މުޅި ރާއްޖޭގައި ފައިލޭރިއާ އަށް ސްރީން ކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ މި ޕްރޮގްރާމަކީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި ފައިލޭރިއާ ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި މުޅި ރާއްޖޭގައި ފަށައި ޕްރޮގްރާމެއް ކަމަށެވެ.
ހުކުރު ދުވަހު މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އެޗްޕީއޭއާއި މޯލްޑިވްސް ރެޑް ކްރެސެންޓާއި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތައް އަދި ހުރިހާ ކައުންސިލްތަކުގެ ބައިވެރުވުމާއެކުއެވެ.
މި ޕްރޮގްރާމްގައި ފައިލޭރިއާއަށް ސްކްރީންކުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ބައެއް ރިސޯޓުތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައި ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އެޗްޕީއޭއިން ބުނީ ސްކްރީނިންގައި ބައިވެރިވެވޭނީ ކޮންމެ ރަށަކުންވެސް ވަކި އަދަދަކަށް ގުރުއަތުން ހޮވާލެވޭ 18 އަހަރުން މަތީގެ ދިވެހީންނާއި ބިދޭސީން ކަމަށެވެ.
އެޗްޕީއޭއިން ބުނީ ފައިލޭރިއާއަށް ސްކްރީންކުރުމަށް ޓެސްޓުކުރާނީ އެންޓިޖަން ޓެސްޓު ކިޓު ބޭނުންކޮށްގެން ކަމަށާއި، ޓެސްޓުގެ ނަތީޖާ 15 ވަރަކަށް މިނެޓުގެ ތެރޭގައި ލިބޭނެ ކަމަށެވެ. ޓެސްޓުކުރުމަށް ފަހު ބައްޔަށް ޕޮޒިޓިވް ވާ މީހުންނަށް ބޭސް ދެވިގެންދާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެޗްޕީއޭ އިން ބުނީ ބޭސް ކާން ޖެހޭނީ އެންމެ ފަހަރަކު ކަމަށާއި، އެ ބޭހުގެ ސަބަބުން ބައްޔަށް ފަރުވާ ކުރުމާއި އެމީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓޭނެ ކަމަށެވެ.
މިހާތަނަށް މި ބައްޔަށް 32 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އެ އެންމެނަކީވެސް ބިދޭސީންނެވެ. އެޗްޕީއޭއިން ބުނީ އެމީހުންނަކީ ރާއްޖެއިން ބޭރުން އެ ބައްޔާއެކު އެތެރެވެފައިވާ މީހުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް