މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ރުފިޔާ ކާޑުތަކުގެ ތެރެއިން އެ ބޭންކުގެ އެކައުންޓަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް ޑޮލަރުގެ މުއާމަލާތް ކުރުމަށް ކަނޑައަޅާފައިވާ ލިމިޓު ބޮޑުކޮށްފިއެވެ.
އެމްއައިބީގެ ރުފިޔާ ކާޑަށް މީގެ ކުރިން ކަނޑައަޅާފައިވާ ލިމިޓަޑީ މަހަކަށް 100 ޑޮލަރެވެ. އެމްއައިބީން މިހާރު ވަނީ އެ އަދަދު 250 ޑޮލަރަށް ބޮޑުކޮށްފައެވެ.
އެމްއައިބީގެ އެކަންޓުތަކަށް މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް، އެ ބޭންކަށް މުސާރަ ޖަމާކުރަން ފަށާ ފުރަތަމަ މަހުން ފެށިގެން "މިބްނައިން" ކްލަބުގެ މެމްބާޝިޕުގެ ދަށުން މިފަދަ ފައިދާތައް ލިބޭނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ. އެގޮތުން، "އުޖާލާ ދިރިއުޅުން" ގެ ރޭޓާއި ފައިނޭންސިން ފީއަށް ނަގާ ޕަސެންޓު ކުޑަވާނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ. މީގެ އިތުރުން ވިސާ އެވްރީޑޭ ކާޑުގެ ރެޖިސްޓްރޭޝަން ފީވެސް އެފަރާތްތަކުން ދައްކަން ނުޖެހޭނެ ކަމަށް އެމްއައިބީން މައުލޫމާތުދެއެވެ.
އެމްއައިބީން މި މަހުގެ 4 ވަނަ ދުވަހު ވަނީ ހުޅުމާލޭގައި ޑޮލަރު އޭޓީއެމްގެ ބްރާންޗެއްވެސް ހުޅުވާފައެވެ. ހުޅުމާލޭގައި ގާއިމްކުރި ޑޮލަރު އޭޓީއެމްގެ ހިދުމަތް 24 ގަޑިއިރު ލިބޭއިރު، އެމްއައިބީގެ ކަސްޓަމަރުންނަށް މި އޭޓީއެމް އިން ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއެވެ.
ކޮންމެ ކަސްޓަމަރަކަށްވެސް އެމްއައިބީގެ ޑޮލަރު އޭޓީއެމް މެދުވެރިކޮށް ދުވާލަކު އެންމެ ގިނަ ވެގެން ނެގޭނީ 1,600 ޑޮލަރެވެ. އަދި އަމިއްލަ ފަރުދުންނަށް ދުވާލަކު 12,000 ޑޮލަރު ޖަމާކުރެވޭއިރު، ވިޔަފާރިތަކަށް 32,000 ޑޮލަރު ޖަމާކުރެވޭނެ ކަމަށް އެމްއައިބީ އިން މައުލޫމާތުދެއެވެ.
އެމްއައިބީން ރުފިޔާ ކާޑަށް ބޭނުންކުރެވޭ ޑޮލަރު ލިމިޓް 250 އަށް ބޮޑުކޮށްފައި މިވަނީ ބޭންކް އޮފް މޯލްޑިވްސް ގެ ޑޮލަރު ލިމިޓް ކުޑަކުރުމާ ގުޅޭ ގޮތުން ވާހަކަ ފެތުރިފައިވަނިކޮށެވެ. ނަމަވެސް އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަދި ނިންމާފައި ނުވާކަމުގެ ޔަގީންކަން ބީއެމްއެލް އިން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް