ގުނަވަނުން ކުރެވޭ ފާފަތައްވެސް އެހާ ގިނަވެފައި ނުރައްކާތެރިކަން ބޮޑުވެގެންވެއެވެ.

ނިކަން ވިސްނައިލައްވާށެވެ! އީމާންކަން ސާބިތުވަނީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމުންނެވެ. ހަމަ އެފަދައިން ކުފުރުވާ މީހުން އެންމެ ގިނައިން ކުފުރުވަނީވެސް ދުލުގެ ޒަރިއްޔާއިންނެވެ.

ދޫ ރައްކާތެރިކުރުމުގައި ފަރުވާކުޑަކުރާ މީހުން ވަރަށްވެސް ގިނައެވެ. ނުވަތަ އެކަމަށް ސަމާލުކަމެއް ނުދީ ތާއަބަދު ދުލުން ފާފަކުޅައުމުގައި ވަގުތުތައް ހޭދަކުރަނީ ކިތައް މީހުން ހެއްޔެވެ! ދުލުގެ އާފާތްތައް ވަރަށްވެސް ގިނަވެގެންވެއެވެ. އެކަންކަމުން ސަލާމަތްވުމުގެ މަގަކީ ހަނުހުރުމެވެ. ހަނު ހުރެއްޖެ މީހާ ނަޖާވެއްޖެ ކަމުގައި ރިވާވެގެންވެއެވެ.

އަދިވެސް ސަލާމާއި ސަލަވާތްލެއްވި އިތުރު އެކަލޭގެފާނު ހަދީޘްކުރައްވާފައިވެއެވެ. " مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ" متفق عليه މާނައީ: "މާތްﷲއަށާއި ގިޔާމަތް ދުވަހަށް އީމާންވާ މީހަކު ހެޔޮބަހެއް ނޫނީ ނުބުނާށެވެ. ނުވަތަ ހަނުހުންނާށެވެ."

ސަލަފުއްސާލިހުންގެ ބަސްތަކުގެ ތެރެއިން އަންނަނިވި އިބާރާތްކޮޅު ހިމެނެއެވެ. "ހަނުހުރުމަކީ ބުރަކަމެއް ނެތް އަޅުކަމެކެވެ. ގަހަނާއެއް ނެތި ވޭވޭ ޒީނަތްތެރިކަމެކެވެ. ވެރިކަމުގެ ބާރެއްނެތި ލިބޭ ހައިބަވަންތަކަމެކެވެ. އެކަމުގެ ސަބަބުން އުޒުރުވެރިވުމުން އެއްކިބާ ކުރުވައެވެ. އަދި އެކަމުގެ ސަބަބުން ތިބާގެ އައިބުތައް ފޮރުވައިދެއެވެ."

ދޫ ރައްކާތެރިކުރާށެވެ! ހައްގު ބަހެއް ނޫނީ ދުލުން ނުބުނާށެވެ. ބާތިލު ވާހަކަތަކުން އެއްކިބާވާށެވެ. އޭރުން ތިބާއަށް ތެދުވެރި އެކުވެރިން ލިބޭނެތެވެ. ޣީބަ ބުނުން ފަދަ ފާފަތަކުން ރައްކާތެރިވެވޭނެއެވެ. މަޑުމޮޅިކަން ދަސްވާނެއެވެ.

ދެކެވޭ ވާހަކަ ބެހިގެންދަނީ ހަތަރު ބަޔަކަށެވެ. އެއީ މުޅީން ހެޔޮލަފާ ވާހަކައެވެ. މިފަދަ ހެޔޮބަސްތައް ބުނުމަކީ ސަވާބު ލިބޭކަމެކެވެ. ނޫނީ މުޅީން ގޯސް ވާހަކަތަކެވެ. މިފަދަ ވާހަކަތަކުން އެއްކިބާވުން ލާޒިމުވެގެންވެއެވެ. ނޫނީ ގޯސް ވާހަކަތަކާއި ނުބައި ވާހަކަތަކެވެ. ނުބައި ކަންކަން ހިމެނިފައިވާ ކޮންމެ ކަމަކާއި ދުރުހެލިވުން މޮޅު އިތުރުވެގެން ވެއެވެ. ނުވަތަ ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނެތް ވާހަކަތަކެވެ. ބޭކާރު ވާހަކަ ދެއްކުމަކީ ވަގުތު ނަގައިލުމެވެ. ވަގުތު ނަގައިލުމަކީ ތިމާގެ އުމުރު ބޭކާރުކޮށްލުމެވެ. މިކަމުންވެސް އެއްކިބާވުން ލާޒިމުވެގެންވެއެވެ.

އިންސާނާ އޭނާގެ އީމާންކަމާއި ކުފުރު ތަފާތުކޮށްދެނީ ދުލުން ބުނާބަހަކުންނެވެ. އިންސާނާ ސުވަރުގެވަންތަވެރިއަކަށްވުމާއި ނުވުން ވެސް ގުޅިފައިވަނީ މި ދެންނެވި ދުލާއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (إن العبد ليتكلم بالكلمة ما يتبين فيها يزل بها إلى النار أبعد ما بين المشرق والمغرب) މާނައަކީ: “އަޅާ ތެދުދޮގުބެލުމެއްނެތި ވާހަކަދެއްކުމުގެ ސަބަބުން ނަރަކައަށް ވައްޓައިލެވެއެވެ”. އެހެންކަމުން މިދޫ ރައްކާތެރިކުރަން އެބަޖެހެއެވެ. އެކަންނުކުރެވިއްޖެނަމަ އެމީހަކު ނަރަކައިގެ އަލިފާންގަނޑުގެ ތެރެއަށް ވައްޓައިލެވެއެވެ.

އަނެއްކޮޅުން ދޫ ފުރިހަމަ ގޮތުގައި ރައްކާކުރެވިއްޖެނަމަ އެމީހަކަށް ސުވަރުގެ ލިބޭނޭ ކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްވަނީ ދެއްވާފައި ވެއެވެ. ޙަދިޘް ކުރެއްވިއެވެ. (من يضمن لي ما بين لحييه وما بين رجليه أضمن له الجنة)، މާނައަކީ: “އެމީހެއްގެ ދެކޯދޭތެރޭގައިވާތަނާއި)އަނގަ) ދެފައިދޭތެރޭގައިވާތަން(ފަރުޖު) ރައްކާތެރިކުރާނެ ކަމުގެ ގެރެންޓީދީފި މީހަކަށް ސުވަރުގެ ލިބޭނެކަމުގެ ގެރެންޓީ ތިމަންކަލޭގެފާނު ދެއްވަމެވެ”.

މުޢާޛް ބިން ޖަބަލު ރަޟިޔަﷲ ޢަންހު އަށް ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމް އެކިވައްތަރުގެ ހެޔޮކަންތައްތައް ބުނެދެއްވުމުން މުޢާޛް ސުވާލުދެންނެވިއެވެ. ތިމަންކަލޭގެފާނަށް ސުވަރުގެއަށްވަދެވި ނަރަކައިން ދުރުހެލިވާނެ ކަމެއްދަސްކޮށްދެއްވާށެވެ. ޙަދީޘް ކުރެއްވިއެވެ. “ހުރިހާ ހެޔޮކަމެއްގެ މައިގަނޑު ބުނެދެއްވަން ހެއްޔެވެ”. މުޢާޛް ދެންނެވިއެވެ. “އާދޭހެވެ”، އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ އެކަލޭގެފާނުގެ ދޫކޮޅުގައި ހިއްޕަވައި ޙަދީޘް ކުރެއްވިއެވެ. “މިއެތި ހިފަހައްޓާށެވެ”، އެހިނދު މުޢާޛް ދެންނެވިއެވެ. “އަހަރުމެން ދައްކާވާހަކައެއްގެ ސަބަބުން ފާފަލިބޭތޯއެވެ؟”، ޙަދީޘް ކުރެއްވިއެވެ. “މީސްތަކުން މޫނުވަތަށް ނަރަކައަށް ވައްޓައިލެވެނީ އެމީހުންގެ ދުލުން ބޭރުކުރި ބަސްތަކެއްގެ ސަބަބުން ނޫން ކޮން ކަމަކުން ހެއްޔެވެ؟!”.

ކަން މިހެން އޮތްނަމަވެސް މީސްތަކުން ދުލާއިމެދު ކުޑަވެސް ފަރުވާތެރިކަމެއް ބަހައްޓާތަނެއް ނުފެނެއެވެ. ޙަގީގަތާއި ޚިލާފު ދޮގު ވާހަކަ ދެއްކުމާއި، ޣީބަބުނުމާއި، ދެބައޮޑުވުން ފަދަ ނުރައްކާތެރި ކަންތައްތައް އަޅުގަޑުމެންގެ މުޖްތަމަޢުގައިވަނީ ޢާއްމުވެފައެވެ. މިކަމަކީ ކިހާވަރެއްގެ ނުރައްކާތެރިކަމެއް ކަމާއިމެދު ކުޑަކޮށްވެސް ވިސްނާލުމެއް ނެތިއެވެ. ދުލުންބޭރުކުރާ ކޮންމެ ލަފްޡަކީ ރަގީބް އާއި ޢަތީދް ލިޔުއްވާނެ އެއްޗެއްކަމާއިމެދު އެއްވެސް ވަރަކަށް ވިސްނައިނުލައެވެ. (ما يلفظ من قول إلا لديه رقيب عتيد)  ق: ١٨ މާނައަކީ: “އޭނާގެ ދުލުންބޭރުކުރާ ކޮންމެ ބަހެއް ރަގީބް އާއި ޢަތީދް ލިޔުއްވައެވެ”.

މި ލިޔުމަށް މައުލޫމާތު ނަގާފައިވަނި ރާއްޖޭެ ބައެއް ދީނީ ޢިލްމުވެރިން ލިޔެފައިވާ ލިޔުންތަކުން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް