ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ދުވަހު ޕީޕީއެމްގެ ހުރިހާ މެންބަރުން މާލޭގައި ތިބުމަށް ރައީސް އަބްދުﷲ ޔާމީން އަންގަވިފި އެވެ.
މަސީހުގެ މައްޗަށް ހުށަހަޅާފައިވާ އިތުރުބާރު ނެތްކަމުގެ މައްސަލަ ތާވަލުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހަށެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު 26 މެންބަރުންގެ ސޮޔާއި އެކު އެވެ.
އެ ވޯޓާއި ގުޅޭގޮތުން ޕީޕީއެމް ޕީޖީ ވައިބާ ގްރޫޕުގައި ރައީސް ޔާމީން ދެއްކެވި ވާހަކަތަކުގެ މައުލޫމާތު ވަނީ އާންމުވެފައި އެވެ. ރައީސް ވިދާޅުވެފައިވަނީ އެ ވޯޓު ނެގުމުގެ ތިން ދުވަސް ކުރިން ހުރިހާ މެންބަރުން މާލެ ވަޑައިގެންނަވަން ވާނެ ކަމަށެވެ. އަދި ދަތުރުތައް އެގޮތަށް ރޭވުމަށް އެދިވަޑައިގެންފައިވެ އެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ އިތުބާރު ނެތް ކަމުގެ ވޯޓަކީ ހަމައެކަނި މަސީހާ ދެކޮޅަށް ނަގާ ވޯޓެއް ނޫން ކަމަށެވެ. މީގެ އިތުރުން ހަސަދަވެރިންގެ ހަސަދައިގެ ދަލުގައި ނުޖެހުމަށް ވަނީ އިލްތިމާސް ކުރައްވާފައި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އިސްކޮށް ހުންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނެވެ. މި ވޯޓަށް ޕީޕީއެމްގެ މައުމޫން ފެކްޝަންގެ މެންބަރުންނާއި އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީގެ މެންބަރުން ތާއީދު ކުރައްވަ އެވެ.
ފާރިސް ވިދާޅުވީ މަސީހު މަގާމުން ދުރުކުރަން ބޭނުންވާ އަދަދަށްވުރެ ގިނައިން ވޯޓު ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް