ކެންސަރ ހޮސްޕިޓަލް އިމާރާތްކުރަން ނިންމައި އެކަމުގެ ފީސިބިލިޓީ ދިރާސާތައް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން މިއަދު އިއުލާންކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ކެންސަރ ހޮސްޕިޓަލްގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ޝީޓު ފުރިހަމަކުރުމަށް ހެލްތު މިނިސްޓްރީއަށް އީމެއިލްކުރެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ހެލްތު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ކެންސަރު ހޮސްޕިޓަލް އިމާރާތްކުރުމަށް ނިންމާފައިވަނީ އައިޖީއެމްއެޗްގެ މުވައްޒަފުންނަށް ހާއްސަ ޕާކިން އޭރިއާ އަދި ދިރާގު ބިއްދޮށުގައި އޮންނަ ޕާކިން ޒޯނު އެއްކޮށްލައިގެންނެވެ.
ކެންސަރ ހޮސްޕިޓަލަކީ ލ.ގަމުގައި ކުރީ ސަރުކާރުން އަޅަން ނިންމި ހޮސްޕިޓަލެކެވެ. ނަމަވެސް އަދުގެ ސަރުކާރުން ވަނީ އެ ހޮސްޕިޓަލް މާލޭގައި އެޅުމަށް ނިންމާފައެވެ. މި ނިންމެވުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ލ.ގަމު ކައުންސިލުން ބުނީ އެ ކައުންސިލުން ޤަބޫލުކުރާ ގޮތުގައި އާބާދީ ތޮށްޖެހިފައިވާ މާލެ ފަދަ ސަރަހައްދަކަށް ކެންސަރ ހޮސްޕިޓަލް ބަދަލުކުރުމަކީ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ހުރި ނުރައްކަލެއް ކަމަށެވެ.
ލ.ގަން ކައުންސިލުން ބުނެފައިވަނީ ހައްދުމަތީ ގަމުގައި ނިމިދިޔަ ސަރުކާރުން ލ.ގަމުގައި ކެންސަރ ހޮސްޕިޓަލެއް ޤާއިމްކުރުމަށް ނިންމި ނިންމެވުން ވެގެންދިޔައީ އެރަށުގައި ދިރިއުޅޭ ފަރާތްތަކާއި މުޅި އަތޮޅުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކަށް ކަމަށެވެ. އަދި އެ ސަރުކާރު ނިމުނުއިރު ކެންސަރ ހޮސްޕިޓަލް އިމާރާތްކުރާ ބިން ހަމަޖައްސަވާ، އެތަނުގައި ހުރި ރުށްގަހުގެ ބަދަލު ހަމަޖައްސަވާ، މަސައްކަތް ފެށުމުގެ މަރުހަލާގައި އޮތްކަމުން، ލ.ގަމުގެ ރައްޔިތުންނާއި ކައުންސިލުން އުންމީދު ކުރަމުން ދިޔައީ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޒައާމަތުގައި ކުރިއަށްވުރެ ބާރުމިނުގައި އެ ހޮސްޕިޓަލުގެ މަސައްކަތް ފެށި ކުރިއަށް ގެންދަވާނެ ކަމަށެވެ.
ކެންސަރަށް ދެވޭ ފަރުވާއަކީ ނުރައްކާތެރި ކެމިކަލް ހިމެނޭ ފަރުވާއަކަށް ވާތީ، އެފަދަ ކެމިކަލެއް ރައްކާތެރިކަމާއެކު ގެންގުޅެވޭނެ ވަސީލަތް ޤާއިމްކުރުމުގައިވެސް ލ.ގަން ފަދަ ބިންބޮޑު ރަށެއް މުހިންމު ކަމަށް ކައުންސިލުން ބުންޏެވެ. އެ ކައުންސިލުން ބުނީ އެކަންކަން އެހެން ހުރުމާއެކުވެސް ކެންސަރ ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމެވި ނިންމެވުމަކީ ލ.ގަމުގެ ރައްޔިތުންނާއި ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް