އެންމެ އަވަހަށް ފަށާ ހައުސިންގ މަޝްރޫޢުތަކުން ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ފުރުސަތު ދެނީ

އެންމެ އަވަހަށް ފަށާ ހައުސިންގ މަޝްރޫޢުތަކުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު...

14 Feb 2024 | 13:42

އެންމެ އަވަހަށް ފަށާ ހައުސިންގ މަޝްރޫޢުތަކުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ސިލްސިލާގައި ރ.މީދޫއަށް ނިސްބަތްވާ ތޯހާ ހުސެއިން، ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހިޔާވަހިކަމާ ގުޅޭ ގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މަޝްވަރާ ސަރުކާރުން ހޯދުމާމެދު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގާއި މަސައްކަތް ކުރާ ފަރާތްތައް، ޚާއްސަކޮށް ޒުވާނުންނަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދޭނެ ފަރާތްތަކެއް ކަމަށާއި، އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަ ހައުސިންގ ސްކީމެއް، ސޯޝަލް ހައުސިންގ ޕްރޮޖެކްޓްތަކުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ކެބިނެޓުން މިހާރު ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަމާ ގުޅޭ އޮނިގަނޑު މިހާރު ފާސްކުރެވިފައިވާ ކަމަށާއި، އެ އޮނިގަނޑުގެ މައްޗަށް ބިނާކޮށް ފަތުރުވެރިކަމުގެ ދާއިރާގެ އެކި އެކި ޖަމިއްޔާތަކާއި މި ދާއިރާގައި މަސައްކަތް ކުރާ އެކި އެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާއާއެކު އެ ކެޓެގަރީގެ ތަފްސީލުތައް ކަނޑައެޅުމަށް ކެބިނެޓުން ނިންމާފައިވާކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ދިނުމަށް ޝަރުތުތައް ކަނޑައެޅުމާއި ޕޮއިންޓް ދޭނެ ގޮތްތައް ކަނޑައެޅުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ހިންގާ ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން ވަކި އިންސައްތައެއް، އެ ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅުމަށްވެސް ނިންމާފައިވާ ކަމަށެވެ.

"މާނައަކީ ހަމައެކަނި މާލެ ސަރަހައްދަކުންނެއް ނޫނޭ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފްލެޓުތައް ނުވަތަ ހައުސިންގ ޔުނިޓްތައް ދޭނީ. އަޅުގަނޑުމެންގެ ސިޔާސަތަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައުސިންގ މަޝްރޫޢުތައް ހިންގާ އިރު އެ ސަރަހައްދެއްގައި ހުރި ރިސޯޓުތަކުގައި މަސައްކަތް ކުރާ ޒުވާނުންނަށް، އެ ސަރަހައްދަކުން ފްލެޓު ނުވަތަ ހައުސިންގ ޔުނިޓުތަކުން ޖާގަ ލިބިގެން ދިއުން."

އެ ފުރުސަތު ދެވިގެންދާނީ ކިހާތާކުތޯ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ އަވަހަށް ފެށޭ ހައުސިންގ ޔުނިޓް މަޝްރޫޢުތަކުގެ ތެރެއިންވެސް އެކަން ހަމަޖެހިގެން ދާނެ ކަމަށެވެ. އެގޮތުން އެކަމާ ގުޅޭ މަސައްކަތްތައް ފަށާފައިވާ ކަމަށާއި، އުންމީދަކީ މިއަހަރުގެ ތެރޭގައި އެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ މަސައްކަތް ކުރައްވާނީ މި ދާއިރާގެ މަސައްކަތްތެރިންނާއި ޚިދުމަތްތެރިންގެ ޚިޔާލާއި މަޝްވަރާއާ އެއްގޮތަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް