އެޗް1އެން1 ވައިރަސް ފެތުރޭއިރު ރައްކާތެރިވެ، ސަމާލުކަން ދޭންވީ ކަންކަން!

މުޅި ރާއްޖޭގައި ހަލުވި ކަމާއި އެކު ހުމާއި އަރިދަފުސް ރޯގާ ފެތުރެމުންދަނިކޮށް އެޗް1އެން1 އަށް ޕޮޒިޓިވް ވެފައިވާ މީހުންވެސް މިވަނީ ފެންނަން ފަށާފަ އެވެ. ކޮންމެ އަހަރަކު ހުމާއި ރޯގާ އިތުރުވާ ދުވަސްވަރު އ...

14 Mar 2017 | 02:00

މުޅި ރާއްޖޭގައި ހަލުވި ކަމާއި އެކު ހުމާއި އަރިދަފުސް ރޯގާ ފެތުރެމުންދަނިކޮށް އެޗް1އެން1 އަށް ޕޮޒިޓިވް ވެފައިވާ މީހުންވެސް މިވަނީ ފެންނަން ފަށާފަ އެވެ.

ކޮންމެ އަހަރަކު ހުމާއި ރޯގާ އިތުރުވާ ދުވަސްވަރު އެޗް1އެން1 ވައިރަސް ކޮންމެސް ވަރަކަށް ފެނެ އެވެ. ތަފާސް ހިސާބުދައްކާގޮތުން މިދިޔަ ދެ އަހަރު 16 މީހަކު ވަނީ އެ ވައިރަސް އަށް ޕޮޒިޓިވް ވެފައި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިހާރު ފެތުރެމުންދާ ހުމާއި ރޯގާ އާއި ގުޅިގެން ހަލުވި ކަމާއި އެކު އެޗް1އެން1 ފެތުރެމުންދާ ކަމަށެވެ. އަދި ރެއާއި ހަމައަށް 51 މީހަކު ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިފަދަ  ހާލަތެއްގައި ކޮންމެ މީހަކުވެސް އަމިއްލައަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިސްކަން ދިނުމަކީ މުހިންމު ކަމެކެވެ. ތިރީގައި އެވަނީ އެޗް1އެން1 އިން ރައްކާތެރިވުމުގެ ގޮތުން ނުވަތަ ސަމާލުކަން ދިނުމަށް އަމިއްލައަށް ކުރެވިދާނެ ކަންކަމެވެ.

އާންމުންގެ ތެރެއަށް ނުވަތަ ގިނަ މީހުން ތިބޭ ތަންތަނުގައި އަނގަމަތި ނިވާވާ ގޮތަށް މާސްކް އެޅުން.

އިރުކޮޅަކާ އަތް ދޮވެލަން އާދަ ކުރުން. އަތުގައި ރުމާލެއް ކަހަލަ ފޮތިކޮޅެއް ނުވަތަ ޓިޝޫއެއް ގެންގުޅުން.

އަބަދުވެސް ހަނދާން ކުރަންވީ އެޗް1އެން1 ވައިރަސް ފެތުރެނީ ކެއްސާ ހިނބިހި އަޅާއިރު ބޭރުވާ ޖަރާސީމުންނާއި ވައިގެ ތެރޭގައި އުޅޭ އެފަދަ ޖަރާސީމުތަކުންކަން.

މާ ބޮޑަށް ފިނި ތަންތަނުގައި ނޫޅުން، އެއީ މި ވައިރަސް ފިނި ގަދަވުމުގެ ސަބަބުން ހަށިގަނޑުގައި ފެތުރޭލެއް އަވަސްވޭ.

މި ވައިރަސް ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުން، ރޯގާ ޖެހުން، ކެއްސުން، ކިނބިހި އެޅުން، ކަރުގައި ރިއްސުން، ވަރުބަލިވުން އަދި ގައިގަ ރިއްސުމާއި ބޮލުގައި ރިއްސުން.

މި ވައިރަސް ޖެހިއްޖެ ނަމަ ސީރިއަސްވުުގެ ފުރުސަތު ބޮޑީ ކުޑަކުދިންނާއި، މުސްކުޅިން. އެހެންކަމުން މި ބަލިން ކުޑަކުދިންނާއި މުސްކުޅިން ރައްކާތެރި ކުރުމަށް އިތުރަށް ސަމާލުވާން ޖެހޭ.

އެޗް1އެން1 ޖެހިއްޖެ ނަމަ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް ބެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ. އެގޮތުން ލުބޯ ފަނި ކަހަލަ ދިޔާ އެއްޗެހި ބުއިން އިތުރު ކުރަންޖެހޭ.

މި ވައިރަސް ޖެހޭ މީހުންގެ ތެރެއިން ފުރާނައަށް ނުރައްކާވާ ހިސާބަށް މީހާގެ ހާލަތު ދަނީ ފަރުވާދެވުން ލަސްވުމުންނެވެ. އެޗް1އެން1 ގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދުމުން 15-25 ދުވަހުގެ ތެރޭގައި ބަލިން ސަލާމަތްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް