ރަސްފަންނާއި ސަލްޓަން ޕާކު އަލުން އާރާސްތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން މިއަދު ބުނެފައިވަނި މާލޭ ސިޓީ ކައުންސިލުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި ހުރި ސަލްޓަން ޕާރކާއި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ފަށާފައިކަމަށެވެ.
"2016 ވަނަ އަހަރު ހުޅުވުނު ސަލްޓަން ޕާރކުގެ ހާލަތު ދެނެގަތުމަށް ޚާއްސަ ދިރާސާއެއް ހެދުމަށްފަހު، އެތަން އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ އާންމުކޮށް އިޢުލާނުކޮށްފައި، މި ޕާރކަކީ ހުޅުވުނު ފަހުން އެއްވެސް މަރާމާތެއް ނުކުރެވި، އެތަނުގައި ހުރި ޢިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ތަންތަން" ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ރަސްފަންނުގެ މަރާމާތުގެ މަސައްކަތަށް ބަލާއިރު، އެތަނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ދޫކޮށްފައިވާކަމަށާއި މި މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރ އަންނަ ހަފްތާގެ ތެރޭގައި އެތަނުގެ ޗަކަ ނަގައި، މަސައްކަތް ފަށާނެ ކަމަށް އަންގާފައިވާނެކަމަށް ބުނެފައިވެއެވެ.
"ރަސްފަންނު މަރާމާތްކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، އެފަރާތާއެކު ވެފައިވާ އެއްބަސްވުން މިހާރު ވަނީ ބާޠިލުކުރެވިފައި، އަދި މީގެ ފަހުން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ މިއިދާރާއިން" ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ސިޓީ ކައުންސިލުން މިހެން ބުނެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި ހިތާމަކުރައްވާކަމަށާއި ދެ ތަންވެސް ދަނީ ވީރާނާވަމުން ކަމަށެވެ.
މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް